ކ. މާލެ
|
2 ފެބްރުއަރީ 2020 | އާދީއްތަ 10:15
އޮސްޓްރޭލިއަން އޯޕަންގެ ތަށި ސޮފިއާ އުފުލާލަނީ
އޮސްޓްރޭލިއަން އޯޕަންގެ ތަށި ސޮފިއާ އުފުލާލަނީ
ގެޓީ އިމޭޖަސް
އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް
އޮސްޓްރޭލިއަން އޯޕަން: އަންހެން ބައިގެ ޗެމްޕިއަންކަން ސޮފިއާއަށް
ސޮފިއާ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި 2-1 ސެޓުން ގާބައިން ބަލިކުރުމަށްފަހު

އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން އެމެރިކާގެ ސޮފިއާ ކެނިން ހޯދައިފި އެވެ.

އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން އުމުރުން 21 އަހަރުގެ ސޮފިއާ ހޯދީ ހޮނިހިރު ދުވަހު ކުޅުނު ފައިނަލް މެޗުގައި ސްޕެއިންގެ ގާބައިން މުގުރޫޒާ ވާދަކޮށް 2-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

ފައިނަލް މެޗުގެ ފުރަތަމަ ސެޓު 6-4 އިން ކާމިޔާބުކުރީ މުގުރޫޒާ އެވެ. އެކަމަކު ސޮފިއާ ވަނީ އަނެއް ދެ ސެޓުގައި ކުޅުން ރަނގަޅުކޮށް ފަސޭހަކަމާއެކު އެ ދެ ސެޓު ކާމިޔާބުކޮށްފައެވެ. އޭނާ ސެޓުތައް ގެންދިޔައީ 6-2 އަދި 6-2 އިންނެވެ.

މިއަހަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތް ސޮފިއާ ކާމިޔާބުކުރިއިރު، މިއީ ދުނިޔޭގެ 14 ވަނައަށް ރޭންކް ކޮށްފައިވާ ސޮފިއާ ގްރޭންޑް ސްލޭމް މުބާރާތެއް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އަދި އޭނާ ވެފައިވަނީ 2008 ވަނަ އަހަރުގެ އޮސްޓްރޭލިއަން އޯޕަންގެ ޗެމްޕިއަންކަން ހޯދި ރަޝިޔާގެ މާރިއާ ޝަރަޕޯވާގެ ފަހުން މި މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދި އެންމެ ހަގު ކުޅުންތެރިއާ އަށެވެ.

މިއަހަރުގެ މުބާރާތުގެ އަންހެން ސިންގަލްސް ފައިނަލް މެޗު ހޮނިހިރު ދުވަހު ކުޅުނުއިރު، ފިރިހެން ސިންގަލްސްގެ ފައިނަލް މެޗު އާދީއްތަ ދުވަހުގެ މެންދުރުފަހު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފިރިހެން ސިންގަލްސްގެ ފައިނަލްގައި ބައްދަލުކުރާނީ ދުނިޔޭގެ ދެވަނައަށް ރޭންކް ކޮށްފައިވާ ސާބިއާގެ ނޮވަކް ޖޮކޮވިޗް އާއި ދުނިޔޭގެ ފަސްވަނައަށް ރޭންކް ކޮށްފައިވާ އޮސްޓްރިއާގެ ޑޮމިނިކް ތިއެމް އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް