ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށް ލިވަޕޫލުން އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި 19 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
ވެސްޓް ހޭމްގެ މައްޗަށް ލިވަޕޫލް ކުރިހޯދީ 2-0 ގެ ނަތީޖާއަކުންނެވެ. މިއީ ލީގުގައި ލިވަޕޫލުން ޖެހިޖެހިގެން ހޯދި 15 ވަނަ މޮޅެވެ.
މި ނަތީޖާއާއެކު ލިވަޕޫލް އެއްވަނައިގައި އޮތީ 24 މެޗުން ލިބުނު 70 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 24 މެޗުން ލިބިފައިވަނީ 51 ޕޮއިންޓެވެ.
ވެސްޓް ހޭމްގެ ދަނޑުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުގައި ލިވަޕޫލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗުގެ 35 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު ލިވަޕޫލަށް ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހެވެ. ލިވަޕޫލަށް މި ޕެނަލްޓީ ލިބުނީ އެޓީމުގެ ފޯވާޑް ޑިވޮކް އޮރީގީއަށް އޭރިއާ ތެރެއިން ކުރި ފައުލަކާއި ގުޅިގެންނެވެ.
ލިވަޕޫލުން މެޗުގައި ލީޑު ފުޅާކުރީ ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައެވެ. ސަލާހު ދިން ޕާހަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެލެކްސް އޮކްސެލޭޑް-ޗެމްބަލެއިން އެވެ. އޭގެ ފަހުން 78 ވަނަ މިނެޓުގައި ސަލާހު ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވެފައެވެ.
މި މެޗުގައި ވެސްޓް ހޭމްއިން އެންމެ ރަނގަޅު ފުރުސަތުތަކެއް އުފައްދާފައިވަނީ ޑެކްލަން ރައިސް އެވެ. އެކަމަކު އޭނާ ފޮނުވާލި ދެ ހަމަލާއެއް ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާ ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
ލީގުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ވެސްޓް ހޭމްގެ މައްޗަށް ލިވަޕޫލް ކުރިހޯދިއިރު، މި ސީޒަނުގައި މިހާތަނަށް ލިވަޕޫލް މެޗަކުން ބަލިވެފައެއް ނުވެއެވެ. ލިވަޕޫލް މިހާރު ވަނީ ލީގުގައި ބަލިނުވެ 41 މެޗު ހަމަކޮށްފައެވެ. ލިވަޕޫލަށް ވުރެ ރެކޯޑް ރަނގަޅީ 42 މެޗު ހަމަކުރި ނޮޓިންހަމް ފޮރެސްޓާއި ބަލިނުވެ ލީގު ޗެމްޕިއަންކަން ހޯދައި ޖުމްލަ 49 މެޗު ހަމަކުރި އާސެނަލް އެވެ.