ޕާޓީ ބަދަލުކޮށްފިނަމަ މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ޤާނޫނެއްގައި ކަނޑައެޅިގެން ދިޔުމުގެ ވާހަކައަކީ ދިވެހިންނަށް އާވާހަކަ އެއް ނޫނެވެ. 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި އެންޓި ޑިފެކްޝަންގެ ޤާނޫނެއް އައިސް 12 މެންބަރެއްގެ ގޮނޑިގެއްލިގެން ހިނގައިދިޔަ ކަންކަން އަދި ހަނދާންނެތޭހާ ދުވަހެއް ނުވެއެވެ. އޭރު ސަރުކާރު ހިންގަމުންދިޔަ ޕާޓީކަމަށްވާ ޕީޕީއެމްގައި ތިބި މަޖިލިސް މެންބަރުންތަކެެއް އެ ޕާޓީ ދޫކޮށް ދިއުން ހުއްޓުވުމަށް، އެންޓި ޑިފެކްޝަންގެ ޤާނޫނެއް މަޖިލީހަށް ހުށަހަޅާ އެ ޤާނޫނަށް ޢަމަލުކުރަން ފެށިއެެވެ.
ނަމަވެސް މި ޤާނޫނު މިސަރުކާރު އިންތިޚާބު ވެގެންދިޔުމާއެކު ވަނީ ހަމަ އެމަޖިލީހުން އުވާލާފަ އެވެ. މިޤާނޫނު އުވާލާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރ މަހު 37 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. އެއާއެކު އެންޓި ޑިފެކްޝަންގެ ޤާނޫނުގެ ވާހަކަ މަޑުމަޑުން އޮބިގޮސް 19 ވަނަ ރައްޔިތުންގެ މަޖިލީސް އިންތިޚާބުވެގެން އައީއެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ފާއިތުވެގެންމިދިޔަ ދެ ދައުރުގެ ތެރޭގައި މިވާހަކަތަކުގެ އަޑެއް ނީވެއެވެ. ސަބަބަކީ މިމަޖިލީހުގެ މެންބަރެއް އިންތިޚާބުވެ ވަޑައިގެންނެވި ޕާޓީ ބަދަލުކޮށްފައި އެމުއްދަތުގެ ތެރޭގައި ނުވާތީ އެވެ.
މިދައުރުގެ ޖަލްސާތައް ފެށުމާއެކު މިވަނީ ފުރަތަމަ ފަހަރަށް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޕާޓީ ބަދަލުކޮށް އެކަން މަޖިލީހަށް އަންގާފަ އެވެ. އަމިއްލަ މެންބަރެއްގެ ގޮތުގައި ފަރެސްމާތޮޑާ ދާއިރާއަށް އިންތިޚާބުވެ ވަޑައިގެންނެވި ޙުސައިން މުޙައްމަދު ލަޠީފު ޕީޕީއެމް އާ ގުޅިވަޑައިގެން އެކަން މަޖިލީހަށް އެންގެވުމާއެކު ޕީޕީއެމްގެ މެންބަރުންގެ ޢަދަދު ވަނީ 6 ށް އަރާފަ އެވެ. އެއާއެކު މަޖިލީހުގެ މައިނޯރިޓީ ލީޑަރަކަށް ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރ އޭދަފުށި ދާއިރާގެ މެންބަރ އަޙްމަދު ސަލީމް މިވަނީ ކަނޑައެޅިގެން ގޮސްފަ އެވެ.
މިކަންތައްތައް އިޢުލާންކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިންތިޚާބުވެވަޑައިގަތީ، އެ މެންބަރުގެ ދާއިރާގެ ރައްޔިތުން ކައިރީގައި މިއީ ވަކި ޕާޓީއަކަށް ނިޞްބަތްވެވަޑައި ނުގަންނަވާ މެންބަރެއް ނޫން ކަމަށް ވިދާޅުވަމުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
އެހެންނަމަވެސް، އަޅުގަނޑުމެންގެ ހިންގާ ގަވާއިދުގެ ރ(ގައި، 34 ވަނަ މާއްދާގެ )ރ ގައި އެބަބުނޭ، އެ ބޭފުޅާ ގެ ދާއިރާގެ ރައްޔިތުންގެ ރުހުމެއް، އެދުމެއް ހިތުގައި އޮތް ގޮތެއް އޮޅުންނުފިލުވައި އެ ބޭފުޅާ އަޅުގަނޑަށް ފޮނުއްވަވާ ސިޓީއަކާއި، އަދި ކޮމިޝަނަރ އޮފް އިލެކްޝަންސް އަމިއްލަފުޅަށް އެ ބޭފުޅާ ވިދާޅުވީމާ، ކޮމިޝަން އޮފް އިލެކްޝަންސްގައި އެ ބޭފުޅާ ރަޖިސްޓްރީވެވަޑައިގަތީ ވަކި ޕާޓީއަކަށް ނިސްބަތްވެ ވަޑައިނުގަންނަވާ މެންބަރެއްގެ ގޮތުގައި އިންތިޚާބުވެ ވަޑައިގަތުމަށް. ކޮމިޝަނަރ އޮފް އިލެކްޝަންސް އަރިހުގައި އެ ބޭފުޅާ ރަޖިސްޓްރީވެވަޑައިގަތީ. އެއަށްފަހުގައި، އިންތިޚާބު ނިމުމަށްފަހުގައި، މި އިއްޒަތްތެރި މެންބަރު މިތާނގެ ގަވާއިދާއި ، އިލެކްޝަންސް ކޮމިޝަންގެ ގަވާއިދާ އެބަބުނޭ، މި އިއްޒަތްތެރި މެންބަރަށް އެހެން ޕާޓީއަކަށް ބަދަލުވެ ވަޑައިގެންނެވޭނެ ކަމަށް.ރައީސް މުހައްމަދު ނަޝީދު/ މަޖިލީހުގެ ރައީސް
މައިނޯރިޓީ ލީޑަރ އިޢުލާން ކުރެއްވުމަށްފަހު މިކަމާއި ގުޅޭގޮތުން ވާހަކަ ދެއްކުމުގެ ފުރުޞަތު ކޮންމެ ޕާޓީއަކުންވެސް އެއް މެންބަރަކަށް ލިބިވަޑައިގެންނެވި އެވެ. އެފުުރުޞަތުގައި އެމްޑީޕީގެ ފަރާތުން ވާހަކަ ދެއްކެވީ އެޕާޓީގެ ޗެއަރ ޕަރސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރ ޙަސަން ލަޠީފެވެ. ޙަސަން ލަޠީފު ވާހަކަ ދައްކަވަމުން ވިދާޅުވީ ސިޔާސީ ޕާޓީއަކަށް އިތުބާރު ލިބެނީ އެ ސިޔާސީ ޕާޓީއެއްގެ ވިސްނުމާއި ފިކުރު ރައްޔިތުންނާ ހަމައަށް ގެންގޮސް އެ ވިސްނުން ވިސްނައިދީގެން ކަމަށެވެ.
އަދި ހޮވުމަށްފަހު އެ ސިޔާސީ ފިކުރު، އެއީ އެ ޕާޓީއެއްގެ ވިސްނުމާއި ފިކުރުކަމުގައި ހަދައި، އެއާ އެއްގޮތަށް މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެމުންގެންދާތީ ކަމަށް ޙަސަން ލަޠީފު ވިދާޅުވި އެވެ. އެހެންނަމަވެސް، މިގޮތަށް އެ ވިސްނުމާއި ފިކުރު ހޮވުމަށްފަހު އެހެން ގޮތަކަށް ބަދަލުކޮށްލެވޭ ކަމަށް ވާނަމަ، ބަދަލުކުރެވޭނެ ހަމަތަކާއި އުޞޫލުތަކެއް ބަޔާންކުރެވެންޖެހޭ ކަމަށް ޙަސަން ލަޠީފު ވިދާޅުވިއެވެ.
އަޅުގަނޑުމެން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކު ޕާޓީން ގަބޫލުކުރާ ވިސްނުމެއް ފިކުރެއްނޫން އެއީ، އެއް ޕާޓީއެއްގެ ވިސްނުމާއި ފިކުރު ރައްޔިތުންނާ ހަމައަށް ގެންދިއުމަށްފަހު، ރައްޔިތުން އެ ފިކުރަށް، އެ ވިސްނުމަށް ތާއީދުކޮށް އެ ކެންޑިޑޭޓަކަށް ދޭ ވޯޓު ، އެ ވޯޓު ލިބުމަށްފަހު މަޤާމުތަކަށް ހޮވި، ދެން އެ މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރުމުގެ ތެރޭގައި އޭނާއަށް ވޯޓުދިން މެންބަރުން ކައިރިން، ރައްޔިތުން ކައިރީގައި އެހުމެއް، ސުވާލެއް ކޮށްލުމެއް ނެތި ދެން އޭނާއަށް އެހެން ޕާޓީއަކަށް ބަދަލުވެވޭ ގޮތަށް އޮތުމަކީ. އެއީކީ ހަމަގައިމު ވެސް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކު ޕާޓީން ގަބޫލުކުރާނެ ކަމެއް ނޫން. އެއީ އަމިއްލަ ގޮތުން ހޮވިފައިވާ މެންބަރެއް ކަމުގައި ވިޔަސް ، އަދި އެއް ޕާޓީއަކުން ހޮވި ، އެހެން ޕާޓީއަކަށް ބަދަލުވުމަށް ބޭނުންވާ މެންބަރަކު ކަމުގައި ވިޔަސް ވެސް އެއީކީ ގަބޫލުކުރެވޭނެ ކަމެއް ނޫން. އެއީ ގާނޫނެއްގެ ތެރެއިން ހިނގަންޖެހޭނެ ކަމެއް. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކު ޕާޓީގެ ވިސްނުމަކީ މިދެންނެވި ވިސްނުން.ހަސަން ލަތީފު / ހެންވޭރު ހުޅަނގު ދާއިރާ
ޙަސަން ލަޠީފުގެ މިވާހަކަފުޅަށް ރައްދުދެއްވަމުން ޕީއެންސީގެ ފަރާތުން ވާހަކަދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެންބަރ އާދަމް ޝަރީފް ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަމުގައި މިގޮތަށް ފްލޯރ ކްރޮސްކުރުމުގެ މައްސަލައަށް ބޮޑު ބަދަލެއް ގެނެވުނު ކަމަށެވެ. ޤާނޫނެއްގެ ދަށުން ފްލޯރ ކްރޮސްކުރުމަކީ އެއީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށް ކަނޑައެޅި މިމައްސަލައަށް ޙައްލެއް ލިބިގެންދިޔަ ކަަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. ނަމަވެސް މިއަދު އެނޫންގޮތަކަށް ވާހަކަ ދެކެވޭތަން ފެންނަމުންދާކަމަށްވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.
އެހެންނަމަވެސް، އެއީ އެވަގުތަށް، އެ ހިނދަށް ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ބޭފުޅުންނަށް ވެސް، އަދި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅުންނަށް ވެސް އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުނުކުރެވި ގެން، އެ ގާނޫނަށް ބަދަލުގެނެވިގެންދިޔައީ. އެހެންނަމަވެސް، މިއަދު އަނެއްކާވެސް ހަމަ އެ ލަވަ، އެ ބެރު ޖަހަން ފެއްޓީމާ އަޅުގަނޑަށް ހީވަނީ، މިއީ އަނެއްކާވެސް އަޅުގަނޑުމެން ވިސްނައި ފިކުރުކޮށްލަންޖެހޭނެ ކަމެއްހެން. އެހެންނަމަވެސް، އަޅުގަނޑު ހަމަ މިއަދު ވެސް ދަންނަވާލަން ބޭނުންވަނީ، އިރާދަކުރެއްވިއްޔާ އަދިވެސް ވާދަވެރި ޕާޓީތަކަށް އިތުރު މެންބަރުން ލިބިގެންދާނޭ.އާދަމް ޝަރީފް/ މަޑުއްވަރީ ދާއިރާ
މިކަމާއި ގުޅޭގޮތުން ޕީޕީއެމްގެ ފަރާތުން ވާހަކަ ދައްކަވަމުން ނައިފަރު ދާއިރާގެ މެންބަރ އަޙުމަދު ޝިޔާމް ވިދާޅުވީ މީގެކުރިންވެސް އެންޓި ޑިފެކްޝަން ޤާނޫނެއް އެކުލަވާލެވި އެ ޤާނޫނަށް ޢަމަލުކުރިކަމަށެވެ. އެ ޤާނޫނު ވެގެންދިޔައީ ރައްޔިތުން ވަރަށް ބޮޑަށް ބަލައިގަތް ޤާނޫނަކަށް ކަމަށާއި އެހެންނަމަވެސް، ސިޔާސީ ލީޑަރުންނަށް އޭރު އެންމެ ކަމުދާ ޤާނޫނަކަށް އެ ޤާނޫނެއް ނުވި ކަމަށް ޝިޔާމް ވިދާޅުވި އެވެ.
އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ދާއިރާއެއް ތަމްސީލުކުރަން ރައްޔިތުން ހަވާލުކުރާނީ، އެއީ އެ ޒިންމާތައް ހަވާލު އެކުރަނީ ސޯޝަލް ކޮންޓްރެކްޓެއްގެ ދަށުން. އެހެން ކަމަށްވެއްޖެނަމަ، ވަކިން ޚާއްޞަކޮށް ވަކި ސިޔާސީ ޕާޓީއެއްގެ ފިކުރުގައި ހުރެ ، އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުވުމަކީ އެއީ މިދަންނަވާ ރައްޔިތުންގެ ސޯޝަލް ކޮންޓްރެކްޓާ ޚިލާފުވާ ކަމެއް. އަދި އެއީ ފައްކާވެފައި ހުންނަ ޑިމޮކްރަސީތަކުގައި އެންމެ ރަނގަޅު ގޮތް ކަމަށް މިއަދު ނުވޭ.ނައިފަރު ދާއިރާގެ މެމްބަރ އަހުމަދު ޝިޔާމް
ކޮންމެއަކަސް 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ފުރަތަމަ ފަހަރަށް މެންބަރަކު ޕާޓީ ބަދަލުކުރުމާއެކު،މިވަނީ އިންތިޚާބުވާ ޕާޓީ ނޫން އެހެން ޕާޓީއަކަށް މެންބަރަކު ބަދަލުވާނަމަ އެމެންބަރެއްގެ ގޮނޑި ގެއްލޭގޮތަށް ކަނޑައެޅުމުގެ ވާހަކަތައް އަނެއްކާވެސް ދައްކަންފަށާފަ އެވެ. އެއާއެކު މިފަދަ ޤާނޫނެއް އަނެއްކާވެސް ވުޖޫދު ވެގެންދިޔުމަކީ ހަމަ އެކަށީގެންވާ ކަމެއްކަމަށް ޤަބޫލުކުރުމުގެ ފުރުސަތު އެބައޮތެވެ.