ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް މަނީ ލޯންޑަރިންގެ ނުބައި ޢަމަލު ވެރިކަމުގައި ހުންނަވައިގެން ހިންގެވިކަމުގެ ކުށް ލަދުވެތިގޮތެއްގައި ސާބިތުވެ، މީގެ ދުވަސްތަކެއް ކުރިން އެމަނިކުފާނުގެ ޢާއިލީ ބޭފުޅުންނާއި، ކުރީގެ މިތުރުން ބަންދުކުރި ގޮޅިއަށް އެމަނިކުފާނު ދާން ޖެހުމާއެކު، އެމަނިކުފާނުގެ އަރިހުގައި ތިބި މަދު ބަޔަކު ދުއްވައިގަތްތަން ފެނުނީ އޮޅުދޫ ކަރައިގެ ކޮޅުނބުގައި ހުރި ދޮން ފަރަންޖީންގެ އެމްބަސީތަކަށެވެ. ބައްޕާފުޅު، ރައީސް މައުމޫން އަބްދުލްޤައްޔޫމް ޖަލަށް ލުމުން ކަމެއްވީކަމަށްވެސް ނެހެއްދެވި ޣައްސާން މައުމޫންވެސް، ޔާމީން ޖަލަށްލުމާއެކު ފެނުނީ އަވަހަށް ފުރާވަޑައިގެން، އެއްކަލަ ދޮން ފަރަންޖީން ކައިރިއަށް ޔޫރަޕަށް ދިޔަ މަންޒަރެވެ.
މި ބޭބޭފުޅުންނަކީ، ރާއްޖޭގެ އިންސާނީ ހައްޤުތަކުގެ ޙާލަތު ގޯސްވާ ކޮންމެ ފަހަރަކު އެކަންކަން ރަނގަޅުކުރަން ޔޫރަޕުގެ ޤައުމުތަކުންނާއި، ޔޫރަޕިއަން ޔޫނިއަނުން އުޅުމުން އެކަމާ ކަންބޮޑުވެގެން އުޅުއްވި ބޭފުޅުންނެވެ. ރާއްޖޭގައި އެއް ޖިންސުން ގުޅުން ހިންގުން ހުއްދަކުރަން އެއިއްތިޙާދުން އުޅޭނީއޭ ކިޔާ، ދީނީ ޢީލްމުވެރިން ޓީވީއަށް އަރުވާ، ރޯބުހުތާން ދޮގު ހެއްދުވީ މި ބޭބޭފުޅުންނެވެ. އެއް ޒަމާނެއްގައި ރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން ކުރެއްވި ބޭފުޅަކުވެސް މިއަދު އަމިއްލަ ޙާލައިގެން ނޫޅުއްވޭއިރުވެސް، ޓީވީއަށް އަރުއްވާ، 2018 ވަނަ އަހަރު ޔާމީން ދިފާޢުކޮށް، ޔޫރަޕަށް ހެއްދެވި ނެހެއްދެވިއަށް ގޮވި ހަނދާން ދިވެހިން ހަނދާން އެބަހުއްޓެވެ.
ރައީސް ނަޝީދު ޖަލަށް ލާފައިވަނީ އިޖުރާޢަތްތަކާއި ޚިލާފަށްކަމަށް ބައިނަލްއަޤުވާމީ މުޖްތަމަޢުން ބުނުމުން، ރައީސް ޔާމީނާއި އެމަނިކުފާނުގެ ސަރުކާރުން އުޅުއްވި ގޮތުން ހީވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލާ، ދެންވެސް އޮތިއްޔާ އޮތް އެއްޗެއް ދެންމެ ދެންމެ ގެއްލި، ދެން ދުވަހަކު ނުފެނިދާނެހެންނެވެ. ތިކިޔަނީ ކީކޭހެއްޔޭވެސް އަހާނުލާ، ސަރުކާރަށް ފާޑެއް ކިޔާލި ކޮންމެ ފަރަންޖީއަކާއި ދިމާއަށް އަބްދުއްރަހީމާއި، ނިހާނާއި، މިބޭބޭފުޅުން ސޯޝަލް މީޑިއާގައި ދެއްކެވި އާޓު ދިވެހިން ހަނދާން އެބަހުއްޓެވެ.
ޔާމީން ޖަލަށްލީއިރަށް އެންމެ ފުރަތަމަ އެހީތެރިކަން ހޯދަން ދުއްވައިގަތީ ޢަރަބި ކަރަޔަށާއި، ސީނު ކަރަޔަށާއި، އޮޅުދޫ ކަރައިގެ އިތުރުން ވިލާތަށެވެ. އެންމެންވެސް ބުނީ އެއް ވާހަކައެކެވެ. ތިކަން ހިނގާފައި ތިއޮތީ އޮންނަން ޖެހޭ ގޮތަށެވެ. ބަލަގަ، ތިމަންނަމެން މިއީ ބޭރު ބައެއް ނޫންހޭ، ތިމަންނަމެން ކަލޭމެންގެ ކަންކަމަށް ގޮތްފާޑު ކިޔުމަކީ ހެޔޮ ކަމެއް ނޫނެއް ނޫންހޭ ބަޔަކު ބުނިކަމަށްވެސް ވެއެވެ. ބައްދަލުވުމެއް އެއްޗެއްގެ ފޮޓޯގަނޑެއް، ޚަބަރެއް އެއްޗެއް ނުލާތީ ޔަޤީންކޮށް ބުނަން ދައްޗެވެ.
މިދެންނެވި ވިލާތުގެ އިއްތިހާދު ދެކެ ޔާމީން ގަންނާކުރައްވާ ބިރުން ވެރިކަމަށް އައި ފުރަތަމަ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވިލާތުގެ މީހުންނަށް ރަތް މަހަކަށް ނުގޮވާ ވަރަށް އެއްޗެހި ވިދާޅުވިއެވެ.
ދަޅުމަސް އެކްސްޕޯޓްކުރާ ފަރާތްތަކަށް އެނގޭނެ ޔޫރަޕްގެ އިއްތިހާދުން އަޅުގަނޑުމެންނަށް ކިހާވަރެއްގެ ދަތިކުރުންތަކެއް، އެއީ އަޅުގަނޑުމެން އެއް ނަސްލަކަށް ނިސްބަތްވެފައި ނޫނީ އެއަށްވުރެ ބޮޑަށް ދަންނަވާ ކަމަށް ވަންޏާ އިސްލާމީ އުސޫލުތަކަށް އަޅުގަނޑުމެން ބަދަލުކުރަން ބޭނުންނުވާތީ. އަޅުގަނޑުމެން ޓެކްސް ކުރަން ނޫނީ އަޅުގަނޑުމެންނަށް ދަތިކުރަން ގޮންޖެހުމަށް އަޅާފައިހުރި ފިޔަވަޅުތަކެއް. އަޅުގަނޑުމެންނަށް އޭގައި ކުރިޔަށް ދެވޭނެ ގޮތެއް ހަމަ ނެތް. އަޅުގަނޑުމެން ސަރުކާރުގެ ވިސްނުން މި ބަދަލުވަނީ އިރުމައްޗަށް.ރައީސް އަބްދުﷲ ޔާމީން - 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަސް
މިއަދު އެއްކަލަ ވިލާތުގެ މީހުންގެ އެހީ ހޯދަން މިބޭފުޅުން ދާން ލަދެއް ޙަޔާތެއް ނެތީތޯ؟ ގޮތެއް ފޮތެއް ނެތަސް، މިއީ ތަންކޮޅެއް ބޮޑުވަރެވެ. މިއިން ބައްދަލުވުމަކުން އަނެއްކާ ރާއްޖޭގެ އިސްތިޤުލާލު މިއިން ބޭފުޅަކު ވިއްކާނުލައިފިއްޔާ ކިތަންމެހާވެސް ރަނގަޅެވެ. މިއީ އަތޮޅުވެސް ވިއްކާލަން އުޅުއްވި ބޭފުޅުންނެވެ. ކޮންމެ ފަދަ ކަމެއްވެސް ކުރައްވަފާނެއެވެ.