އޭއެފްސީ ކަޕް ޕްލިމިނަރީ ބުރުގައި މާޒިޔާއާއި ދެކޮޅަށް ރާއްޖޭގައި ކުޅޭ މެޗަށް ނުކުންނާނީ މާޒިޔާއަކީ މޮޅު ޓީމެއްކަން ދަނެގެން މާޒިޔާ އަތުން މޮޅުވާން ކަމަށް ބަންގްލަދޭޝްގެ ޑާކާ އަބަހާނީގެ ކޯޗު މާރިއޯ ލެމޯސް ބުނެފިއެވެ.
އެފްއޭއެމް ހައުސްގައި ބުދަ ދުވަހު ބޭއްވި ޕްރި މެޗް ޕްރެސްކޮންފަރެންސްގައި ވާހަކަދައްކަމުން ލެމޯސް ބުނީ މާޒިޔާގައި ހުނަރުވެރި މޮޅު ކުޅުންތެރިން އެބަތިބި ކަމަށާއި، އިބްރާހީމް މަހުދީ އަދި ކޯނޭ އަކީ މެޗުގެ ކޮންމެ ވަގުތެއްގައިވެސް ނަތީޖާ ބަދަލުކޮށްލެވޭނެ ވަރުގެ ދެ ކުޅުންތެރިން ކަމަށެވެ.
މާޒިޔާ މެޗަށް ނުކުންނައިރު ރަނގަޅު ޑިފެންސިވް ގޭމްއެއް ކުޅެވިއްޖެ ނަމަ މެޗުން މޮޅުވުމުގެ ފުރުސަތު އަބަހާނީ އަށް އެބައޮތް ކަމަށާއި އަބަހާނީ ކުޅުންތެރިންނަކީ ގޯލާ ރައްޓެހި ކުޅުންތެރިން ކަމުން މެޗާއިމެދު ކުރާ އުންމީދު ބޮޑު ކަމަށެވެ. މީގެ އިތުރުން ކޯޗު ބުނީ އަބަހާނީއިން ކޮންމެ މަޗަކަށް ވެސް ނުކުންނަނީ މޮޅުވާން ކަމަށާއި، މި މެޗަށް ވެސް އަބަހާނީއިން ނުކުންނާނީ މޮޅަކާއި އެކު ގައުމަށް ދިޔުމަށް ކަމަށް ބުންޏެވެ.
މާޒިޔާ އަދި އަބަހާނީ ބަންގްލަދޭޝްގައި ކުޅުނު މެޗު އެއްވަރުވެގެން ނިމުނުއިރު މި މެޗަށް ނުކުންނައިރު ހުރިހާ ގޮތަކުންވެސް ފައިދާ ބޮޑުވާނީ މާޒިޔާއަށް ކަމަށް އަބަހާނީގެ ކޯޗު ލެމޯސް ބުންޏެވެ. ނަމަވެސް މި މެޗަށް އަބަހާނީ އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށާއި މި މެޗަށް ނުކުންނައިރު ކުޅުންތެރިން ނުކުންނާނީ މިއީ ފައިނަލެއް ކަން ދަނެގެން ކަމަށް ވެސް އޭނާ ބުންޏެވެ.