ކ. މާލެ
|
8 ފެބްރުއަރީ 2020 | ހޮނިހިރު 15:50
ބްރެޒިލްގެ ތަރި ފިލިއްޕޭ ކުޓީނިއޯ
ބްރެޒިލްގެ ތަރި ފިލިއްޕޭ ކުޓީނިއޯ
ފިލިއްޕޭ ކުޓީނިއޯ
ކުޓީނިއޯއާ މެދު އަމަލުކުރާނެ ގޮތެއް އަދި ނުނިންމަން: ބަޔާން
ކުޓީނިއޯ ބަޔާނަށް ކުޅެމުން އަންނަނީ ލޯނު އެއްބަސްވުމެއްގެ ދަށުން
މި ސީޒަން ނިމުމުން ކުޓީނިއޯގެ އެއްބަސްވުން ދާއިމީކުރުމުގެ ފުރުސަތު ބަޔާނަށް އެބައޮތް

މި ސީޒަން ނިމުމުން ބްރެޒިލްގެ ތަރި ފިލިއްޕޭ ކުޓީނިއޯއާ މެދު އަމަލުކުރާނެ ގޮތެއް އަދި ނުނިންމާ ކަމަށް ބަޔާން މިއުނިކުގެ ކޯޗު ހާންސީ ފްލިކް ބުނެފި އެވެ.

ބާސެލޯނާ ދޫކޮށް އެއް ސީޒަނުގެ ލޯނު އެއްބަސްވުމެއްގެ ދަށުން ކުޓީނިއޯ ބަޔާނަށް ބަދަލުވިއިރު، ބަޔާނުން ބޭނުންވެއްޖެނަމަ ކުޓީނިއޯ ދާއިމީކޮށް ގަނެވޭ ގޮތަށް އެއްބަސްވުމުގައި ވަނީ ހިމަނާފަ އެވެ. އެގޮތުން ކުޓީނިއޯގެ އެއްބަސްވުން ދާއިމީ ކުރަން ބަޔާނުން 110 މިލިއަން ޕައުންޑް ދައްކަން ޖެހޭނެ އެވެ. ފަހުން ބަޔާނުން އެ އަގު ކުޑަކުރަން ހުށަހެޅި ނަމަވެސް، ބާސާއިން އެކަމަށް އެއްބަހެއް ނުވިއެވެ.

ބަޔާންގެ ކޯޗު ފްލިކް ބުނީ ފަހަކަށް އައިސް ބަޔާންގައި ކުޓީނިއޯއަށް އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް، އެ ޓީމުން އޭނާއަށް އެހީވާން ތައްޔާރު ކަމަށެވެ. އެގޮތުން ކުޓީނިއޯއަށް ވަގުތުދޭން ބޭނުން ކަމަށާއި، އެކަމަކު ސީޒަން ނިމުނުން އޭނާއާ މެދު އަމަލުކުރާނެ ގޮތެއް އަދި ވަކިން ނުނިންމާ ކަމަށްވެސް ބުންޏެވެ.

ބަޔާންއަށް ބަދަލުވެ ކުރީކޮޅު ކުޓީނިއޯގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ފަހުން އޭނާގެ ކުޅުން ދަށްވެ އެޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތު ވަނީ ގެއްލިފައެވެ. ކުޓީނިއޯ އެންމެ ފަހުން ބަޔާނަށް ގޯލެއް ޖަހައިދިނީ މިދިޔަ ޑިސެމްބަރު މަހު މެދުތެރޭގަ އެވެ.

2018 ވަނަ އަހަރުގެ ޖެނުއަރީ މަހު ލިވަޕޫލުން 142 މިލިއަން ޕައުންޑަށް ބާސެލޯނާ އަށް ބަދަލުވި ކުޓީނިއޯއަށް އެ ކްލަބުގައިވެސް އެންމެ އެދެވޭ ކުޅުން ދެއްކިފައެއް ނުވެ އެވެ. އެގޮތުން ކުޓީނިއޯ ބާސެލޯނާގައި ކުޅުނު 76 މެޗުގައި ޖެހިފައިވަނީ 21 ގޯލެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް