ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިންތިހާބު އަވަސް ކޮށްފި އެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރެއްވި ޓްއީޓެއްގައި ވިދާޅުވީ އެފްއޭއެމްގެ އިންތިހާބު އަވަސް ކުރުމަށް އެމަނިކުފާނު އެފްއޭއެމްގެ ހިންގާ ކޮމެޓީއަށް ހުށަހަޅުއްވައި، އެކަމަށް ހިންގާ ކޮމެޓީއިން އެއްބަސްވެފައިވާކަމަށެވެ. އެހެންކަމުން ކުރިޔަށް އޮތް 45 ދުވަހުގެ ތެރޭގައި އެފްއޭއެމްގެ އިންތިހާބު ބާއްވަން ހިންގާ ކޮމެޓީއިން ނިންމައިފައިވާ ކަމަށް ބައްސާމް ވިދާޅުވި އެވެ.
ބައްސާމް ކުރެއްވި ޓްއީޓުގައި އިތުރަށް ވިދާޅުވީ ފުޓުބޯޅަ އަކީ ހަމައެކަނި ކުޅިވަރެއް ނޫން ކަމަށާއި އެފްއޭއެމްގެ އިންތިހާބުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އެކަމަށް ކުރިމަތިލުމަށް ގޮވައިލައްވާ ކަމަށާއި، އެފްއޭއެމްގެ އިންތިހާބު ޑިމޮކްރެޓިކްގެ ހަމަތަކާއި އުސޫލުން ދެފުއް ފެންނަ ގޮތަށް ބާއްވާނެ ކަމަށެވެ.
އެފްއޭއެމްގެ ރައީސް ބައްސާމްގެ ދައުރު ހަމަވާނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ. ބައްސާމް މީގެކުރިން ވިދާޅުވީ އެފްއޭއެމްގެ އިންތިހާބު އޭގެކުރިން ކޮންމެ އިރެއްގައި ވެސް ބޭއްވިދާނެ ކަމަށެވެ. އެފްއޭއެމްގެ އިންތިހާބު ނޮވެމްބަރު 20 ގެ ކުރިން ބޭއްވުމަށް އެއެސޯސިއޭޝަންގެ ހިންގާ ގަވައިދުގައި ބުނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މިހާރުގެ މެމްބަރު އަދި ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަހުމަދު ތޯރިގް (ޓޮމް) އާ ވާދަކޮށް އެފްއޭއެމްގެ ރައީސްގެ މަގާމަށް ބައްސާމް އިންތިހާބުވެވަޑައިގެންނެވީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމެޓީގެ ޗެއާމަންކަން ވެސް ކުރައްވައިފައިވާ ބައްސާމް ވަނީ އެ އެސޯސިއޭޝަނުގެ ޖެނެރަލް ސެކެޓްރީގެ މަގާމު ވެސް އަދާ ކުރައްވައިފައެވެ.
ފުޓުބޯޅައިގެ މަޝްހޫރު ކްލަބް ވެލެންސިއާ ހިންގެވުމުގައި އިސް ދައުރެއް އަދާކުރެއްވި އަދީލް ޖަލީލްގެ ބޭފުޅެއް ކަމަށްވާ ބައްސާމް ފުޓުބޯޅައިގެ ތެރެއަށް ވެންނެވީ ވެލެންސިއާގެ ތެރެއިންނެވެ. ބައްސާމް ވަނީ މީގެ ކުރިން ވެލެންސިއާގެ ޗެއާމަންގެ މަގާމް ވެސް އަދާކުރައްވައިފައެވެ.
ބައްސާމް މަގާމުން ވަކިކުރުމަށް ނިމިދިޔަ އަހަރު ބައެއް ކްލަބް ތަކުން މަސައްކަތް ކޮށްފައިވާއިރު އޭގެ ތެރޭގައި ރާއްޖޭގެ އެންމެ ބޮޑު ދެ ކްލަބް ކަމަށްވާ ނިއުރޭޑިއަންޓް އަދި ވިކްޓްރީ ހިމެނެއެވެ. މި ދެ ކްލަބް މިހާރުވަނީ ފުޓުބޯޅައިގެ ހުރިހާ ހަރަކާތް ތަކުން ސަސްޕެންޑް ކުރެވިފައެވެ.