ކ. މާލެ
|
4 ފެބްރުއަރީ 2020 | އަންގާރަ 15:42
ވިކްޓަރީގެ ކުޅުންތެރިން އަދި އެޓީމުގެ ކޯޗުން
ވިކްޓަރީގެ ކުޅުންތެރިން އަދި އެޓީމުގެ ކޯޗުން
ފޭސްބުކް
ވިކްޓަރީ ސްޕޯޓްސް ކުލަބު
ވިކްޓަރީގެ ހާލަތު ވަރަށް ދެރަވަރު، ވަރަށް ދޯދިޔާ މެނޭޖްމަންޓެއް: ބައްސާމް
އެފްއޭއެމްގައި ވިކްޓަރީއަށް ދޭނެ ފައިސާއެއް ނެތް
މާޗު 31ގެ ކުރިން އޮންނަ ކޮންގްރެސްގައި ގޮތެއް ނިންމާނެ

ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ހާލަތު ވަރަށް ދެރަވަރު ކަމަށާއި ކުލަބުގެ މެނޭޖްމަންޓް ވަރަށް ދޯދިޔާކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ކުޅިވަރު ފައިލް ޕްރޮގްރާމްގައި ވާހަކަދައްކަމުން ބައްސާމް ވިދާޅުވީ ވިކްޓަރީއަށް ދީފައިވާ ވަގުތީ ސަސްޕެންޝަން ފިލުވުމަށް އެކުލަބުން މަސައްކަތް ނުކުރާ ކަމަށާއި މެނޭޖްމަންޓުން އެއް ވެސް ވަރަކަށް އެކަމާއި ނޫޅޭ ކަމަށެވެ. އެފްއޭއެމް އިން އަމަލު ކުރަމުން އަންނަ ގޮތަކީ މުސާރަ މައްސަލަ އުޅޭނަމަ ކުލަބަށް ދޭނެ ޖެހޭ ފައިސާއިން ކުޅުންތެރިންގެ ކަންތައް ހަމަޖެއްސުން ކަމަށާއި އެހެން ނަމަވެސް ވިކްޓަރީއަށް އެފްއޭއެމް އިން ދޭނެޖެހޭ ފައިސާއެއް ނެތުމުން ކުޅުންތެރިންގެ މުސާރަ އެ ކުލަބުގެ މެނޭޖްމަންޓުން ނިންމަން ޖެހޭ ކަމަށެވެ.

ވިކްޓަރީއަށް ކުރިން ކުޅެފައިވާ ބަޔެއް ކުޅުންތެރިން އެފްއޭއެމްގައި އެ ކުޅުންތެރިންގެ މުސާރަ ދިނުމަށް އެދެމުންދާއިރު ކުލަބުގެ ފައިންތައް ކެޑުމަށްފަހު ދޭނެ އެއްޗެއް ނެތުމުން އެ ކުޅުންތެރިންނަށް ދޭނެ އެއްޗެއް އެފްއޭއެމްގައި ނެތް ކަމަށް ބައްސާމް ވިދާޅުވި އެވެ. ވިކްޓަރީގެ މެނޭޖަމަންޓަށް ގޮވާލަނީ ކުޅުންތެރިންގެ މުސާރަ ދިނުމަށް ކަމަށް ބައްސާމް ވިދާޅުވިއެވެ.

އަޅުގަނޑު ބޭނުމެއް ނުވޭ ވިކްޓަރީ ކަހަލަ ބޮޑު ކުލަބެއް ސަސްޕެންޑް ވެގެންދާކަށް. ސީޒަން ފެށެން ކައިރިވީއިރު ވެސް ކުލަބު ލައިސަންސް ނުލިބޭ ކުލަބަކީ ވިކްޓަރީ. އެކަމަކު ވަރަށް ގިނަ ފުރުސަތުތަކެއް ދީގެން އެކުލަބު ރަނގަޅު ކުރަން މަސައްކަތްކުރިން. އެ ހުރިހާ ފުރުސަތާއި ވަރަށް ގިނަ ބައްދަލުވުންތަކުން ވެސް އެކަންކަން އެ ކުލަބުގެ މެނޭޖްމަންޓަކަށް ނުވި.

ވިކްޓަރީ އިން ކުޅުންތެރިންނާއިއެކު ހަދަން އެފްއޭއެމް އިން ލާޒިމްކުރާ ކޮންޓްރެކްޓްތަކަކީވެސް ވަރަށް ދޯދިޔާކޮށް ހަދާފައިވާ އެއްޗެއް ކަމަށާއި ކުޅުންތެރިންނާއިއެކު ހަދަންޖެހޭ ކޮންޓްރެކްޓްގެ ބަދަލުގައި ހަދާފައިވަނީ އެއް ގަނޑުގެ ސިޓީއެއް ގޮތައް ހަދާފައިވާ ލިޔެކިޔުމެއް ކަމަށް ބައްސާމް ވިދާޅުވިއެވެ. ވިކްޓަރީގެ ހާލަތައް އެހީތެރިވުމަށް އެފްއޭއެމް އިން އަބަދު ވެސް އޮންނާނީ އެއްމެ ގާތުގައި ކަމަށާއި ވިކްޓަރީއަށް ގޮވާލަނީ ކުލަބު ލައިސަންސް ސިސްޓަމުގެ ތެރެއަށް ވަދެ ވަގުތީ ސަސްޕެންޝަނުން ސަލާމަތްވުމަށް ކަމަށް ބައްސާމް ވިދާޅުވިއެވެ.

މާޗު މަހުގެ 31 ވަނަ ދުވަހުގެ ކުރިން އެފްއޭއެމްގެ ކޮންގްރެސްއެއް އޮންނާނެ ކަމަށާއި އެ ކޮންގްރެސްގެ ކުރިން ވިކްޓަރީ އިން ކުރަންޖެހޭ ކަންކަންނުކޮށްފި ނަމަ ކޮންގްރެސް އިން ވިކްޓަރީގެ ސަސްޕެންޝަން ދެމެހެއްޓުމާއި މެދު ގޮތެއް ނިންމާނެ ކަމަށް ބައްސާމް ވިދާޅުވުއެވެ.

މިދިޔަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު ވިކްޓަރީ ސަސްޕެންޑްކުރީ އެ ކްލަބުން ދިރާގު ދިވެހި ޕްރިމިއާ ލީގު މެޗުތަކަށް ހާޒިރުނުވާ މައްސަލަ އާއި، މުސާރައިގެ ގޮތުގައި ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާ އާއި ކޯޗުންނަށް ލިބެންޖެހޭ ފައިސާ ނުލިބިގެން ކުޅުންތެރިންނާ ކޯޗުން އެފްއޭއެމަށް ހުށަހަޅާފައިވާ މައްސަލަ އާއި، ކްލަބު ލައިސަންސިން އާއި ގުޅޭގޮތުން ހަމަކުރަންޖެހޭ ލިޔުންތައް ހަމަކޮށްފައިނުވާތީ އެ މައްސަލަތައް ބެލުމަށްފަހު އެވެ.

އެފްއޭއެމްއިން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެފްއޭއެމްގެ އެގްޒެކްޓިވް ކޮމެޓީ ބައްދަލުވުމެއްގައި މި މައްސަލަ ބެލުމަށްފަހު، ނޮވެމްބަރު މަހުގެ 15 ގެ ކުރިން ކުޅުންތެރިންނާއި ކޯޗުންނަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ ފައިސާ ދީ ޚަލާސްކުރުމަށް އެ ކްލަބަށް އަންގާ ކަމަށެވެ. އަދި އެފްއޭއެމްގެ އަސާސީ ގަވާއިދުގެ 13 ވަނަ މާއްދާގެ (1) (a) އާއި އެއްގޮތްވާ ގޮތުގެ މަތިން އެ އެންގުމާ އެއްގޮތަށް އަމަލު ނުކޮށްފިނަމަ، އަސާސީ ގަވާއިދުގެ 35 ވަނަ މާއްދާގެ (3) (o) އަދި 37 ވަނަ މާއްދާގެ (1) އާއި އެއްގޮތްވާ ގޮތުގެ މަތިން އެ ގަވާއިދުގެ 14 ވަނަ މާއްދާގެ (1) އިން އެ އެސޯސިއޭޝަނުގެ އެގްޒެކްޓިވް ކޮމިޓީއަށް ލިބިދޭ ބާރުގެ ތެރެއިން ވިކްޓަރީ، ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑް ކުރާނެ ކަމަށެވެ.

ވިކްޓަރީ ސަސްޕެންޑް ކުރިއިރު، ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އެޓީމު ނުކުޅެ ދިޔަ މެޗުތަކުގެ އަދަދު ހަތަރަކަށް އަރާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް