ރާއްޖޭގެ ފުޓްބޯޅަ ކުލަބުތަކަށް އާއްމުދަނީ ހޯދާނެ ގޮތެއް މިއަހަރުގެ ތެރޭގައި ހަމަޖެހިގެންދާނެ ކަމަށާއި ކުލަބުތަކަށް ވިޔަފާރީގެ ތެރެއަށް ވަދެވޭނެ ގޮތް މި އަހަރު ހަމަޖެހޭނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ ކުޅިވަރު ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ބައްސާމް ވިދާޅުވީ ވިޔަފާރި އުސޫލުން ކޮންމެ ކުލަބަށްވެސް އާއްމުދަނީއެއް ހޯދޭނެ ގޮތެއް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށާއި މި ބިންގާގެ މަތީގައި ދެން ކުލަބުތައް ފެނިގެންދާނީ ވަރަށް ހަރުދަނާ މެނޭޖްމަންޓްތަކާއި އެކު ކަމަށެވެ.
ކުލަބުތަކަށް އަމިއްލަ ވިޔަފާރީގެ ތެރެއަށް ވަދެވޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށް ބައްސާމް ވިދާޅުވި އިރު ކުލަބުތަކުން އާއްމުދަނީ ހޯދުމަށް ކުރާނީ ކޮން ވިޔަފާރިއެއް ކަމެއް އަދި އެކަން ކުރަން ނިންމާފައިވަނީ ކިހިނެއް ކަމަށް ވިދާޅެއްނުވެއެވެ. އެހެން ނަމަވެސް ބައްސާމް ވަނީ އެކަމުގެ ތަފްސީލްތައް ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ކުލަބުތައް ދޯދިޔާވެ، ކުލަބުތަކުގެ ދޯދިޔާ ކަމުގެ ޒިންމާ އެފްއޭއެމް އިން އުފުލަން ޖެހޭނެ ކަމަށް ބަޔެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަ އާއި ގުޅިގެން ބައްސާމް ވިދާޅުވީ ފުޓްބޯޅައިގެ އެއްމެ އިސްފަރާތަކީ އެފްއޭއެމް ކަމަށާއި އެހެން ކަމުން ފުޓްބޯޅައިގެ ކޮންމެ ފާޑުކިޔުމެއްގައި ވެސް އެއްމެ ބޮޑު ޒިންމާއެއް އަބަދު އަދާކުރަން ޖެހޭނީ އެފްއޭއެމް ކަމަށް ގަބޫލުކުރާ ކަމަށެވެ.
ކުލަބުތައްވަރަށް ދޯދިޔާ ކަމަށް ދެކެވޭ ވާހަކަ އަކީ މުޅިން ރަނގަޅުވާހަކައެއް ނޫން ކަމަށާއި ދުނިޔޭގައި ފުޓްބޯޅަ ކުލަބުތައް ހިންގާ އުސޫލަށްބަލާއިރު ރާއްޖެއަކީ ބިޒްނަސް މޮޑަލްގައި ކުލަބުތައް ހިންގާތަނަކަށްނުވާތީ ކުލަބުތަކަށް ދޯދިޔާވުމުން މިއަދު ކުލަބުތައް ކުއްވެރިކުރެވޭނެ ގޮތެއް ނެތް ކަމަށް ބައްސާމް ވިދާޅުވިއެވެ.
ވަރަށް ބޮޑެތި ބަދަލުތަކެއް ފުޓްބޯޅައަށް އެބަޖެހޭ އަންނަން. އަޅުގަނޑުމެންގެ ސްޓޭޑިއަމް ސަޕޯޓަރުން ވަންނަ ކަހަލަ މާހައުލަކަށް ބަދަލުވާންޖެހޭ. ފުޓްބޯޅަ މެޗުތައް ވެސް މިހާރަށްވުރެން ފޯރީގަ ކުރިޔަށްދާން ޖެހޭ. އެއްމެ ބޮޑު ދަތިކަމަށް މި ވަނީ ފައިސާގެ ދަތިކަން އެކަން އެހެން އޮތުމުން ކުލަބުތައް ބޭނުންވާ ގޮތުގައި ނުހިންގިގެން މި އުޅެނީވެސްއެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް
އެއްވަނަ ޑިވިޒަނުގައި ވާދަކުރާ ކުލަބުތަކުގެ ތެރެއިން ބިޒްނަސް މޮޑެލްގައި ހަމައެކަނި މިހާރު ހިންގަމުންދާ ކުލަބަކީ މާޒިޔާ ކަމަށާއި ވޭތުވެދިޔަ ދިހަ އަހަރަށް ބަލާއިރު އެ ކުލަބުން ކުޅުންތެރިންގެ މުސާރަ ދިނުމާއި ކުލަބު ހިންގުމުގައި ވެސް ތަފާތު ދައްކާފައިވާ ކަމަށް ބައްސާމް ވިދާޅުވިއެވެ.