ކ. މާލެ
|
8 ފެބްރުއަރީ 2020 | ހޮނިހިރު 22:47
ކޯޗު އަލީ ސުޒޭން
ކޯޗު އަލީ ސުޒޭން
ސަން
ގައުމީ ފުޓްބޯޅަ ޓީމު
ސުޒޭން އާއި އިމްރާން ގައުމީ ޓީމަށް
ސުޒޭން ގައުމީ ޓީމާއި ގުޅިފައިވަނީ އެސިސްޓަންޓް ކޯޗުގެ ގޮތުގައި
އިމްރާން ގައުމީ ޓީމާއި ގުޅިފައިވަނީ ގޯލްކީޕަރު ޓްރޭނަރުގެ އެސިސްޓަންޓަކަށް

ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމަށް ތަޖުރިބާކާރު ކޯޗު އަލީ ސުޒޭން އަދި ގޯލްކީޕަރު ޓްރޭނަރުގެ އެސިސްޓަންޓަކަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ގޯލްކީޕަރު އިމްރާން މުހައްމަދު ހަމަޖައްސައިފި އެވެ.

ގައުމީ ޓީމުގެ މަގާމުތަކަށް ސުޒޭން އާއި އިމްރާން ހަމަޖެއްސިއިރު، ފަހަކަށް އައިސް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް އެންމެ ބޮޑަށް ފާޑުކީ މީހުންގެ ތެރޭގައި ސުޒޭނާއި އިމްރާން ހިމެނެ އެވެ.

އެފްއޭއެމް ހައުސްގައި ހޮނިހިރު ދުވަހުގެރޭ އޮތް ރަސްމިއްޔާތެއްގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު އެއް ކޯޗު ކަމުގައިވާ ސުޒޭން އާއި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު ގައުމީ ޓީމާ ގުޅުމަކީ ރާއްޖޭގެ ފުޓްބޯޅައަށް ލިބޭ ކުރިއެރުމެއް ކަމަށެވެ. އެގޮތުން މިއަހަރަށް ކަނޑައެޅި ދެ ޓާގެޓު ކަމުގައިވާ އޭއެފްސީ އޭޝިއަން ކަޕަށް ކޮލިފައިވުމާއި ސާފް ސުޒުކީ ކަޕް ކާމިޔާބުކުރުމަށް މި ދެ ބޭފުޅުންގެ ތަޖުރިބާ ގައުމީ ޓީމަށް މުހިންމު ކަމަށްވެސް ވިދާޅުވިއެވެ.

މަގާމާ ހަވާލުވުމަށްފަހު ސުޒޭން ބުނީ މީގެ ކުރިންވެސް އެފްއޭއެމަށް ފާޑުކިޔާފައިވަނީ ފުޓްބޯޅައިގެ ކަންކަން ރަނގަޅު ކުރުމަށް ކަމަށާއި، މިހާރުވެސް މި ހުރީ އެ ރޫހުގައި ރާއްޖޭގެ ފުޓްބޯޅައިގެ ކަންކަން އިސްލާހުކުރުމަށް ކަމަށެވެ. އަދި އެފްއޭއެމްއާ ގުޅިގެން މަސައްކަތް ކުރުމަށް ލިބުމުން އެކަންކަން ރަނގަޅު ކުރުމަށް އިތުރު މަސައްކަތްތަކެއް ކުރެވޭނެ ކަމަށްވެސް ބުންޏެވެ.

ގައުމީ ޓީމުގެ ކޯޗަކަށް ދާދި ފަހުން އެފްއޭއެމުން ވަނީ ނެދަލެންޑްސްގެ ކޯޗު މާޓިން ކޫޕްމަން ގެނެސްފަ އެވެ. އޭނާއާ އެކު އެސިސްޓަންޓް ކޯޗަކަށް ހަމަޖައްސާފައިވަނީ ކޯޗު ގޫސް ހިޑިންކްގެ ކޮއްކޮ ރެނޭ ހިޑިންކް އެވެ. އޭގެ އިތުރުން ދެން އެސިސްޓަންޓަކަށް ހުންނާނީ ސުޒޭން އެވެ.

މިއީ ސުޒޭން ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރާނެ ދެވަނަ ފަހަރެވެ. އޭނާ ވަނީ 2005 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. އަދި 2007 ވަނަ އަހަރު 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމުވެސް އަދާކުރިއެވެ.

ގޯލްކީޕަރު އިމްރާން މުހައްމަދު

އަދި ގޯލްކީޕަރު ޓްރޭނަރުގެ އެސިސްޓަންޓަކަށް ގޯލްކީޕަރު އިމްރާން މުހައްމަދު ހަމަޖައްސިއިރު، މިއީ އިމްރާން ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރާނެ ފުރަތަމަ ފަހަރެވެ. ގޯލްކީޕަރު ޓްރޭނަރުގެ ގޮތުގައި ގައުމީ ޓީމުގައި މަސައްކަތްކުރާނީ އަސްލަމް އަބްދުލްރަހީމް އެވެ.

ދިވެހިރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އިމްރާން މުހައްމަދު 20 އަހަރުވީ ކުލަގަދަ، ކާމިޔާބު ކެރިއަރަކަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލީ މިދިޔަ އަހަރުއެވެ. ގައުމީ ފުޓްބޯޅަ ޓީމަށް 17 އަހަރު ކުޅެދިނުމަށް ފަހު 2016 ގައުމީ ޓީމުން ރިޓަޔާކުރި އިމްރާން އެއްކޮށް އަންގި ބޭލީ އޭނާ ކުޅެމުން އައި ޓީސީ ސްޕޯޓްސްގެ އެއްބަސްވުން ސީޒަނުގެ މެދަކާ ހަމައިން އުވާލުމަށް ފަހު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް