ކ. މާލެ
|
2 ފެބްރުއަރީ 2020 | އާދީއްތަ 13:46
އެތްލެޓިކޯ އަދި ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން
އެތްލެޓިކޯ އަދި ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ސްޕެނިޝް ލަލީގާ
ބެންޒެމާގެ ލަނޑުން މޮޅުވެ ރެއާލުން ތާވަލުގެ އެއްވަނައިގައި ހަ ޕޮއިންޓްގެ ލީޑެއް ނަގައިފި
މި މެޗު ރެއާލުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުން

ސްޕެނިޝް ލަލީގާގެ މެޑްރިޑް ޑާރބީގައި ބެންޒެމާ ޖެހި ލަނޑާއިއެކު ރެއާލުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ހަ ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ރެއާލް މެޑްރިޑްގެ ދަނޑުގައި ކުޅުނު މި މެޗުން ރެއާލް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. މެޗުގެ 18 ވަނަ މިނެޓުގައި އެތްލެޓިކޯގެ ވިޓާލް އަށް ވަނީ ލަނޑު ޖެހުމަށް ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ނަމަވެސް އެނާ ފޮނުވާލި ބާރު ހަމަލާ ރެއާލްގެ ކީޕަރު ވަނީ ހުޝިޔާރު ކަމާއިއެކު ދިފާއުކޮށްފައެވެ. އަދި މެޗުގެ 24 ވަނަ މިނެޓުގައި އެތްލެޓިކޯގެ އޭންޖެލް ކޮރޭރާ ފޮނުވާލި ހަމަލާ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވިއިރު، މޮރާޓާ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. މި ހާފުގައި ރެއާލް އަށް ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ރެއާލްގެ ކެސެމީރޯ އަދި ޓޯނީ ކްރޫޒް ފޮނުވާލި ބޯޅަ ދިޔައީ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 0-0 ގެ ނަތީޖާއަކުންނެވެ.

ދެވަނަ ހާފު ފަށައިގެން ރެއާލުން އެޓީމުގެ ކުޅުން ރަނގަޅުކުރިއިރު މި ހާފުގައި ރެއާލްއިން ވަނީ އެތްލެޓިކޯގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މެޗުގެ 56 ވަނަ މިނެޓުގައި ރެއާލުން ލަނޑު ޖަހާ ވަނީ ލީޑު ނަގާފައެވެ. ފާލެންޑް މާންޑީ ނަގައިދިން ހުރަހަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކަރިމް ބެންޒިމާ އެވެ. މި ލަނޑަށްފަހު ވެސް ރެއާލަށް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. ވިނީސަސް ޖޫނިއަރ ފޮނުވާލި ބާރު ހަމަލާ އެތްލެޓިކޯގެ ކީޕަރު ވަނީ ދިފާޢު ކޮށްފައެވެ.

މި ނަތީޖާއާއެކު ތާވަލުގެ އެއްވަނާގައި ރެއާލުން އޮތީ ކުޅުނު 22 މެޗުން ލިބުނު 49 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ބާސެލޯނާ އަށް 21 މެޗުން 43 ޕޮއިންޓް ލިބިފައިވާއިރު މެޗުން ބަލިވި އެތްލެޓިކޯ އޮތީ ކުޅުނު 22 މެޗުން ލިބުނު 36 ޕޮއިންޓާއެކު ތާވަލުގެ ހަވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް