ދެވަނަ ޑިވިޝަނުގެ ސެމީ ފައިނަލުގައި ހުކުރު ދުވަހުގެރޭ ޖޭޖޭ ސްޕޯޓްސް ބަލިކޮށް ކްލަބު ވެލެންސިއާ އަލުން ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދައިފި އެވެ.
ދެވަނަ ޑިވިޝަނުގެ ފައިނަލަށް ދާ ދެ ޓީމަށް، އަންނަ ސީޒަނުގެ ފުރަތަމަ ޑިވިޝަނުން ޖާގަ ލިބޭގޮތްވީ ސަސްޕެންޝަނުގެ ސަބަބުން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބު ދެވަނަ ޑިވިޝަނަށް ވެއްޓުމުންނެވެ. ކުރިން ގަވާއިދުގައި އޮންނަނީ ދިވެހި ޕްރިމިއާ ލީގުގެ އެންމެ ފުލަށް ދާ ދެ ޓީމާއި ދެވަނަ ޑިވިޝަނުގެ ފައިނަލުގައި ކުޅޭ ދެ ޓީމު މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު، އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމެއް ފުރަތަމަ ޑިވިޝަނަށް އަންނަ ގޮތަށެވެ.
ވެލެންސިއާ އަކީ 1979 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރި ޓީމެކެވެ. މިދިޔަ އަހަރު ދެވަނަ ޑިވިޝަނަށް ރެލިގޭޓްވި ވެލެންސިއާ ހުކުރު ދުވަހުގެރޭ ޖޭޖޭ ސްޕޯޓްސް ކްލަބުގެ މައްޗަށް ސެމީފައިނަލް ދެވަނަ މެޗުގައި ކުރިހޯދީ 3-2 ގެ ނަތީޖާއަކުންނެވެ. އެއާއެކު ވެލެންސިއާ ވަނީ ފުރަތަމަ ޑިވިޝަނަށް ކޮލިފައިވެ، ދެވަނަ ޑިވިޝަނުގެ ފައިނަލުން ޖާގަ ހޯދާފައެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ހުކުރު ދުވަހުގެރޭ ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޖޭޖޭ ސްޕޯޓްސް ކްލަބުންނެވެ. މެޗުގެ 18 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ ނާފިއު (ކަޅޭ) އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ވެލެންސިއާއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ހިލޭ ޖެހުމަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) އެވެ. ދެވަނަ ހާފުގައި ވެލެންސިއާ އިން ރަނގަޅު ކުޅުމެއް ދެއްކިއިރު، ދޭސީ ފޯވާޑް އައިރީ ސަމިއުލްގެ ދެ ލަނޑުން ވެލެންސިއާއިން ވަނީ ލީޑު ފުޅާކޮށްފައެވެ. މެޗުގައި ޖޭޖޭއިން ފަރަގު ކުޑަކުރީ 81 ވަނަ މިނެޓުގައި ކަޅޭ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ވެލެންސިއާގެ އިތުރުން ފުރަތަމަ ޑިވިޝަނުގެ ޖާގައެއް ސުޕަ ޔުނައިޓެޑް ސްޕޯޓްސްއިންވެސް ވަނީ ހޯދާފައެވެ. އެޓީމު ފުރަތަމަ ޑިވިޝަނަށް ކޮލިފައިވީ ހުކުރު ދުވަހު ހަވީރު ސެމީފައިނަލް ފުރަތަމަ މެޗުގައި 2-1 އިން ކްލަބް ޕީކޭ ބަލިކޮށްގެންނެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ހުކުރު ދުވަހު ހަވީރު ކުޅުނު މެޗުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސްއިން ލީޑު ނެގީ މެޗުގެ 10 ވަނަ މިނެޓުގައި ހުޒެއިފަތު ރަޝީދު ކާމިޔާބުކުރި ލަނޑުންނެވެ. އެޓީމަށް ލީޑު ފުޅާކޮށްދިނީ އޭގެ ހަތަރު މިނެޓު ފަހުން އާދަމް ނިޒާމްއެވެ. މި މެޗުގައި ޕީކޭއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 27 ވަނަ މިނެޓުގައި ޖަހައިދިނީ ބިދޭސީ ކުޅުންތެރިޔާ ބޯޑު ޕްރިންސް އެވެ.
މިއަހަރުގެ މުބާރާތުގެ ފައިނަލަށް ވެލެންސިއާ އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް ދަތުރުކުރިއިރު، މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެރޭ އެވެ.