ކ. މާލެ
|
4 ފެބްރުއަރީ 2020 | އަންގާރަ 14:44
މާޒިޔާގެ ކޯޗު މަރުޖާން ސެކުލޮސްކީ
މާޒިޔާގެ ކޯޗު މަރުޖާން ސެކުލޮސްކީ
އެފްއޭއެމް
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
އޭރުގެ ހާލަތު މިހާރު ތަފާތު ނަމަވެސް އިތުބާރު ބޮޑު: ސެކުލޮސްކީ
އަބަހާނީއާ ދެކޮޅަށް ފުރަތަމަ ލެގުގައި މާޒިޔާ ނުކުންނާނީ ބުދަ ދުވަހު
ދެވަނަ ލެގުގެ މެޗު އޮންނާނީ މި މަހުގެ 12 ވަނަ ދުވަހު މާލޭގައި

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި އަބަހާނީ ލިމިޓެޑް ޑާކާގެ ހާލަތު މިހާރު ތަފާތު ނަމަވެސް، ރަށުން ބޭތުގައި މޮޅެއް ހޯދޭނެ ކަމުގެ އިތުބާރު ބޮޑު ކަމަށް މާޒިޔާގެ ކޯޗު މަރުޖާން ސެކުލޮސްކީ ބުނެފި އެވެ.

ސެކުލޮސްކީ މީގެ ކުރިން ވަނީ މާޒިޔާ ގޮވައިގެން 2017 ވަނަ އަހަރު އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ ދެ މެޗުގައި ވެސް 2-0 އިން އަބަހާނީ ބަލިކޮށްފައެވެ. ބުދަ ދުވަހު ޑާކާގައި ފުރަތަމަ ލެގުގެ މެޗު ކުޅޭއިރު، ޕްރިލިމިނަރީ ބުރުގެ ދެވަނަ ލެގުގެ މެޗު އޮންނާނީ މި މަހުގެ 12 ވަނަ ދުވަހު މާލޭގައެވެ. މި ދެ ލެގުން ކުރި ލިބިއްޖެ ނަމަ މާޒިޔާއަށް ޕްލޭއޮފުން ފުރުސަތު ލިބޭނެ އެވެ.

ބުދަ ދުވަހުގެ މެޗުގެ ކުރިން އަންގާރަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސެކުލޮސްކީ ބުނީ 2017 ވަނަ އަހަރާ އަޅާބަލާއިރު ދެ ޓީމުގެ ހާލަތުވެސް މިހާރު ތަފާތު ކަމަށެވެ. އެގޮތުން މިހާރު މާޒިޔާގެ ސްކޮޑުގައިވެސް ތިބީ އެފަހަރު ކުޅުނު ހައެއްކަ ކުޅުންތެރިންކަން ސެކުލޮސްކީ ފާހަގަކުރިއެވެ.

ސެކުލޮސްކީ ބުނީ މާޒިޔާގެ އަމާޒަކީ ރަށުން ބޭރުގައިވެސް މޮޅަށް ކުޅެ މޮޅެއް ހޯދުން ކަމަށެވެ. އަދި މިފަހަރުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ކުރިޔާލާ ޔަގީންވުމުން، ލީގުގައި ފަހުން ކުޅުނު މެޗުތައް ބޮޑަށް ބޭނުންހިފީ މި މެޗަށް ތައްޔާރުވުމަށް ކަމަށާއި އެގޮތުން ގިނަ ކުޅުންތެރިންނަށް އަރާމުދީ މުޅި ޓީމު މި މެޗަށް ތައްޔާރުވެފައިވާ ކަމަށްވެސް ބުންޏެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މާޒިޔާގެ ވައިސް ކެޕްޓަން މުހައްމަދު އިރުފާން ބުނީ މެޗަށް ޓީމުގެ ކުޅުންތެރިން ތިބީ ތައްޔާރަށް ކަމަށާއި، ޓީމުގެ ރޫހު ރަނގަޅު ކަމަށެވެ. އަދި މި ދެ މެޗުންވެސް މޮޅުވަން ފަހުވަގުތާ ޖެހެންދެންވެސް ކުޅުންތެރިން ހިތްވަރުކުރާނެ ކަމަށްވެސް ބުންޏެވެ.

އަބަހާނީއާ ދެކޮޅަށް ކުޅޭ ޕްރިލިމިނަރީ ބުރުގެ ދެ ލެގުން ކުރި ހޯދާ، ޕްލޭއޮފުން ފުރުސަތު މާޒިޔާއަށް ލިބިއްޖެ ނަމަ، ޕްލޭއޮފުގައި މާޒިޔާ ވާދަކުރަން ޖެހުމުގެ ފުރުސަތު ބޮޑީ އިންޑިއަން ސުޕަ ލީގުގެ ޗެމްޕިއަން ބެންގަލޫރު އެފްސީއާ އެވެ.

އަދި ޕްލޭއޮފުން ކުރި ހޯދައި މާޒިޔާ ގްރޫޕް ސްޓޭޖަށް ހޮވިއްޖެނަމަ ވާދަކުރަން ޖެހޭނީ ގްރޫޕް އީ ގައެވެ. އެ ގްރޫޕުގައި ހިމެނެނީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބުގެ އިތުރުން އިންޑިއާގެ އައި ލީގުގެ ޗެމްޕިއަން ޗެންނާއީ ސިޓީ އާއި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްއާ އެވެ.

މިފަހަރުގެ އޭއެފްސީ ކަޕަށް މާޒިޔާއިން ވަނީ ވަރުގަދަ ސްކޮޑެއް އެކުލަވާލާފައެވެ. އެގޮތުން ޖެނުއަރީ މަހު އެޓީމުން ވަނީ ބިދޭސީ ދެ ޑިފެންޑަރުން ގެނެސްފައެވެ. އެއީ ސާބިއާގެ ފުރަތަމަ ޑިވިޝަނުގައި ކުރިން ކުޅެފައިވާ ޑިފެންޑަރެއް ކަމަށްވާ ޕީޓާ ޕްލެނިޗް އާއި އަފްޣާނިސްތާން ގައުމީ ޓީމުގެ ޑިފެންޑަރު ޝާރިފް މުހައްމަދެވެ. އަދި އެ ޓީމުގައި އަފްޣާނިސްތާން ގައުމީ ޓީމުގެ ގޯލްކީޕަރު އޮވޭސް އަޒީޒީގެ އިތުރުން ސެއިން ވިންސެންޓް ގައުމީ ޓީމުގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) ވެސް ހިމެނެ އެވެ.

އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގެ ފުރަތަމަ ލެގުގައި ބުދަ ދުވަހު ޑާކާގައި މާޒިޔާ އާއި އަބަހާނީ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން 16:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް