މިހާރު ކުރިއަށްދާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސްގެ ފައިނަލްގެ ފަހު ޖާގަ އޮސްޓްރިއާގެ ޑޮމިނިކް ތިއެމް ހޯދައިފި އެވެ.
ދުނިޔޭގެ ފަސްވަނައަށް ރޭންކް ކޮށްފައިވާ ތިއެމް ފައިނަލަށް ދަތުރުކުރީ މިއަދު ކުޅުނު ސެމީ ފައިނަލް ދެވަނަ މެޗުގައި ދުނިޔޭގެ ހަތްވަނައަށް ރޭންކް ކޮށްފައިވާ ޖަރުމަންގެ އަލެގްޒެންޑާ ޒްވެރެވް އަތުން 3-1 ސެޓުން މޮޅުވެގެންނެވެ.
މިއަދު ކުޅުނު ސެމީ ފައިނަލް މެޗުގެ ފުރަތަމަ ސެޓު ފަސޭހަކަމާއެކު 6-3 އިން ކާމިޔާބުކުރީ ޒްވެރެވް އެވެ. އެކަމަކު ތިއެމް ވަނީ ދެވަނަ ސެޓު ފަސޭހަކަމާއެކު 6-4 އިން ކާމިޔާބުކޮށްފައެވެ. އޭގެ ފަހުން ކުޅުނު އަނެއް ދެ ސެޓުވެސް ވަރަށް ވާދަވެރިކޮށް ފެނިގެންދިޔައިރު، އެ ދެ ސެޓު ތިއެމް ކާމިޔާބުކުރީ ޓައި ބްރޭކުގައި 7-6 އަދި 7-6 އިންނެވެ.
މިއީ އޮސްޓްރޭލިއަން އޯޕަންގެ ފައިނަލުން ތިއެމް ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. ފައިނަލްގައި ތިއެމް ވާދަކުރާނީ ދުނިޔޭގެ ދެވަނައަށް ރޭންކް ކޮށްފައިވާ ސާބިއާގެ ނޮވަކް ޖޮކޮވިޗްއާ އެވެ.
މިއަހަރުގެ އޮސްޓްރޭލިއަން އޯޕަންގެ ފައިނަލަށް ޖޮކޮވިޗް ދަތުރުކުރިއިރު، އޭނާ މީގެ ކުރިން ވަނީ މި މުބާރާތް 7 ފަހަރު ކާމިޔާބުކޮށްފައެވެ. އަދި އޭނާއަކީ މި މުބާރާތުގެ އެންމެ ކާމިޔާބު ކުޅުންތެރިޔާއެވެ. ޖޮކޮވިޗްގެ އަމާޒަކީ މިއަހަރުގެ މުބާރާތް ކާމިޔާބުކޮށް 17 ވަނަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކުރުމެވެ.
ޖޮކޮވިޗް އާއި ތިއެމް ބައްދަލުކުރާ ފިރިހެން ސިންގަލްސް ފައިނަލް މެޗު ކުޅޭނީ އަންނަ އާދީއްތަ ދުވަހު ރާއްޖެ ގަޑިން 13:30 ގައެވެ.