ދިވެހި ރާއްޖޭގެ ގައުމީ އަންހެން އަދި ފިރިހެން ގައުމީ ވޮލީ ޓީމު ތަމްރީނު ހެދުމަށް ޔޫރަޕަށް އަންނަ ހަފްތާގައި ފުރުމަށް ހަމަޖެހިފައިވާކަމަށް ވޮލީ އިންޓަރިމް ކޮމެޓީގެ މެމްބަރު މުހައްމަދު ސާޖިދު (ކާއްޓޭ) ބުނެފިއެވެ.
ކާއްޓޭ އޭނާގެ ފޭސްބުކްގައި ބުނީ ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހުލޫފް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ އެހީތެރިކަމާއެކު ގައުމީ އަންހެން އަދި ފިރިހެން ޓީމު ޓްރެއިނިންގ ހެދުމަށް ސާބިއާއަށް އަންނަ ހަފްތާގައި ފުރުމަށް ހަމަޖެހިފައިވާ ކަމަށާއި މި ފުރުސަތު ގައުމީ އަންހެން އަދި ފިރިހެން ވޮލީ ޓީމަށް ހޯއްދަވައިދެއްވީތީ ކުޅިވަރާބެހޭ ވަޒީރަށާއި ރައީސް އަށް ޝުކުރުއަދާ ކުރާ ކަމަށެވެ.
ރާއްޖެ. އެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖޭގެ އަންހެން އަދި ފިރިހެން ވޮލީ ޓީމު ސާބިއާއަށް ފުރުމަށް ހަމަޖެހިފައިވަނީ މި މަހު 25 ގައެވެ.
ގައުމީ އަންހެން އަދި ފިރިހެން ވޮލީ ޓީމު ސާބިއާގައި ތަމްރީނުތައް ހެދުމަށް ހަމަޖެހިފައިވަނީ ކުރިޔަށް އޮތް ސެންޓްރަލް ޒޯން ވޮލީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުންނެވެ.
ރާއްޖޭގެ އަންހެން ގައުމީ ވޮލީ ޓީމުން ވަނީ ނިމިދިޔަ އަހަރުގެ ސެންޓްރަލް ޒޯން ވޮލީ މުބާރާތުން ރިހި މެޑަލް ހޯދައިފައެވެ. އަދި ރާއްޖޭގެ ފިރިހެން ވޮލީ ޓީމު ވެސް ވަނީ މީގެ ކުރިން މި މުބާރާތުގެ ރިހި މެޑަލް ހޯދައިފައެވެ.