ކ. މާލެ
|
4 ފެބްރުއަރީ 2020 | އަންގާރަ 15:31
އޮސްމާނޭ ޑެމްބެލޭ
އޮސްމާނޭ ޑެމްބެލޭ
ގެޓީ އިމޭޖަސް
އޮސްމާނޭ ޑެމްބެލޭ
މުޅިން ފިޓްނުވަނީސް ޑެމްބެލޭއަށް އަނިޔާގެ އިތުރު މައްސަލައެއް
ޑެމްބެލޭއަށް ފުރަތަމަ އަނިޔާވީ މިދިޔަ އަހަރުގެ ނިވެމްބަރު މަހު
ފަހުން އަނިޔާވީ ހޯމަ ދުވަހު ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން

ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާއިން އެއްކޮށް ރަނގަޅު ނުވަނީސް ބާސެލޯނާގެ ފޯވާޑް އޮސްމާނޭ ޑެމްބެލޭ އަށް އިތުރު އަނިޔާއަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ބާސާއަށް ބަދަލުވުމަށްފަހު އަނިޔާގެ ގިނަ މައްސަލަތަކަކާ ކުރިމަތިލާން ޖެހިފައިވާ ޑެމްބެލޭގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާވީ މިދިޔަ އަހަރުގެ ނިވެމްބަރު މަހުގެ ތެރޭގައެވެ. އެ އަނިޔާއިން ރަނގަޅުވުމަށް މަސައްކަތް ކުރަމުން އަންނަ ޑެމްބެލޭ ދާދި ފަހުން ބާސާގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފެށިއިރު، ހޯމަ ދުވަހު ހެނދުނު ބާސާއިން ކުރިއަށް ގެންދިޔަ ތަމްރީންތަކުގައި ޑެމްބެލޭގެ ކަނާތު ފަޔަށް އުނދަގޫތަކެއް ކުރިމަތިވެ އޭނާ ވަނީ ފަރިތަކުރުންތައް ދޫކޮށްލާފައެވެ. އެކަމަކު އެ އަނިޔާގެ ތަފްސީލެއް އަދި ބާސާއިން ހާމަކޮށްފައެއް ނުވެއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ކުރީގެ ކްލަބު ބޮރޫޝިއާ ޑޯޓްމުންޑާ ދެކޮޅަށް ކުޅުނު މެޗެއްގައި ޑެމްބެލޭއަށް އަނިޔާވިއިރު، އެފަހަރު ބާސާއިން ބުނީ އޭނާ ދެ މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށެވެ.

ޑޯޓްމުންޑަށް ކުޅުނު ޑެމްބެލޭ ބާސާއަށް ސޮއިކޮށްފައިވަނީ 135 މިލިއަން ޕައުންޑަށް 2017 ވަނަ އަހަރުއެވެ. އޭގެ ފަހުން އަނިޔާގެ ގިނަ މައްސަލަތަކަކާ ޑެމްބެލޭ ކުރިމަތިލާން ޖެހުނުއިރު، މި ސީޒަނުގައި ފުލްކޮށް އޭނާ ކުޅެފައިވަނީ އެންމެ ތިން މެޗެވެ. ޑެމްބެލޭއަށް އަނެއްކާވެސް އަނިޔާވިއިރު، އެޓީމުގެ ތަޖުރިބާކާރު ފޯވާޑް ލުއިސް ސުއަރޭޒްވެސް މިވަގުތު ހުރީ އަނިޔާއަކާ ގުޅިގެން ކުޅުމާ ދުރުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް