މެދުކެނޑުމަކަށްފަހު ރާއްޖޭގެ އެންމެ ދުވަސްވީ އެއް ފުޓްބޯޅަ މުބާރާތް ކަމަށްވާ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް މިއަހަރު ބޭއްވުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ތާވަލުކޮށްފި އެވެ.
އެންމެ ފަހުން މި ދެ މުބާރާތް ބާއްވާފައިވަނީ 2017 ވަނަ އަހަރު އެވެ. އެއަށްފަހު 2018 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަން ދިގުލައިގެން ދިޔުމާއެކު އެ އަހަރު މި މުބާރާތްތައް ކެންސަލްކުރި އެވެ.
މިއަހަރުގެ އެފްއޭ ކަޕްގައި 9 ޓީމެއް ވަނީ ބައިވެރިވެފައެވެ. އެއީ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ކްލަބު އީގަލްސް، ޓީސީ ސްޕޯޓްސް ކްލަބު، ކްލަބު ގްރީން ސްޓްރީޓްސް، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބު، ފޯކައިދޫ ފުޓްބޯލް ކްލަބު، ލެގޫންސް ސްޕޯޓްސް ކްލަބު، ވިލިމާލެ ޔުނައިޓެޑް އަދި ކްލަބު އޭދަފުއްޓެވެ.
މި މުބާރާތުގެ ކުޅުން މި މަހުގެ 27 ވަނަ ދުވަހު ފެށުމަށް ތާވަލުކޮށްފައިވާއިރު، މުބާރާތުގެ ގުރު ނެގުން އޮންނާނީ މި މަހުގެ 10 ވަނަ ދުވަހު އެވެ.
1988 ވަނަ އަހަރު ފެށި އެފްއޭ ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ. އެ ޓީމުން 2017 ވަނަ އަހަރު ޗެމްޕިއަންކަން ހޯދާފައިވަނީ ފައިނަލްގައި ޓީސީ ސްޕޯޓްސް ކްލަބުގެ މައްޗަށް ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ.
މީގެ އިތުރަށް މެދުކެނޑުމަކަށްފަހު ޕްރެޒިޑެންޓްސް ކަޕް މިއަހަރު ބާއްވާއިރު، މިއަހަރުގެ މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރު ޓީމުގެ މެދުގައެވެ. އެއީ ޗެމްޕިއަން މާޒިޔާ، އީގަލްސް، ޓީސީ އަދި ކްލަބު ގްރީން ސްޓްރީޓްސް އެވެ. މި މުބާރާތުގެ ކުޅުން ފަށާނީ އަންނަ އޭޕްރީލް މަހުގެ ތިންވަނަ ދުވަހު އެވެ.
2005 ވަނަ އަހަރު ޕްރެޒިޑެންޓްސް ކަޕްގެ ނަމަށް ބަދަލުކުރި މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ ނިއުރޭޑިއަންޓެވެ. އެ ޓީމުން 2017 ވަނަ އަހަރު ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ޓީސީގެ މައްޗަށް 3-0 އިން ކުރިހޯދައިގެންނެވެ.