ކ. މާލެ
|
30 ޖެނުއަރީ 2020 | ބުރާސްފަތި 19:28
އެސްޓީއޯއަށް މިދިޔަ އަހަރު ފައިދާ ވެފައިވާކަމަށް އެކުންފުނިން ބުނެފި
އެސްޓީއޯއަށް މިދިޔަ އަހަރު ފައިދާ ވެފައިވާކަމަށް އެކުންފުނިން ބުނެފި
ރާއްޖެއެމްވީ
އެސްޓީއޯ
އެސްޓީއޯއަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 422 މިލިއަން ރުފިޔާ
މިއީ 2018 ވަނަ އަހަރާއި އަޅާބަލާއިރު 63 އިންސައްތައިގެ ކުރިއެރުމެއް
މިދިޔަ ދެ އަހަރާއި އަޅާބަލާއިރު ވިޔަފާރިކޮށްގެން ލިބުނު ފައިދާ ވަނީ 13 އިންސައްތަ އިތުރުވެފައި
މިހާރު ކުރަމުންދާ ވިޔަފާރިތައް ޚަރުދަނާ ކުރުމަށް މިއަހަރު ތެރޭގައި 400 މިލިއަން ރުފިޔާ އިންވެސްޓްކުރާނެ

އެސްޓީއޯއަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 422 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެސްޓީއޯއިން ހާމަކޮށްފި އެވެ.

އެސްޓީއޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވީ މިއީ 2018 ވަނަ އަހަރާއި އަޅާބަލާއިރު 63 އިންސައްތައިގެ ކުރިއެރުމެއް ކަމަށެވެ. އަމްރު ވިދާޅުވީ ޢާންމުކޮށް އެސްޓީއޯއިން ކުރަމުން ގެންދާ ހުރިހާ ވިޔަފާރިތަކަކުންވެސް ފައިދާ ލިބިފައިވާ ކަމަށެވެ.

އެސްޓީއޯއަށް މިދިޔަ އަހަރު ލިބިފައިވާ ފައިދާ ތަކުގެ ތަފްސީލު ދެއްވަމުން އެކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރ މުޙައްމަދު މިހާދު ވިދާޅުވީ މިދިޔަ ދެ އަހަރާއި އަޅާބަލާއިރު ވިޔަފާރިކޮށްގެން ލިބުނު ފައިދާ 13 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ.

އެއީ 153 މިލިއަން ރުފިޔާ. މައި ހުރިހާ ވިޔަފާރިއަކުން މިދިޔަ އަހަރު ކުރިއެރުންތަކެއް ލިބުނު. އޮޕަރޭޓިން ޕްރޮފިޓް ހުރީ 500 މިލިއަނަށް ވުރެ މަތީގައި. އޮޕަރޭޓިން ޕްރޮފިޓަކީ 537 މިލިއަން. އެއީ ކުރީ އަހަރާއި އަޅާބަލާއިރު 41 އިންސައްތަ އިތުރުވުމެއް. ޓެކްސް އަށް ކެނޑުމުގެ ކުރީގެ ފައިދާއަކީ 422 މިލިއަން. މިއީ ކުރިއަހަރާއި ބަލާއިރު 68 އިންސައްތަ ކުރިއެރުން.
ޗީފް ފައިނޭންޝަލް އޮފިސަރ މުހައްމަދު މިހާދު

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ އެމްޑީ އަމްރު ވިދާޅުވީ މިއަހަރުގެ ތެރޭގައި އާ ވިޔަފާރިތަކެއް ކުރުމަށް ރާވާފައިވާކަމަށެވެ. އަދި އެސްޓީއޯއިން ބޭނުންވަނީ ޢާންމު ރައްޔިތުންނަށް ނުކުރެވޭނެ ފަދަ ވިޔަފާރިތަކަކަށް ދާން ކަމަށް އަމްރު ވިދާޅުވި އެވެ.

މީގެއިތުރުން މިހާރު ކުރަމުންދާ ވިޔަފާރިތައް ހަރުދަނާ ކުރުމަށް މިއަހަރު ތެރޭގައި 400 މިލިއަން ރުފިޔާ އިންވެސްޓް ކުރުމަށް ހަމަޖެހިފައިވާކަމަށް އަމްރު ވިދާޅުވި އެވެ. އެގޮތުން މިއަަހަރު ތެރޭގައި އިމާރާތްކުރުމަށް ބޭނުންވާ ސާމާނު އަގުހެޔޮ ކުރުމަށް މަސައްކަތްކުރައްވާނެ ކަަމަށް އަމްރު ވިދާޅުވި އެވެ.

އަދި ހަމައެއާއެކު އެސްޓީއޯއިން އެބަފޯރުކޮށްދޭ ގެދޮރު އަޅަން ބޭނުންވާ ސާމާނު. އޭގެތެރޭގައި ހިލަ ، ހިލަވެލި ސިމެންތި ހިމެނޭ. މިފޯރުކޮށްދިނުމުގައި މިދިޔަ އަހަރު ވާނީ ވަރަށް ބޮޑުތަނުން އަގު ހެޔޮކޮށްފައި. މައިގަނޑު ގޮތެއްގައި އަގުހެޔޮ ކުރެވެނީ ސޯސިން ރަނގަޅު ކުރެވުނީމާ. ގެންނަ މުދާ އަގުހެޔޮކޮށް ލިބެން ފެށުމުން އަގުހެޔޮކޮށް ފޯރުކޮށް ދެވިފައިވަނީ. މީގެއިތުރަށްވެސް އަގުހެޔޮ ކުރަން ބޭނުންވަނީ. އެގޮތުން ގެދޮރު އަޅަން ބޭނުންވާ ފަރާތްތަކަށް މުދާ އަގުހެޔޮ ކޮށް ލިބޭނެ ގޮތެއް ހެދުމަށްޓަކައި މިއަހަރު ތެރޭގައި ސިމެންތި ފެކްޓަރީ އަށް ބޮޑެތި އިންވެސްޓް ކުރާނެ.
އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު

މީގެއިތުރުން ސީއެސްއާރު ޕްރޮޖެކްޓްގެ ގޮތުގައި އެސްޓީއޯއިން ކުރިޔަށްގެންދާ ދަނޑުވެރިންނަށް ޚާއްޞަ ޕައިލެކްޓް ޕްރޮޖެކްޓުގެ ކަންކަންވެސް މިއަހަރު ތެރޭގައި ކުރިޔަށް ގެންދާނެކަމަށް އަމްރު ވިދާޅުވި އެވެ. އެގޮތުން ތޮއްޑޫގައި ދަނޑުވެރިންނަށް ޚާއްސަކޮށް ކާރުޚާނާ އެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން އަމްރު ވިދާޅުވީ އެސްޓީއޯއިން މިއަހަރު ތެރޭގައި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުން ހޯދައިދިނުމަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަމަށެވެ.

- ކޮމެންޓް