50 ކުދިންނާއިއެކު ނިލަންދޫ ސްޕޯޓްސް ކްލަބުން އެކްލަބްގެ އެކަޑަމީ ހުޅުވައިފިއެވެ.
ނިލަންދޫ ސްޕޯޓްސް ކްލަބުން ބުނީ މި އެކަޑަމީ ހުޅުވިގެންދިޔައިރު މި އެކަޑަމީއަކީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ގުޅިގެން ފީފާ އެޓޯލް ޕްރޮޖެކްޓް، ފާފު އެޓޯލްސް ޓުވާރޑްސް ފިއުޗާގެ ދަށުން ކުރިޔަށް ގެންދާ އެކަޑަމީ އެއް ކަމަށެވެ. މި އެކަޑަމީއިން ތަމްރީނު ކުރުމަށް ހަމަޖެހިފައިވަނީ 5 އަހަރު ފުރި 16 އަހަރު ނުފުރޭ ކުދިންނެވެ. އެކަޑަމީގެ ޓެކްނިކެލް ޑިރެކްޓަރ ގެ ގޮތުގައި މަސައްކަތް ކުރަނީ ނިލަންދޫ ސްޕޯޓްސް ކްލަބްގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) އެވެ.
ފެސްކޯ ވިދާޅުވީ މި އެކަޑަމީގެ ދަށުން ތަމްރީނުވެގެންދާ ކުޅުންތެރިންނަކީ މުސްތަގުބަލުގައި ރާއްޖޭގެ ފުޓުބޯޅައިގައި އެންމެ އުހުގައި ފިޔަ ޖަހާނެ ކުދިންކަމަށާއި، ނިލަންދޫ ސްޕޯޓްސް ކްލަބްގެ އެކަޑަމީއިން ތަމްރީނުވާ ކުޅުންތެރިންނަށް ޕްރިމިއާ ޑިވިޝަނުގައި ކުޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އެގޮތުން ނިލަންދޫ އަކީ މިވަގުތުވެސް ރާއްޖޭގެ ޕްރިމިއާ ޑިވިޝަނުގައި ކުޅެމުން އަންނަ ކްލަބެއް ކަމަށާއި އެކްލަބަކީ ހިންގުތެރި ކްލަބެއްކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި އެކަޑަމީގެ މަސައްކަތްތަށް އިތުރުވެގެންދާނެ ކަމަށާއި އެގޮތުން ނިލަންދޫގައި މިވަގުތު އަޅަމުންގެންދާ ޓާރފް ދަނޑުގެ މަސައްކަތް ނިމުމާއިއެކު އޭގެ ފައިދާ އެކަޑަމީއަށް ވެސް ކުރާނެ ކަމަށް ފެސްކޯ ވިދާޅުވިއެވެ. ފެސްކޯ އިތުރަށް ވިދާޅުވީ އެކަޑަމީގައި ހަރަކާތްތެރިވާ ކޯޗުންނަކީ ފީފާ ގްރާސް ރޫޓް ކޯޗުން ކަމަށެވެ.
ނިލަންދޫ ސްޕޯޓްސް ކްލަބްގެ ރައީސް އަންވަރު އަލީ ވިދާޅުވީ މި ފެށިގެންދިޔަ މަސައްކަތަކީ މުސްތަގުބަލެއް ބިނާ ކުރުމަށްޓަކާ އެޅިގެންދާ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށާއި މި މަސައްކަތް ހަގީގަތަކަށް ހެދުމަށްޓަކައި އެފްއޭއެމްއިން ވެދެއްވި އެހީތެރިކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ޝުކުރުއަދާ ކުރާ ކަމަށެވެ. އަންވަރު އިތުރަށް ވިދާޅުވީ މި އެކަޑަމީގެ އެހީތެރިކަން ނިލަންދޫގައި މިހާރު ކުރިޔަށްދާ ޔަންގް ޖެނެރޭޝަން އެކަޑަމީއަށް ވެސް ލިބިގެންދާނެ ކަމަށެވެ. އަންވަރު ވިދާޅުވީ މިހާރުވެސް އެކަޑަމީއިން ތަމްރީނު ދެމުންގެންދާ ކޯޗުންނަކީ ފީފާ ގްރާސް ރޫޓް ލައިސެންސް ލިބިފައިވާ ކޯޗުން ކަމަށާއި، ކޯޗުން އިތުރަށް ތަމްރީނު ކުރުމަށް މ ފެށުނު ފެބްރުއަރީ މަހު ކޯޗިން ކޯހެއް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެކަޑަމީ ހުޅުވުމަށް ބޭއްވުނު ހަފްލާގައި ނިލަންދޫ ސްޕޯޓްސް ކްލަބުން ވަނީ އެ ރަށުގެ އެކަޑަމީ އެއް ކަމަށްވާ ޔަންގް ޖެނެރޭޝަން އަށް 10 ބޯޅަ ހަދިޔާކޮށްފައެވެ.
އެފްއޭއެމްއާއި ނިލަންދޫ ސްޕޯޓްސް އެކަޑަމީ ގުޅިގެން ކުރިޔަށް ގެންދަން ފެށި މި އެކަޑަމީގެ ބައިވެރިންނަށް ބޭނުންވާނެ ޖާރޒީއާއި ބޯޅަ ފަދަ ތަކެއްޗާއި ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދޭނީ އެފްއޭއެމްއިންނެވެ. ނިލަންދޫ ސްޕޯރޓްސް ކްލަބްގެ ފަރާތުން އެކަޑަމީ ހިންގުމަށް ކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި އެކަޑަމީއަށް ބޭނުންވާނެ ކޯޗުންނާއި އެޑްމިނިސްޓްރޭޓިވް މީހުން ހޯދުމާއި ކޮންމެ ހަފްތާއެއްގައިވެސް ވަކިވަރަކަށް ސެޝަންތައް ކުރިޔަށް ގެންދިއުމާއި އަހަރަކު އެއްފަހަރު މުޅި ފާފު އަތޮޅަށް ހުޅުވާލައިގެން މުބާރާތެއް ބޭއްވުމަށް ވަނީ ނިންމައިފައެވެ.