ކ. މާލެ
|
9 ފެބްރުއަރީ 2020 | އާދީއްތަ 17:12
ސައްޓު އާއި އީސަ
ސައްޓު އާއި އީސަ
އެފްއޭއެމް
ގައުމީ ފުޓްބޯޅަ ޓީމު
ސައްޓު އާއި އީސަ ގައުމީ ޓީމަށް
މީގެ ކުރިން އެކުލަވާލި ސްކޮޑުގައި އެ ދެ ކުޅުންތެރިން ހިމަނާފައެއް ނުވޭ
ސައްޓު އާއި އީސަ ޓީމަށް ނަގާފައިވަނީ ގައުމީ ޓީމުގެ ޓެކްނިކަލް ބައްދަލުވުމަކަށްފަހު

ޓީސީ ސްޕޯޓްސް ކްލަބުގައި ފަހަކަށް އައިސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ފޯވާޑް އިޝާން އިބްރާހީމް (ސައްޓު) އާއި މިޑްފީލްޑަރު އިސްމާއިލް އީސަ (މެސީ) ގައުމީ ޓީމަށް ނަގައިފި އެވެ.

އެ ދެ ކުޅުންތެރިން ގައުމީ ޓީމުގެ ސްކޮޑުގައި ހިމެނިކަން ރާއްޖެ ޓީވީއަށް ވަނީ ކަށަވަރުވެފައެވެ.

މީގެ ކުރިން އެކުލަވާލި ސްކޮޑުގައި އެ ދެ ކުޅުންތެރިން ނުހިމެނި ނަމަވެސް، ރޭ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމާ ހަވާލުވި އަލީ ސުޒޭން ވަނީ ސްކޮޑަށް ގެންނާނެ ބަދަލުތަކާ ގުޅޭގޮތުން ޓީމުގެ ކޯޗު މާޓިން ކޫޕްމަންއާ މަޝްވަރާ ކުރާނެ ކަމަށް ބުނެފައެވެ.

މި ފަހަރުގެ ލީގުގައި ސައްޓު އާއި އީސަ ވަނީ ޓީސީގައި މޮޅު ކުޅުމެއް ދައްކާފައެވެ. ގައުމީ ސްކޮޑުގައި ސައްޓު ހިމެނުނުއިރު، މިއީ ގައުމީ ޓީމުން އޭނާއަށް ޖާގަ ލިބުނު ފުރަތަމަ ފަހަރެވެ. ސައްޓު ވަނީ މި ސީޒަނުގައި މިހާތަނަށް 13 ގޯލު ޖަހާފަ އެވެ.

އަދި ފަހަކަށް އައިސް އެންމެ ފޯމުގައި ހުރެ ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ އީސަ ވަނީ މި ސީޒަނުގައި 12 ގޯލު ޖަހައި 10 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ކުރިން ގައުމީ ޓިމުން ފުރުސަތު ލިބެމުން އައި އީސަ ޓީމާ ވަކިވީ 2017 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އޭޝިއަން ކަޕް ކޮލިފައިންގައި އޮމާނާ ދެކޮޅަށް ކުޅެން އޮތް މެޗަށް ޓީމު ފަރިތަކުރަމުންދަނިކޮށެވެ. އޭނަ އޭރު ޓީމާ ވަކިވީ އަމިއްލަ ސަބަބަކާ ހުރެ ކަމަށް ވަނީ ބުނެފައެވެ.

މުހައްމަދު އުމެއިރު

މީގެ އިތުރުން މިޑްފީލްޑަރު މުހައްމަދު އުމެއިރުވެސް ވަނީ ގައުމީ ޓީމުގެ ސްކޮޑުގައި ހިމަނާފައެވެ. ގަވާއިދުން މެދުކެނޑުމެއްނެތި ގައުމީ ޓީމަށް ކުޅެމުން އައި މުހައްމަދު އުމެއިރަށް ގައުމީ ޓީމުން ޖާގަ ގެއްލުނީ 2018 ވަނަ އަހަރުގެ ސާފް ސުޒުކީ ކަޕަށް ކޯޗު ސެގާޓް ސްކޮޑު ފައިނަލް ކުރި ހިސާބުންނެވެ. އުމެއިރު އަނިޔާގައި ހުރި ކަމަށް ބުނެ އޭރު ޓީމުން ބާކީކުރުމަށް ފަހު، ފަހުން ސްކޮޑުން އެއްގޮތަކަށް ވެސް ފުރުސަތު ނުލިބެ އެވެ. ގައުމީ ޓީމަށް 50 އަށް ވުރެ ގިނަ މެޗު ކުޅެދިން އުމެއިރު ވަނީ މި ސީޒަނުގައި ކްލަބު ގްރީން ސްޓްރީޓްސްގެ މެދުތެރޭގައި މޮޅު ކުޅުމެއް ދައްކާފައެވެ.

ގައުމީ ޓީމުގެ ސްކޮޑު ފައިނަލް ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މީގެ ކުރިން އެކުލަވާލި ސްކޮޑުގައި ޓީސީ ސްޕޯޓްސް ކްލަބުގެ މިޑްފީލްޑަރު އަހުމަދު ރިލްވާން (ބެން) އާއި ކްލަބު އީގަލްސްގެ މިޑްފީލްޑަރު އިމްރާން ނަޝީދާއި ކްލަބު ގްރީން ސްޓްރީޓްސްގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އަދި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުގެ ސީނިއާ ޓީމުގައި ހިމެނޭ އަހުނަފް ރަޝީދު ވަނީ ހިމަނާފައެވެ.

ގައުމީ ޓީމުން ތައްޔާރުވަމުން އަންނަނީ އަންނަނީ ފީފާ ވޯލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގައި އަންނަ މަހު 26 ވަނަ ދުވަހު ޗައިނާއާ ދެކޮޅަށް ކުޅޭ މެޗަށާއި 31 ވަނަ ދުވަހު މާލޭގައި ސީރިއާއާ ބައްދަލުކުރާ މެޗަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް