ކ. މާލެ
|
8 ފެބްރުއަރީ 2020 | ހޮނިހިރު 21:07
ބާސާގެ ކުރީގެ ފޯވާޑް ރިވާލްޑޯ
ބާސާގެ ކުރީގެ ފޯވާޑް ރިވާލްޑޯ
ރިވާލްޑޯ
އަބިދާލް ދެކެ ރުޅި އައުމުގެ ފުރިހަމަ ހައްގު މެސީއަށް ލިބޭ: ރިވާލްޑޯ
އަބިދާލް ދިން އިންޓަވިއުއެއްގައި ވަނީ ބާސާގެ ގިނަ ކުޅުންތެރިންތަކަކަށް ތުހުމަތު ކޮށްފައި
އެ އިންޓަވިއުއާ ގުޅިގެން މެސީ ވަނީ އަބިދާލް އަށް ހޫނު ރައްދެއް ދީފައި

ބާސެލޯނާގެ ސްޕޯޓިން ޑިރެކްޓަރު އެރިކް އަބިދާލް ދެކެ ރުޅި އައުމުގެ ފުރިހަމަ ހައްގު އެޓީމުގެ ކެޕްޓަން ލިއޮނެލް މެސީއަށް ލިބޭ ކަމަށް ކުރީގެ ފޯވަރޑް ރިވާލްޑޯ ބުނެފި އެވެ.

ދާދި ފަހުން ސްޕެއިނުގެ ނޫހެއް ކަމަށްވާ ޑާރިއޯ ސްޕޯޓްސް އަށް އަބިދާލް ދިން އިންޓަވިއުއެއްގައި މަޞްލަޙަތު ގެއްލޭ ވާހަކަތަކެއް ދައްކާފައިވާތީ އޭނާ އަށް އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

އަބިދާލް ބުނީ ބާސެލޯނާގެ ކުރީގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ މަގާމުން ވަކިކުރުމުގައި ކުޅުންތެރިންގެ ޒިންމާ ވެސް އެބައޮތް ކަމަށާއި ބައެއް ކުޅުންތެރިން ވަލްވޭޑޭގެ ކޯޗުކަމުގައި އެކަށީގެންވާ ވަރަށް މަސައްކަތް ކޮށްފައިނުވާ ކަމަށެވެ. އެގޮތުން އެޓީމުގެ ބައެއް ކުޅުންތެރިންނާއި ވަލްވޭޑޭއާ ދެމެދު ހިތްހަމަނުޖެހުން އުފެދުނު ކަމަށްވެސް އަބިދާލް ބުންޏެވެ.

އަބިދާލް އަށް ރައްދު ދެމުން މެސީ ބުނީ ކުޅުންތެރިންތަކެއް ބޮލުގައި ކޯޗަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ ތުހުމަތުތަކެއް ކުރާއިރު، އެ ކުޅުންތެރިންގެ ނަން ހާމަކުރަން ޖެހޭނެ ކަމަށާއި ކުޅުންތެރިންގެ ނަން ހާމަނުކުރާނަމަ އެ ތުހުމަތުކުރެވެނީ މުޅި ޓީމަށް ކަމަށެވެ. އަދި ވަކި ކުޅުންތެރިޔެއްގެ ނަން ނުހިމަނާ އެފަދަ ވާހަކަތައް ދެއްކުމުން ދޮގު މައުލޫމާތު ފެތުރި ޓީމު ބަދުނާމުވާ ކަމަށްވެސް މެސީ ވަނީ ބުނެފައެވެ.

ބާސާއަށް ކުރިން ކުޅުނު ބްރެޒިލްގެ ފޯވަރޑް ރިވާލްޑޯ ބުނީ އަބިދާލް ދެކެ ރުޅި އައުމުގެ ފުރިހަމަ ހައްގު މެސީއަށް ލިބޭ ކަމަށާއި އެގޮތުން މެސީ މަސައްކަތްކުރީ އެޓީމުގެ ކުޅުންތެރިން ދިފާއުކުރުމަށް ކަމަށެވެ. އެގޮތުން ޓީމުގެ ވަކި ކުޅުންތެރިޔެއްގެ ނަން ހާމަނުކޮށް އެފަދަ ތުހުމަތެއް ކުރުމުން އޭގެ ހަގީގަތް ބެލުމުގެ ފުރިހަމަ ހައްގު މެސީއަށް ލިބޭ ކަމަށްވެސް ރިވާލްޑޯ ވަނީ ބުނެފައެވެ.

އަބިދާލްގެ އެ އިންޓަވިއުއާ ގުޅިގެން މިދިޔަ ހަފުތާގައި ބާސާގެ ރައީސް ޖޯސެފް ބާޓޮމެއު ވަނީ އަބިދާލްއާ ބައްދަލުކޮށްފައެވެ. އެ ބައްދަލުވުމަށް ފަހު އަބިދާލް ޓީމުގައި ބެހެއްޓުމަށް ނިންމާފައިވާ ކަމަށް ސްޕެއިންގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އަބިދާލްގެ އެ އިންޓަވިއުގައި އޭނާ ވަނީ މެސީ، ބާސެލޯނާއާ އެކު ހަދާފައިވާ އެއްބަސްވުން އައު ކުރަން މަޝްވަރާކުރަމުން އަންނަ ކަމަށްވެސް ބުނެފަ އެވެ. އެކަމަކު އަބިދާލްއަށް މެސީ ރައްދު ދިނުމުން، އައު އެއްބަސްވުމުގެ މަޝްވަރާތައް މަޑުޖެހިގެންދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް