މާލޭ އިރުދެކުނު ފަރާތުގައި ގާއިމުކޮށްފައިވާ ސްވިމިން ޓްރެކް ސަރަހައްދު ތަރައްގީ ކުރުމަށް ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތުގެ ތެރެއިން، މިއަދުން ފެށިގެން ފެށިގެން ވަގުތީ ގޮތުން އެ ސަރަހައްދު ބަންދުކޮށްފި އެވެ.
ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނީ އެ ސަރަހައްދު ބަންދުކުރީ އެ ސަރަހައްދުގައި ކެރޭނު ފަދަ ބޮޑެތި ވެހިކަލް ބޭނުންކޮށްގެން މޫދު ކޮނުމާ، މޫދުގައިހުރި ބޮޑުހިލަ ނަގައި ބަދަލުކުރުމުގެ މަސައްކަތް ކުރިޔަށްދާތީ ކަމަށެވެ. އެގޮތުން އެމަސައްކަތް ކުރިޔަށްދާއިރު އެސަރަހައްދަށް މޫދަށްއެރި އުޅުމާއި، އެހެނިހެން ކަންކަމަށް ބޭނުންކުރުމަކީ ރައްކާތެރިކަމަކަށް ނުވާތީ މިއަދުން ފެށިގެން ޓްރެކް ސަރަހައްދަށް މޫދަށް އެރިއުޅުމާ އެހެނިހެން ގޮތްގޮތުން ބޭނުންކުރުން މަނާކުރެވިފައިވާ ކަމަށެވެ.
ސްވިމިން ޓްރެކު ސަރަހައްދު ތަރައްގީކުރުމަށް މާޒިޔާ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު އެވެ. ކުޅިވަރާ ބެހޭ ވުޒާރާ އާއި މާޒިޔާ ކޮންސްޓްރަކްޝަނާއި ދެމެދު ސޮއިކުރެވުނު އެއްބަސްވުމުގައިވާ ގޮތުން 120 ދުވަހުގެ ތެރޭގައި ސްވިމިން ޓްރެކް ސަރަހައްދު ތަރައްގީކޮށް ނިންމަން ޖެހޭއިރު، އަންނަ ފެބްރުއަރީއަށް މަސައްކަތް ނިންމާލެވޭނެ ކަމަށް ސްވިމިން އެސޯސިއޭޝަނުން ފަހުން ވަނީ މައުލޫމާތު ދީފައެވެ.
ސްވިމިން ޓްރެކް ސަރަހައްދުގައި ސިޑިބަރި އާއި ފާހާނާ އާއި ފެންވަރާނެ ވަސީލަތުގެ އިތުރުން އަންހެން އަދި ފިރެހެން ފެތުންތެރިންނަށް ވަކިން ބޭނުން ކުރެވޭނެ ވަސީލަތް ސިޑިބަރި ދަށުގައި ގާއިމު ކުރެވިގެންދާނެ ކަމަށް ސްވިމިން އެސޯސިއޭޝަނުން ބުނެއެވެ.
މިހާރު ޓްރެކުގައި މުބާރާތްތައް ބާއްވާއިރު އެ ސަރަހައްދުގައި ހުންނަނީ ވަގުތީ ޓެންޓްތަކެއް ޖަހާ ހިޔާކޮށްފަ އެވެ. އެހެންކަމުން އެސަރަހައްދު ތަރައްގީކުރެވިގެން ދިޔުމުން މުބާރާތްތައް ބޭއްވުމަށް ވަރަށް ބޮޑު ލުޔެއް ލިބި ފެތުންތެރިންނާއި އެ ސަރަހައްދު ބޭނުން ކުރާ ފަރާތްތަކަށް ރައްކާތެރިކަން ލިބިގެންދާނެ ކަމަށް ސްވިމިން އެސޯސިއޭޝަނުން ބުނެއެވެ.