ގައުމީ ވޮލީބޯޅަ ޓީމުގެ ސާބިއާ ކޯޗުގެ މުސާރަ އަކީ މަހަކު 120,000 ރުފިޔާ (ހަތް ހާސް ޔޫރޯ) ކަމަށް ކުޅިވަރާއި ބެހޭ ވަޒީރު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގުރާމުގައި ވާހަކަ ދައްކަމުން ކުޅިވަރާއި ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވީ ދުނިޔޭގެ އެއްމެ މަތީ ފެންވަރުގެ ކޯޗުންގެ ތަމްރީނު ރާއްޖޭގެ ކުޅުންތެރިންނަށް ހޯދައިދިނުމަކީ، ސަރުކާރުގެ އަމާޒު ކަމަށާއި ދުނިޔޭގެ ތިން ވަނަ ހޯދާފައިވާ ކޯޗަކު އަގުހެޔޮކޮށް ނާންނާނެ ކަމަށެވެ.
އަބަދުވެސް ކަމެއް ރަނގަޅުކުރަންބޭނުން ކަމަށް ވަނިއްޔާ ކުރަންޖެހޭ ޚަރަދު ވެސް ބޮޑުވާނެ. ދުނިޔޭގެ ތިންވަނަ ހޯދާފައިވާ ކޯޗަކު ނާންނާނެ އަގުހެޔޮކޮށެއް. އެވަރުގެ ކޯޗެއް ގޮވައިގެން މަސައްކަތް މި ކުރަނީ އެގޮތައް މަސައްކަތް ކުރީމަ އޭގެން ނިކުންނަ ނަތީޖާ ފޮނިވެފަ، ރަނގަޅުވާނެތީ. އެއްމެ މަތީފެންވަރުގެ ކޯޗުން ފުޓްބޯޅައަށް ވެސް ބެޑްމިންޓަން. ޓީޓީ އަދި އެތްލެޓިކްސްއަށް ވެސް އަންނާނެއަގު ބޮޑު ކޯޗެއް ގެނައި ސަބަބާއި ބެހޭ ގޮތުން ވަޒީރު ވިދާޅުވި
ސައުތު އޭޝިއަން ގޭމްސްގައި ވެސް ގައުމީ ފިރިހެން ވޮލީ ޓީމުން ފެނިފައިވާ ކަމަށާއި ރާއްޖޭގެ ޓާގެޓަކީ އަންނަ އަހަރު އޮންނަ ސައުތު އޭޝިއަން ގޭމްސް އަދި 2023 ވަނަ އަހަރު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ކަމަށް ވަޒީރު ވިދާޅުވިއެވެ.
އުމުރުން 70 އަހަރުގެ މިލޮރަޑް އޭނާގެ ކޯޗިންގ ކެރިޔަރު 1989 ވަނަ އަހަރު ފަށާފައިވާއިރު، އޭނާ ވަނީ ސާބިއާގެ އެކި ޓީމުތަކަށް ކޯޗުކޮށްދީފައެވެ. އަދި އޭނާ ވަނީ އެ ގައުމުގެ ޗެމްޕިއަންކަން 8 ފަހަރު ހޯދާފައެވެ.
ޔޫގޯސްލާވިއާގެ ޖޫނިއަރ ޓީމަށް ކޯޗުކޮށްދީފައިވާ މިލޮރަޑް ވަނީ އެ ގައުމުގެ ސީނިއަރ ޓީމާއެކު 1996 ވަނަ އަހަރު އޮތް ވަރލްޑް ކަޕްގެ ތިންވަނަ ހޯދާފައެވެ. އެއަށްފަހު އޭނާ ވަނީ ބަލްގޭރިއާ ކްލަބުތަކައް ކޯޗުކޮށްދިނުމުގެ އިތުރުން 2002 ވަނަ އަހަރު އެ ގައުމުގެ ސީނިއަރ ޓީމާ ހަވާލުވެފައެވެ.
ބަލްގޭރިއާއާއެކު ވަރލްޑް ލީގުގެ ފަސްވަނަ މިލޮރަޑް ހޯދިއެވެ. އޭނާ ދެން ހަވާލުވީ 2006 ވަނަ އަހަރު އިރާންގެ ކޯޗުކަމާއެވެ. އެއަށްފަހު އޭނާ ވަނީ ޔޫއޭއީގެ ބައެއް ކްލަބުތަކުގައިވެސް މަސައްކަތް ކޮށްފައެވެ.
ސާބިއާގެ ވޮލީބޯޅައިގެ އެކި ޑިވިޝަނުގައި މަސައްކަތްކޮށްފައިވާ ރަޑޯވަން އަދި މިލޮރަޑް ކިޔާޗްގެ އެހީތެރިކަމާއި އެކު ގައުމީ އަންހެން ޓީމުން ވަނީ ބަންގްލަދޭޝްގައި އޮތް އަންހެން ސެންޓްރަލް ޒޯން މުބާރާތުގެ ރިހި މެޑަލް ހޯދާފައެވެ.
ގައުމީ ކޯޗަށް ދެން އެންމެ އަވަހަށް އޮތް މުބާރާތަކީ ރާއްޖޭގައި ބޭއްވުމަށް ނިންމާފައިވާ ސެންޓްރަލް ޒޯނު ވޮލީ މުބާރާތެވެ. ލ. އަތޮޅު ފޮނަދޫގައި ބޭއްވުމަށް މަސައްކަތްކުރި ސެންޓްރަލް ޒޯން ވޮލީ މުބާރާތް މިހާރު އޮތް ތާރީހުގައި ފުނަދޫގައި ބޭއްވޭނެ ކަމުގެ ޔަގީންކަމެއް ނެތް އިރު މާރޗް މަހަށް ޝެޑިއުލްކޮށްފައިވާ މުބާރާތް ފަސްކުރުމަށް އޭވީސީގައި އެދިފައިވާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވިއެވެ.