އިނގިރޭސި ކްލަބް މެންޗެސްޓާ ޔުނައިޓެޑުން ޕޯޗުގަލްގެ ބްރޫނޯ ފެނާންޑޭޒްގެ ސޮއި ހޯދައިފިއެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޔުނައިޓެޑުން ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަންއަށް ކުޅެމުން އަންނަ ފެނާންޑޭޒްގެ ސޮއި ހޯދީ 55 މިލިއަން ޔޫރޯ އަށެވެ.
ޔޫރަޕްގެ މަޝްހޫރު ގިނަ ކްލަބްތަކަކުން ފާރަލަމުން އަންނަ ފެނާންޑޭޒްގެ ސޮއި ޔުނައިޓެޑުން ހޯދައިފައިވާ ކަމަށް ބުނަމުން މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އޮލަގުނަ ޝޯލްޝެޔާ ބުނީ ފެނާންޑޭޒްގެ ސޮއި ޔުނައިޓެޑުން ހޯދުމާއި ގުޅިގެން އެކަމާއި ހިތްހަމަ ޖެހިފައި ހުރި ކަމަށާއި، ފެނާންޑޭޒްގެ ސޮއި ހޯދުމަށް ދެ ކްލަބްގެ މެދުގައި ކުރެވުނު މަޝްވަރާތައް ވަރަށް ކާމިޔާބުކަމަށެވެ. އަދި ސްޕޯޓިންގ އާއި ޔުނައިޓެޑާއި ދެމެދު އޮންނަނީ ވަރަށް ގާތް ގުޅުމެއް ކަމަށް ވެސް ޝޯލްޝެޔާ ވަނީ ބުނެފައެވެ.
25 އަހަރުގެ ފޯވާޑް ވިއްކާލާނެ އަގަކީ 80 މިލިއަން ޔޫރޯ ކަމަށް މީގެ ކުރިން ސްޕޯޓިންގ އިން ވަނީ ބުނެފައެވެ. ނަމަވެސް އެއަދަދު ދައްކަން ޔުނައިޓެޑުން ވަނީ ދެކޮޅު ހަދައިފައެވެ.
ސްޕޯޓިންގ އާއި 2017 ވަނަ އަހަރު 7.2 މިލިއަން ޕައުންޑަށް ގުޅުނު ފެނާންޑޭޒް ވަނީ އެ ކްލަބަށް ކުޅެދިން 137 މެޗުން 64 ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ. މީގެއިތުރުން އޭނާ ވަނީ ޕޯޗުގަލްއަށް މިހާތަނަށް 19 މެޗު ކުޅެދީފައެވެ. އަދި އޭނާ ވަނީ ޕޯޗުގަލް އާއިއެކު ޔޫއެފާ ނޭޝަން ލީގު ކާމިޔާބުކޮށްފައެވެ.
2012 ވަނަ އަހަރު އިޓަލީގެ ނަވޯރާއިން ސީނިއާ ކެރިޔަރ ފެށި ފެނާންޑޭޒް ވަނީ އެ ކްލަބަށް ކުޅެދިން 23 މެޗުން 4 ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ. ނަމަވެސް 2013 ވަނަ އަހަރު އޭނާ ފެނިގެންދިޔައީ އިޓަލީގެ ކްލަބް އުދަނައިޒޭ އިންނެވެ. އެޓީމަށް ކުޅެދިން 86 މެޗުން 10 ލަނޑު އޭނާ ވަނީ ކާމިޔާބުކޮށްފައެވެ.