ކ. މާލެ
|
9 ފެބްރުއަރީ 2020 | އާދީއްތަ 17:17
އަންދްރޭސް އިނިއެސްޓާ
އަންދްރޭސް އިނިއެސްޓާ
ގެޓީ އިމޭޖަސް
އަންދްރޭސް އިނިއެސްޓާ
ބާސާއިން ޖެނުއަރީ މަހު އިނިއެސްޓާ އަނބުރާ ހޯދަން މަސައްކަތްކުރި
މިދިޔަ އަހަރު އިނިއެސްޓާ ވިސެލް އަށް ސޮއިކުރީ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން
ބާސާއިން އިނިއެސްޓާ ހޯދަން މަސައްކަތްކުރީ ލޯނު އެއްބަސްވުމެއްގެ ދަށުން

ޖަޕާނުގެ ވިސެލް ކޯބޭ އަށް ކުޅެމުން އަންނަ ހުނަރުވެރި މިޑްފީލްޑަރު އަންދްރޭސް އިނިއެސްޓާ ހޯދަން ޖެނުއަރީ މަހު އޭނާގެ ކުރީގެ ކްލަބު ބާސެލޯނާއިން މަސައްކަތްކުރި ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އުމުރުން 35 އަހަރުގެ އިނިއެސްޓާ، 2018 ވަނަ އަހަރުގެ މެއި މަހު ވިސެލް އަށް ސޮއިކުރީ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މިހާތަނަށް ވިސެލް ކޯބޭ އަށް 40 މެޗު ކުޅެދީފައިވާ އިނިއެސްޓާ އެ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން، ފުރަތަމަ ދެ އަހަރަށް ފަހު ވަކި ކަންތައްތަކެއް ހާސިލުވެއްޖެނަމަ ތިންވަނަ އަހަރުގެ ކުރިން އޭނާ ބޭނުންވެއްޖެނަމަ ކްލަބު ބަދަލުކުރުމުގެ އިޚުތިޔާރު އޮވެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޖެނުއަރީ މަހު ބާސާއިން ވަނީ އިނިއެސްޓާ އަނބުރާ ހޯދުމަށް މަސައްކަތް ކޮށްފައެވެ. އެގޮތުން މި ސީޒަނުގެ ނިޔަލަށް ލޯނު އެއްބަސްވުމެއްގެ ދަށުން އިނިއެސްޓާ ގެންދިޔުމަށް ބާސާއިން މަސައްކަތްކުރި ނަމަވެސް، އެކަން ކާމިޔާބުވާ ގޮތެއް ނުވި އެވެ.

ރިޕޯޓުތައް ބުނާ ގޮތުން މިއަހަރަށްފަހު ފުޓްބޯޅަ ކުޅުން ހުއްޓާލަން އިނިއެސްޓާ ވަނީ ނިންމާފައެވެ.

ބާސާގެ ސީނިއަރ ޓީމުގައި 16 އަހަރު ހޭދަކުރި އިނިއެސްޓާއަކީ 669 މެޗާއެކު ބާސާއަށް ދެވަނައަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާއެވެ. އިނިއެސްޓާ ބާސާއާ ގުޅިފައި ވަނީ 1996 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު އުމުރުން 12 އަހަރުގައެވެ. އޭނާއަކީ 32 ތައްޓާއެކު ބާސާގެ ތާރީޚުގައިވެސް އެންމެ ގިނަ ތަށި ކާމިޔާބު ކުރި އެއް ކުޅުންތެރިޔާއެވެ. ބާސާ އާއެކު އިނިއެސްޓާ ހޯދާފައިވާ ކާމިޔާބީތަކުގެ ތެރޭގައި ސްޕެނިޝް ލީގު ނުވަ ފަހަރު އަދި ޔުއޭފާ ޗެމްޕިއަންސް ލީގުގެ 4 ފަހަރު ހޯދުން ފާހަގަ ކޮށްލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް