ކ. މާލެ
|
10 ފެބްރުއަރީ 2020 | ހޯމަ 18:50
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް
މިހާރު
ބައްސާމް އަދީލް ޖަލީލް
އެފްއޭއެމަށް ފާޑުކިޔާ އަނގަތަކުގައި އަތެއްނާޅާނަން: ބައްސާމް
އެފްއޭއެމަށް އެންމެ ބޮޑަށް ފާޑުކީ ދެ މީހުން ކަމަށްވާ ސުޒޭން އާއި އިމްރާން މިހާރު ވަނީ ގައުމީ ޓީމާ ގުޅިފައި
ކުރިއަށް އޮތް މާޗު މަހު އެފްއޭއެމްގެ އިންތިޚާބު ބޭއްވުމަށް އަންނަނީ ތައްޔާރުވަމުން

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފާޑިކިޔާތީ ބައެއްގެ އަނގަމަތީގައި އަތްނާޅާނެ ކަމަށް އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ބައްސާމް މިހެން ވިދާޅުވިއިރު، ފަހަކަށް އައިސް އެފްއޭއެމަށް އެންމެ ބޮޑަށް ފާޑުކީ މީހުންގެ ތެރޭގައި ހިމެނުނު ކޯޗު އަލީ ސުޒޭން އާއި ކުރީގެ ގޯލްކީޕަރު އިމްރާން މުހައްމަދު ވަނީ ގައުމީ ޓީމާ ގުޅިފައެވެ. ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމަށް ސުޒޭން އަދި ގޯލްކީޕަރު ޓްރޭނަރުގެ އެސިސްޓަންޓަކަށް އިމްރާން ހަމަޖެއްސުމުން، ގިނަ ބަޔަކު ވަނީ އެކަން އެގޮތަށްކުރީ އެފްއޭއެމަށް ކިޔާ ފާޑު ހުއްޓުވުމަށް ކަމަށް ތުހުމަތު ކޮށްފައެވެ.

ހޮނިހިރު ދުވަހުގެރޭ އޮތް ރަސްމިއްޔާތުގައު ބައްސާމް ވިދާޅުވީ މީގެ ކުރިން ކޯޗު ސުޒޭނާ ބައްދަލުވި ދުވަހެއްގައި ވެސް ފުޓްބޯޅައިގެ ކަންކަމަށް ފާޑު ކިޔަން ދެންނެވި ކަމަށެވެ. ސަބަބަކަށް ވިދާޅުވީ އޭނާއަށް ހުރިހާ ތަނަކަށް ނުދެވޭއިރު، އެ ތަންތަން ފެންނަ ބޭފުޅުންނަށް ފެންނަ ކަންކަމުގައި ގޯސްކޮށް ކަމެއް ހުރެއްޖެ ނަމަ، އެކަންކަން ރަނގަޅު ކުރެވޭނީ ފާޑު ކިޔައިގެން ކަމަށް ވާތީ އެވެ.

މިއަދު ވެސް ކޯޗަށް ވެސް އަދި އިމްރާނަށް ވެސް ދަންނަވާލާނީ މިއަދު ފެށިގެން ވެސް ގޯސްކޮށް ކަމެއް އުޅެންޏާ އެ ވާހަކަ ދައްކަންވީއޭ. އަޅުގަނޑު އެއްވެސް ވަރަކަށް ޖެހިލުންވާ ކަމެއް ނޫން އެއީކީ، އެފްއޭއެމަށް ފާޑުކިޔާތީ ބައެއްގެ އަނގަމަތީގައި އަތްއެޅުން. އެކަމެއް އަޅުގަނޑެއް ނުކުރާނަން
ބައްސާމް އަދީލް ޖަލީލް / އެފްއޭއެމްގެ ރައީސް

އެފްއޭއެމަށް އެންމެ ބޮޑަށް ފާޑުކީ ދެ މީހުން ގައުމީ ޓީމާ ގުޅުނުއިރު، ކުރިއަށް އޮތް މާޗު މަހު އެފްއޭއެމްގެ އިންތިޚާބު ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

މީގެ ކުރިން އެފްއޭއެމްގެ ރައީސް ބައްސާމް ވަނީ އެ އިދާރާގެ އިންތިޚާބު އަވަސް ކުރުމަށް އެފްއޭއެމްގެ ހިންގާ ކޮމެޓީއަށް ހުށަހަޅުއްވައި، އެކަމަށް ހިންގާ ކޮމެޓީން އެއްބަސްވެފައިވާކަން އިއުލާނުކުރައްވާފައެވެ. އެހެންކަމުން މާޗު މަހުގެ ތެރޭގައި އެފްއޭއެމްގެ އިންތިޚާބު ބާއްވަން ހިންގާ ކޮމެޓީން ނިންމާފައިވާކަންވެސް ވަނީ އިއުލާނުކުރައްވާފައެވެ.

އެފްއޭއެމްގެ އިންތިޚާބު ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު، ފުރަތަމަ ޑިވިޝަނުގެ ތިން ކްލަބަކުން ވަނީ ބައްސާމް ދެވަނަ ދައުރަކަށް އިންތިޚާބުކުރަން ތާއީދުކޮށްފައެވެ. އެއީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ޓީސީ ސްޕޯޓްސް ކްލަބު އަދި ކްލަބު ގްރީން ސްޓްރީޓްސް އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް