2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 7 ވަނަ ދުވަހު ރާއްޖެ ދުށް ކަންކަމަކީ ރައްޔިތުންނަށް އެކަމެއްގެ ވާހަކައެއް އަލުން ބުނެދެންޖެހޭ ކަންކަމެއް ނޫނެވެ. އެ ދުވަހަކީ ރާއްޖޭގެ ތާރީހް ދުށް އެންމެ ކަޅު ދުވަސްތަކުގެ ތެރޭގައި ހިމެނޭ އެއް ދުވަސް އެވެ. ފުލުހުންނާއި، ސިފައިންގެ ތެރެއިން މަދު ބަޔަކު އަޑީގައި ތިބެ، ސިޔާސީ ފަރާތްތަކުގެ ވާގިވެރިކަމުގައި ރައްޔިތުން އިންތިހާބުކުރި ވެރިކަމަކަށް ނިމުން ގެނުވީ ފެބުރުއަރީ މަހުގެ 7 ވަނަ ދުވަހު އެވެ. އެ ދުވަހާއި، ޖެހިގެން އައި ފެބުރުއަރީ މަހުގެ 8 ވަނަ ދުވަހު ސިފައިންނާއި ފުލުހުން ނިކުމެ، އެތަށް ހާސް އާންމު ރައްޔިތުންނަށް އަނިޔާވެރިވީވެސް 2012 ވަނަ އަހަރު އެވެ.
ފުލުހުންގެ މައި އިދާރާގައި ތިބެ މަހުޖަނުންނާއި، ޝެއިހުން ވެރިކަމެއް ވައްޓާލެވުނީތީވެ އުފާފުޅުކުރަމުން ދިޔައީވެސް ފެބުރުއަރރީ މަހުގެ 7 ވަނަ ދުވަހު އެވެ. ދައުލަތުގެ އެންމެ މަތީ ވެރިޔާގެ އަމުރަށް ނުކުޔަމަންތެރިކަން ދައްކާ، އިސްތިއުފާ ދެއްވުން ނޫން ގޮތެއް ނެތްކަމަށް ވިދާޅުވެ ބަނޑޭރި ކޮށިން ނިކުތް ބަޔަކު ވާހަކަ ދެއްކީވެސް ފެބުރުއަރީ މަހުގެ 7 ވަނަ ދުވަހު އެވެ. ދައުލަތުގެ މީޑިއާ ހިސޯރުކޮށް، ދައުލަތުގެ މީޑިއާގައި މަސައްކަތްކުރި މުވައްޒިފުން ބިރުވެރިކަމެއްގެ ތެރެޔަށް ވައްޓާލީވެސް ފެބުރުއަރީ މަހުގެ 7 ވަނަ ދުވަހު އެވެ.
ސިޔާސީ ޕާޓީތަކުގެ ޖަގަހަތަކުގެ ތެރެޔަށް ވަދެގަނެ، އެތަންތަން އެ ފުށް މި ފުށަށްޖެހި މަންޒަރުވެސް ރައްޔިތުންނަށް ދެކުނީ ފެބުރުއަރީ މަހުގެ 7 ވަނަ ދުވަހު އެވެ. މި ހުރިހާ މަންޒަރަކީވެސް ސޯޝަލް މީދިއާގައި ރައްޔިތުންނަށް މިއަދުވެސް ފެންނަން ހުރި މަންޒަރުތަކެވެ.
އެ ދުވަހަށް 8 އަހަރު ފުރިގެންދާއިރު، މިއަދުގެ ހަޤީޤަތަކީވެސް އެ ދުވަހުގެ އަނިޔާވެރިކަމާއި، އެ ދުވަހުގެ ކަންކަމުގެ ފަހަތުގައި ތިބި ފަރާތްތަކާއި އިންސާފު އަރާ ހަމަނުކުރާކަމެވެ. ރައްޔިތުން އިންތިހާބުކުރާ ވެރިކަމެއް މަގުމަތިން ވައްޓާލުމަކީ މައްސަލައެއް ނޫންކަމަށް ދެކި، އެކަމުގެ އުފާފާޅުކުރާ ވަޒީރުންވެސް މިއަދުވެސް ތިއްބެވިކަމެވެ. އެ ދުވަހުގެ ކަންކަމުގެ ފަހަތުގައި ތިބި ވަޒީރުންނާއި، މަހުޖަނުން ތިބީ ސަރުކާރު ނިވާ ފަތްގަނޑަކަށް ހައްދަވައި، ސަރުކާރުގެ ތެރޭގައިކަމެވެ. އެ ދުވަހުގެ ކަންކަން ތަހުޤީޤްކުރުމަށް އެކުލަވާލި ކޮމިޝަންގެ ރިޕޯޓަކީ ދައުލަތުގެ ބޮޑު ސިއްރުގެ ގޮތުގައި ކަނޑައަޅައި، ޑިފެންސް މިނިސްޓްރީގައި ރައްކާކޮށްފައިވާކަމެވެ.
ސުވާލަކީ، 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 7 ވަނަ ދުވަހު ހިނގާ ދިޔަ ކަންކަން ތަހުޤީޤްނުކޮށް، އިންސާފު ޤާއިމްކޮށްދެވިދާނެތޯ އެވެ. ސަރުކާރުގެ ތެރެއިން އެ މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދޭނަމަ، އެކަންކަން ތަކުރާރުވުމުގެ ފުރުސަތު ނެތްތޯ އެވެ. ބާރުގައި ތިބެމެ، އެކަންކަން ތަހުޤީޤް ނުކުރެވުމުން ރައްޔިތުންނަށްދެވޭ މެސެޖަކީ ކޮބައިތޯ އެވެ.
މިއަދުގެ ހަޤީޤަތަކީވެސް ފެބުރުއަރީ މަހުގެ 7 ވަނަ ދުވަސް ތަކުރާރުކުރުމަށް ބޭނުންވާ ބަޔަކު ރާއްޖޭގެ ސިޔާާސި މައިދާނުގައި ކެނޑިނޭޅި މަސައްކަތްކުރަމުންދާކަމެވެ. ކަންކަން ތިލަވެ، ހަމަވަމުންދާ މިންވަރުން އެނގިގެންދާ އަނެއްކަމަކީ އެކަމުގައި ބައިވެރިވާނެ ސަރުކާރުގެ ވަޒީރުންވެސް ތިއްބެވިކަމެވެ.
އެ ދުވަހު ވެރިކަން ވައްޓާލުމަށް ދުއާކޮށް، ފުލުހުންގެ މައި އިދާރާގައި އުފާފާޅުކުރި ވަޒީރުން ތިއްބެވީ ސަރުކާރުގެ މިނިސްޓަރުކަމުގެ މަޤާމުގަ އެވެ. އެ ދުވަހުގެ ބަޣާވާތަށް ފަންޑުކުރިކަމަށް ތުހުމަތުކުރެވޭ، މަހުޖަނަކީ ސަރުކާރު ހިންގާ ކޯލިޝަންގެ ބައިވެރިޔެކެވެ. އެ ދުވަހުގެ ކަންކަމުގެ ފަހަތުގައި ތިބި އެތަށް ބަޔަކު ތިބީ ސަރުކާރުގެ ނުފޫޒުގަދަ މަޤާމުތަކުގަ އެވެ. ފަހަރުގައި މި ސަރުކާރަށްވެސް އެކަންކަން ތަހުޤީޤް ނުކުރެވިގެން އުޅޭ އަސްލަކީ އެއީ ކަމަށްވެދާނެ އެވެ. ނަމަވެސް ރާއްޖޭގެ ތާރީހް ދުށް އެއް ހަޤީޤަތަކީ، މާޒީއަށް އިންސާފު ނުލިބޭނަމަ، މުސްތަޤުބަލުގައި އަނެެއްކާވެސް އެކަން ތަކުރާރުކޮށްފާނެ ކަމެވެ. ވެރިކަމެއް ވައްޓާލާ، މުޅި ދައުލަތުގެ ނިޒާމް އަނެއްކާވެސް ގަނޑުބަނޑުކޮށްފާނެއޭ ބުނުމުގެ ފުރުސަތު އޮތީ މިހެންވެ އެވެ.
މުސްތަޤުބަލަށްކޮށްދޭ ކަމެއްގެ ގޮތުގައިވެސް، ފެބުރުއަރީ މަހުގެ 7 ވަނަ ދުވަހުގެ ކަންކަން ތަހުޤީޤްކޮށް ފިޔަވަޅު އަޅަންޖެހޭކަމެވެ. އެއީ ރައްޔިތުން މި ސަރުކާރު ވެރިކަމަށް ގެނައި ސަބަބުތަކުގެ ތެރޭގައިވެސް ހިމެނޭ މުހިންމު އެއް ކަމެވެ. އަދި ކިޔެއްތަ، އެފަދަކަމެއް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ މުހިންމު އެއް ފިޔަވަޅެއްވެސްމެވެ.