ކ. މާލެ
|
10 ފެބްރުއަރީ 2020 | ހޯމަ 12:36
ވޮލަންޓިއަރުން އަންނަނީ ހޫބޭ ޕްރޮވިންސްގައި މަސައްކަތްކުރަމުން
ވޮލަންޓިއަރުން އަންނަނީ ހޫބޭ ޕްރޮވިންސްގައި މަސައްކަތްކުރަމުން
ސީ.އެން.އެން
ކޮރޯނާވައިރަސް
ބަންދުކޮށްފައިވާ ހޫބޭ ޕްރޮވިންސްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެތަކެއް ގްރޫޕްތަކެއް ހަރަކާތްތެރިވަނީ
ޖެނުއަރީ މަހުގެ 23 ވަނަ ދުވަހުން ފެށިގެން ހޫބޭ ޕްރޮވިންސް އެއްކޮށް ވަނީ ބަންދުކޮށްފައި
ތަފާތު އެކި ގްރޫޕްތަކުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުން

ޗައިނާގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް އެންމެ ފުރަތަމަ ފެނުނީ ހޫބޭ ޕްރޮވިންސްގެ ވުހާން ސިޓީންނެވެ. އޭގެފަހުން މިވައިރަސްގެ ޝިކާރައަކަށްވެގެން ހޯމަ ދުވަހުގެ ނިޔަލަށް 910 މީހަކު މިވަނީ މިދުނިޔެ ދޫކޮށްފަ އެވެ. އަދި މިހާތަނަށް މިވައިރަސްގެ އަސަރުކޮށްފައިވާ މީހުންގެ އަދަދު 40،000 އަށް ވުރެ މައްޗަށް މިވަނީ އަރާފަ އެވެ.

މިވައިރަސް ފެތުރެން ފެށުމާއެކު ޗައިނާ ސަރުކާރުން ވަނީ މިވައިރަސް އެންމެ ފުރަތަމަ ފެނުނު ހޫބޭ ޕްރޮވިންސް އެއްކޮށް ބަންދުކޮށްފަ އެވެ. އެޕްރޮވިންސަށް ބޭރުން އެއްވެސް މީހަކަށް ނުވަދެވޭ ގޮތަށް އަދި ޕްރޮވިންސުން ބޭރަށް މީހުންނަށް ނުދެވޭގޮތަށް ވަނީ ބަންދުކޮށްފަ އެވެ. އެ ޕްރޮވިންސްގެ ތެރޭގައި ހިނގަހިނގާހުރި ދަތުރުފަތުރުގެ ހުރިހާ ނިޒާމުތަކެއް ވަނީ މެދުކަނޑާލާފައެވެ. އެއާއެކު އެ ޕްރޮވިންސްގައި ދިރިއުޅޭ 53 މިލިއަން މީހުން މިވަނީ އެޕްރޮވިންސްގެ ތެރޭގައި ތާށިވެފަ އެވެ.

ޖެނުއަރީ މަހުގެ 23 ވަނަ ދުވަހުން ފެށިގެން މުޅި ޕްރޮވިންސް އެއްކޮށް ބަންދުކޮށްފައިވާއިރު ޕްރޮވިންސްގައި ދިރިއުޅޭ މީހުންނަށް ތަންތަނަށް ދިޔުމާއި ޒަރޫރީ ބޭނުންތައް ފުއްދުމުގައި އަންނަނީ ދަތިތައް ދިމާވަމުންނެވެ. އެހެންނަމަވެސް ޕްރޮވިންސް ގައި ދިރިއުޅޭ މީހުންނަށް އެހީތެރިވުމަށް އެކި ފަރާތްތަކުން އަންނަނީ އެކިގޮތްގޮތަށް ހޫބޭ ޕްރޮވިންސްގެ ތެރޭގައި މަސައްކަތް ކުރަމުންނެވެ. މީގެތަފާތު އެކި ގްރޫޕްތައް ހޫބޭ ޕްރޮވިންސްގެ ތެރޭގައި ހަރަކާތްތެރި ވަމުންދާއިރު އެކި ގްރޫޕްތަކުން މަސައްކަތްކުރަނީ އެކިކަހަލަ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

އެފަދަ އެއް ގްރޫޕެއްގެ ބަޔަކީ ކުންފުނިތައް މެދުވެރިކޮށް އަމިއްލަ އުޅަނދުގައި މީހުން ތަންތަނަށް ގެންގޮސްދޭ މީހުން ހަރަކާތްތެރިވާ ގްރޫޕެކެވެ. އުމުރުން 27 އަހަރުގެ ވަން ޖިއަކްޝަން އާއި އޭނާ އާ އެކު މަސައްކަތްކުރާ މީހުންވަނީ ޗައިނާގެ ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ މީހުން ހޮސްޕިޓަލަށް ގެންގޮސް ގެއަށް ގެނައުމުގެ މަސައްކަތް ފަށާފަ އެވެ.

ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރާ ސިއްހީ އެހީތެރިންނާއި ނަރުހުންނަކީ މިވައިރަހާއި ހަނގުރާމަކުރަމުންދާ އެތައް ސަތޭކަ ބަލި މީހުންނަށް ފަރުވާދިނުމުގައި އެންމެ ކައިރިން މަސައްކަތްކުރާ މީހުންނެވެ. އަދި އެންމެ ފަސޭހައިން މިވައިރަހުގެ އަސަރުކުރާނެވެސް މީހުންނެވެ. އެހެންކަމުން އެމީހުން ގޮވައިގެން ދަތުރުކުރުމަކީ އޭގައި ނުރައްކާތެރިކަމެއް ހުންނާނެކަމަކަށްވާތީ ވަން މިކަން ނެގީ ސީރިއަސް ކަމެއްގެ ގޮތުގައެވެ. އެކަމަށްޓަކައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅު ވަން އައީ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އަޅަމުންނެވެ. މިކަމަށް އަމިއްލައަށް އިސްނަގައިގެން މިމީހުން ގޮވައިގެން ދަތުރު ފެށުމުގެ ކުރިން ކޮންމެ ދުވަހަކުވެސް ވަން ނިކުންނަނީ މާސްކު ބަންޑެއްޔެއް ހިފައިގެންނެވެ.

ކޮންމެ ދެތިން ގަޑީރަކުން އޭނަ ފޭސް މާސްކު ބަދަލުކުރެއެވެ. އަދި ކޮންމެ ދަތުރަކަށްފަހު އޭނާގެ ކާރު ބެކްޓީރިއާ މަރާ ޒާތުގެ ބޭހެއް ޖަހައިގެން ބައިގަޑީރު ވަންދެން ކާރު ސާފުކުރެއެވެ. ވަން ބުނާގޮތުން އޭނާއަށް މިވައިރަސް ޖެހިދާނެތީ ބިރެއް ނުގަނެއެވެ. އެހެންނަމަވެސް މިބައްޔަށް ފަރުވާދިނުމަށް މަސައްކަތްކުރާ މީހުންނަށް މިވައިރަސްގެ އަސަރު މިފަދަ ގޮތަކަށްވެސް ކޮށްފާނެތީ އެކަމަށް ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅު އަޅަން ބޭނުންވާކަމަށެވެ.

ހޫބޭ ޕްރޮވިންސަށް ވަނީ ހަމަހިމޭންކަން ވެރިވެފައި

ސިއްހީ އެހީތެރިންނާއި ނަރުހުންގެ ދަތުރުފަތުރުގެ ކަންކަން ކޮށްދިނުމުގެ އިތުރުން އެހެން ގްރޫޕަކުން އަންނަނީ ހޮސްޕިޓަލްތަކަށް ބޭނުންވާ ސިއްހީ ސާމާނާއި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންނާއި އެހެން މީހުންނަށް ބޭނުންވާ ކާއެއްޗެހި ފޯރުކޮށްދެމުންނެވެ. އުމުރުން 53 އަހަރުގެ ޗެން ހުއި އަކީ ދަތުރުފަތުރުކުރުމުގެ ވިޔަފާރިކުރާ ކުންފުންޏެއްގެ މެނޭޖަރެކެވެ. ކުންފުނީގެ ރެފްރިޖެރޭޓަޑް ޓްރަކްގެ ބޭނުން މިވަގުތު ޗެން ކުރަމުންދަނީ ސިއްހީ ސާމާނު ފޯރުކޮށްދިނުމަށާއި ކާއެއްޗިސް ފޯރުކޮށްދިނުމަށެވެ. ޗެންއަށް ލިބުނު ފުރަތަމަ މަސައްކަތަކީ 900 މީލް ރެސްޓޯރެންޓަކުން ހޮސްޕިޓަލަށް ފޯރުކޮށްދިނުމެވެ. އޭގެފަހުން ޗެން އަންނަނީ މޭވާ އާއި ފޭސް މާސްކް އާއި ގޮގްލްސް ކޮންމެ ދުވަހަކުވެސް ހޮސްޕިޓަލްތަކަށް ފޯރުކޮށްދެމުންނެވެ.

މިމަސައްކަތްތައް ރާވާ ހިންގަމުންދަނީ ވީޗެޓްގައި ހަދާފައިހުންނަ ގްރޫޕް ތަކެއްގައެވެ. މީގެބައެއް ގްރޫޕްތަކުގައި 500 މީހުން ތިބެއެވެ. ކޮންމެ ދުވަހަކު ޗެން އަށް ހާހުން އެހީތެރިކަން ފޯރުކޮށްދިނުމަށް މެސެޖްތައް ލިބެމުންދެއެވެ.

މިގްރޫޕްތަކުން އެހީތެރިކަމަށް ބޭނުންވާ މީހުންނަށް ބޭނުންވާ އެހީތެރިކަން އަންނަނީ ފޯރުކޮށްދެމުންނެވެ. ހޫބޭ ޕްރޮވިންސް މިވަނީ މިއަދު އެހީތެރިކަމަށް ބޭނުންވެފަ އެވެ. އެ އެހީތެރިކަން މިއަދު މިއަންނަނީ އެޕްރޮވިންސްގެ ހިތްވަރުގަދަ ފަހުލަވާނުން ދެމުންނެވެ. މިއަދު މުޅި ޗައިނާ މިވަނީ ކޮރޯނާވައިރަހާ ދެކޮޅަށް މިކުރާ "ހަނގުރާމަ" އިގައި ބައިވެރިވެ އެހަނގުރާމަ ކުރަންޖެހިފައެވެ.

- ކޮމެންޓް