ކ. މާލެ
|
10 ފެބްރުއަރީ 2020 | ހޯމަ 10:19
ޕީއެސްޖީ އާއި ލިޔޯން ބައްދަލުކުރި މެޗު
ޕީއެސްޖީ އާއި ލިޔޯން ބައްދަލުކުރި މެޗު
ޓްވިޓަރ
ފްރެންޗް ލީގު
ލިޔޯން ބަލިކޮށް ޕީއެސްޖީއަށް 12 ޕޮއިންޓުގެ ލީޑެއް
ލިޔޯން އަތުން ޕީއެސްޖީ މޮޅުވީ 4-2 އިން

ލިޔޯން ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީން ފްރެންޗް ލީގުގެ އެއްވަނައިގައި 12 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

އަމިއްލަ ދަނޑުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ލިޔޯންގެ މައްޗަށް ޕީއެސްޖީ ކުރިހޯދީ 4-2 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ޕީއެސްޖީ އެއްވަނައިގައި އޮތީ 24 މެޗުން 61 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް މާސޭއަށް 24 މެޗުން ލިބިފައިވަނީ 49 ޕޮއިންޓެވެ. ޕީއެސްޖީ އަތުން ބަލިވި ލިޔޯން އޮތީ ތާވަލުގެ ނުވަވަނައިގައި 33 ޕޮއިންޓާއެކު އެވެ.

އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޕީއެސްޖީން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗުގެ 22 ވަނަ މިނެޓުގައި އެންހެލް ޑި މާރިއާ ޕީއެސްޖީއަށް ލީޑު ނަގައިދިންއިރު، 38 ވަނަ މިނެޓުގައި ލީޑު ފުޅާކޮށްދިނީ ކީލިއަން އެމްބާޕޭ އެވެ.

ޕީއެސްޖީގެ ތިންވަނަ ލަނޑަކީ ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި ލިޔޯންގެ ފާނަންޑޯ މާސެލް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އޭގެ ފަހުން ލިޔޯން އިން ކުޅުން ރަނގަޅުކުރިއިރު، 52 ވަނަ މިނެޓުގައި މާޓިން ޓެރިއާ ވަނީ ލިޔޯންގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އޭގެ ހަތް މިނެޓު ފަހުން މޫސާ ޑެމްބެލޭގެ ލަނޑުން ލިޔޯންއިން ނަތީޖާ އެއްވަރުކުރުމާ ގާތަށް ޖެހިލި ނަމަވެސް، 79 ވަނަ މިނެޓުގައި އެޑިންސަން ކަވާނީ ވަނީ ޕީއެސްޖީއަށް އަލުން ލީޑު ފުޅާކޮށްދީފައެވެ.

އާދީއްތަ ދުވަހުގެރޭގެ މެޗުގން މޮޅުވެ ޕީއެސްޖީން ތާވަލުގެ އެއްވަނައިގައި 12 ޕޮއިންޓުގެ ލީޑެއް ނެގިއިރު، މި މެޗުގައި އަނިޔާގެ ސަބަބުން އެޓީމުގެ ބްރެޒިލްގެ ތަރި ނޭމާ ކުޅެފައެއް ނުވެއެވެ. ދެން ލީގުގައި ޕީއެސްޖީން މެޗެއް ކުޅޭނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އެ ދުވަހު ކުޅޭ މެޗުގައި ޕީއެސްޖީ ނުކުންނާނީ އެމިއެންސްއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް