ނޯވިޗް ސިޓީ އަތުން މޮޅުވެ އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި 25 ޕޮއިންޓުގެ ލީޑެއް ލިވަޕޫލުން ނަގައިފި އެވެ.
ނޯވިޗްގެ މައްޗަށް ލިވަޕޫލް ކުރިހޯދީ 1-0 ގެ ނަތީޖާއަކުންނެވެ. މިއީ ލީގުގައި ލިވަޕޫލުން ޖެހިޖެހިގެން ހޯދި 17 ވަނަ މޮޅެވެ.
މި ނަތީޖާއާއެކު ލިވަޕޫލް އެއްވަނައިގައި އޮތީ 26 މެޗުން ލިބުނު 76 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 24 މެޗުން ލިބިފައިވަނީ 51 ޕޮއިންޓެވެ. އެހެންކަމުން ލީގުގައި ބުރާސްފަތި ދުވަހުގެރޭ ވެސްޓް ހޭމްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ލިވަޕޫލްގެ ލީޑު 22 ޕޮއިންޓަށް ކުޑަކުރުމުގެ ފުރުސަތު ސިޓީއަށް އެބައޮތެވެ.
ހޮނިހިރު ދުވަހުގެރޭގެ މެޗުން މޮޅުވެ ލިވަޕޫލް ވަނީ އަންނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއްވެސް ކަށަވަރުކޮށްފައެވެ. މީގެ އިތުރުން ލީގުގައި ކުޅުނު 26 މެޗުން ލިވަޕޫލް 76 ޕޮއިންޓު ހަމަކުރިއިރު، މިފަހަރުގެ ލީގު ޗެމްޕިއަންކަން ހޯދަން ދެން ލިވަޕޫލަށް ބޭނުންވަނީ 15 ޕޮއިންޓެވެ.
ނޯވިޗްގެ ދަނޑުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. ދެވަނަ ހާފުގައި ލިވަޕޫލުން ކުޅުން ރަނގަޅުކުރިއިރު، މެޗުގައި އެޓީމުން ލީޑު ނެގީ 78 ވަނަ މިނެޓުގައެވެ. ކެޕްޓަން ޖޯޑަން ހެންޑަސަން ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު ލިވަޕޫލަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ސަޑިއޯ މާނޭ އެވެ. މިއީ މިދިޔަ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު ފަލަމަސްގަނަޑަށް ލިބުނު އަނިޔާއިން ރަނގަޅުވެ މާނޭ ކުޅުނު ފުރަތަމަ މެޗެވެ.
ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ނޯވިޗްގެ މައްޗަށް ލިވަޕޫލް ކުރިހޯދިއިރު، މި ސީޒަނުގައި މިހާތަނަށް ލިވަޕޫލް މެޗަކުން ބަލިވެފައެއް ނުވެއެވެ. ލިވަޕޫލް މިހާރު ވަނީ ލީގުގައި ބަލިނުވެ 43 މެޗު ހަމަކޮށް ނޮޓިންހަމް ފޮރެސްޓުގެ ރެކޯޑް މުގުރާލާފައެވެ. ލިވަޕޫލަށްވުރެ ރެކޯޑް ރަނގަޅީ ބަލިނުވެ ލީގު ޗެމްޕިއަންކަން ހޯދައި ޖުމްލަ 49 މެޗު ހަމަކުރި އާސެނަލް އެވެ.