އޭފްސީ ޕްލިމިނަރީ ސްޓޭޖުގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް ކްލަބް އަމިއްލަ ގައުމުގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އާއި ދެކޮޅަށް ކުޅޭ މެޗަށް ނުކުންނައިރު މާޒިޔާއަށް އެންމެ މުހިންމީ ސަޕޯޓަރުންގެ އެހީކަމަށް އެޓީމުގެ ކޯޗު މަރުޖާން ސެކުލޮސްކީ ބުނެފިއެވެ.
އެފްއޭއެމް ހައުސްގައި އަންގާރަ ދުވަހު އޮތް ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަމުން މާޒިޔާގެ ކޯޗު ސެކުލޮސްކީ ބުނީ ބަންގާޅުގައި އަބަހާނީ އާއި ދެކޮޅަށް މާޒިޔާ ކުޅުނު މެޗުގައި އެޓީމުގެ 1000 ހަށްވުރެ ގިނަ ސަޕޯޓަރުން މެޗުބަލަން ނުކުތް ކަމަށާއި ބުދަ ދުވަހު މާލޭގައި ކުޅޭ މެޗުގައި މާޒިޔާއަށް ސަޕޯޓްދޭން 400 ގައެއްހާ މީހުން ނުކުތުން އެއީ އެންމެ ރަނގަޅު އަދަދެއް ނޫން ކަމަށެވެ. އެހެން ކަމުން ބުދަ ދުވަހުގެ މެޗަށް ނުކުންނައިރު ވީހާވެސް ގިނަ ސަޕޯޓަރުން ނުކުމެ މާޒިޔާއަށް ސަޕޯޓް ކުރުމަށް އޭނާ ވަނީ އެދިފައެވެ. މީގެ އިތުރުން އޭނާ ބުނީ މެޗަށް މާޒިޔާއިން ނުކުތް ކަމަކު މާޒިޔާއިން މެޗުގައި ތަމްސީލުކުރަނީ ރާއްޖެ ކަމަށާއި އަބަހާނީ ތަމްސީލުކުރަނީ ބަންގްލަދޭޝް ކަމަށެވެ.
މީގެ އިތުރުން ސެކުލޮސްކީ ބުނީ މެޗަށް މާޒިޔާއިން ނުކުންނައިރު ބަންގާޅު މެޗުގައި ޖެހި ދެ ލަނޑުގެ ފައިދާ މި މެޗުން ނުނުކުންނާނެ ކަމަށާއި މެޗަށް މާޒިޔާއިން ނުކުންނާނީ މެޗުން މޮޅުމެ ދެން އޮތް ބުރަށް ދިޔުމަށް ކަމަށެވެ. އަދި 12 ފެބުރުވަރީވާ ބުދަ ދުވަހު ހަވީރު 16:00 ގައި ކުޅޭ މެޗުގައި މާޒިޔާގެ ކުޅުންތެރެން މޮޅަށް ކުޅެ މެޗުން މޮޅުވާން ތައްޔާރަށް އޮތް ކަމަށެވެ.
ކޯޗު އިތުރަށް ބުނީ މި މެޗަށް މާޒިޔާއިން ނުކުންނައިރު މެޗުގެ ފުރަތަމަ އެގާރާގައި ހިމަނާނީ 100 ޕަސެންޓް ދެވޭނެ ކުޅުންތެރިން ކަމަށެވެ.
މާޒިޔާއިން އަބަހާނީ އާއި ދެކޮޅަށް ބަންގްލަދޭޝްގައި ކުޅުނު މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުންނެވެ. ނަމަވެސް މާޒިޔާއިން ވަނީ 2017 ވަނަ އަހަރު ސެކުލޮސްކީގެ ކޯޗު ކަމުގެ ދަށުގައި އަބަހާނީ އާއި ދެކޮޅަށް ކުޅުނު ދެ މެޗުންވެސް 2-0 ގެ ނަތީޖާ އަކުން މޮޅުވެފައެވެ.