ޖަރުމަންގެ ފޯވަރޑް ލެރޯއީ ސާނޭ މެންޗެސްޓަރ ސިޓީގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި އެވެ.
މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ސާނޭއަށް އަނިޔާވީ އެފްއޭ ކޮމިޔުނިޓީ ޝީލްޑްގައި ލިވަޕޫލް އަތުން ސިޓީ މޮޅުވި މެޗުގެ ތެރެއިންނެވެ. އެ މެޗުން ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން ސާނޭ މަދުވެގެން ހަ މަސް ދުވަހަށް ކުޅުމާ ދުރަށްދާން ޖެހޭ ކަމަށް އޭރު ސިޓީން ވަނީ ބުނެފައެވެ.
އެ އަނިޔާއިން ރަނގަޅުވަމުން އަންނަ ސާނޭ ސިޓީގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފެށި ނަމަވެސް، އޭނާ އަނބުރާ ކުޅުމަށް އަންނާނެ ދުވަހެއް އަދި ނޭނގޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެކަމަކު ރިޕޯޓުތައް ބުނާ ގޮތުން މި މަހުގެ ފަހުކޮޅު އޭނާ އެއްކޮށް ފިޓުވާނެ އެވެ.
ސިޓީގައި މިހާތަނަށް މޮޅު ކުޅުމެއް ދައްކާފައިވާ ސާނޭ އެޓީމާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ ދެ އަހަރު އޮތްއިރު، މީގެ ކުރިން ސާނޭ ހޯދުމަށް ޖަރުމަންގެ ޗެމްޕިއަން ބަޔާން މިއުނިކުން ވަނީ މަސައްކަތް ކޮށްފައެވެ.
ޝާލްކޭ އިން 2013 ވަނަ އަހަރުގެ ސީޒަނުގައި ކެރިޔަރު ފެށި ސާނޭ ވަނީ އެ ކްލަބަށް ކުޅުނު 57 މެޗުގައި 13 ލަނޑު ކާމިޔާބު ކޮށްފައެވެ. އޭނާ އެ ކްލަބު ދޫކޮށް ސިޓީއަށް ބަދަލުވީ 2016 ވަނަ އަހަރުގެ ސީޒަނުގައެވެ.
އެގޮތުން ސާނޭ ވަނީ ސިޓީއަށް މިހާތަނަށް ކުޅުނު 134 މެޗުގައި 39 ލަނޑު ކާމިޔާބު ކޮށްފައެވެ. އަދި އޭނާ ވަނީ އެ ކްލަބާއެކު އިނގިރޭސި ޕްރިމިއަރ ލީގު ދެ ފަހަރު، އިނގިރޭސި ލީގު ކަޕް ދެ ފަހަރު އަދި އެފްއޭ ކޮމިއުނިޓީ ޝީލްޑް އެއް ފަހަރު ކާމިޔާބު ކޮށްފައެވެ.
މީގެ އިތުރުން ސާނޭ ވަނީ 2017 ވަނަ އަހަރުގެ ސީޒަނުގައި ޕްރިމިއަރ ލީގުގެ އެންމެ ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދުމުގެ އިތުރުން ޖަރުމަން ގައުމީ ޓީމަށް ކުޅުނު 21 މެޗުގައި 5 ލަނޑު ކާމިޔާބު ކޮށްފައެވެ.