ޖަރުމަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ވާޑާ ބްރޭމަން އަތުން މޮޅުވެ އާރުބީ ލެއިޕްޒީގް ތާވަލުގެ އެއްވަނައަށް ޖެހިލައިފި އެވެ.
އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ލެއިޕްޒީގް މޮޅުވީ 3-0 އިންނެވެ. މި މޮޅާއެކު ލެއިޕްޒީގް ތާވަލުގެ އެއްވަނައަށް ޖެހިލީ ކުޅުނު 22 މެޗުން 45 ޕޮއިންޓު ހަމަކޮށްގެންނެވެ. ދެވަނައިގައި އޮތް ބަޔާން މިއުނިކަށް 21 މެޗުން ލިބިފައިވަނީ 43 ޕޮއިންޓެވެ. އެހެންކަމުން ލީގުގައި އާދީއްތަ ދުވަހުގެރޭ އެފްސީ ކޮލިން ބަލިކޮށް ތާވަލުގެ އެއްވަނައަށް އަލުން އެރުމުގެ ފުރުޞަތު ބަޔާނަށް އެބައޮތެވެ.
ލެއިޕްޒީގްގެ ދަނޑުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގައި އެޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 17 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. ޕެޓްރިކް ޝިކްގެ އެހީއާއެކު މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލޫކަސް ކްލޮސްޓާމަން އެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން 39 ވަނަ މިނެޓުގައި ޕެޓްރިކް ޝިކް ވަނީ ލެއިޕްޒީގަށް ލީޑު ފުޅާކޮށްދީފައެވެ.
މި މެޗުގައި ލެއިޕްޒީގުން ކާމިޔާބުކުރި ތިންވަނަ ލަނޑު ފުރަތަމަ ހާފު ފަށައިގެން މިނެޓެއް ތެރޭ ކޮންރަޑް ލެއިމާގެ އެހީއާއެކު ކާމިޔާބުކޮށްދިނީ ނޯޑީ މުކިއޭލޭ އެވެ.
ޖަރުމަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ވާޑާ އަތުން ކުރިހޯދާ އެއްވަނައަށް ލެއިޕްޒީގް ޖެހިލިއިރު، ލީގުގައި ދެން ލެއިޕްޒީގް މެޗެއް ކުޅޭނީ މި މަހުގެ 22 ވަނަ ދުވަހުއެވެ. އެ ދުވަހު ލެއިޕްޒީގް ނުކުންނާނީ ޝާލްކޭއާ ދެކޮޅަށެވެ.