ކ. މާލެ
|
29 ޖެނުއަރީ 2020 | ބުދަ 22:04
ކުއާޓާގައި ނަޑާލް އާއި ތިއެމް ބައްދަލުކުރި މެޗުގެ ތެރެއިން
ކުއާޓާގައި ނަޑާލް އާއި ތިއެމް ބައްދަލުކުރި މެޗުގެ ތެރެއިން
އީޕީއޭ
އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް
އޮސްޓްރޭލިއަން އޯޕަން: ކުއާޓާއިން ބަލިވެ ނަޑާލް ކަޓައިފި
ކުއާޓާގައި ނަޑާލް ބަލިވީ ތިއެމް އަތުން 3-1 ސެޓުން

އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ކުއާޓާ ފައިނަލުން ދުނިޔޭގެ އެއްވަނައަށް ރޭންކް ކޮށްފައިވާ ޓެނިސް ކުޅުންތެރިއާ ސްޕެއިންގެ ރަފައެލް ނަޑާލް ބަލިވެ މުބާރާތުން ކަޓައިފިއެވެ.

ކުއާޓާގައި ނަޑާލް ބަލިކޮށް ސެމީގެ ޖާގައެއް ހޯދާފައިވަނީ ފަސްވަނައަށް ރޭންކް ކޮށްފައިވާ އޮސްޓްރިއާގެ ތިއެމް އެވެ. މިއަދު ކުޅުނު ކުއާޓާ ފައިނަލް މެޗުން ނަޑާލްގެ މައްޗަށް ތިއެމް ކުރިހޯދީ 3-1 ސެޓުންނެވެ.

މި މެޗުގެ ފުރަތަމަ ދެ ސެޓު ވަރަށް ވާދަވެރިކޮށް ފެނިގެންދިޔައިރު، މި ދެ ސެޓުވެސް ޓައި ބްރޭކުން ކާމިޔާބުކޮށްފައިވަނީ ތިއެމް އެވެ. ފުރަތަމަ ދެ ސެޓު އޭނާ ގެންދިޔައީ 7-6 އަދި 7-6 އިންނެވެ. އެކަމަކު ތިންވަނަ ސެޓުގައި ނަޑާލް ކުޅުން ރަނގަޅުކުރިއިރު، އޭނާ ވަނީ އެ ސެޓު 6-4 އިން ކާމިޔާބުކޮށްފައެވެ. އެކަމަކު ހަތަރުވަނަ ސެޓު ޓައި ބްރޭކުގައި 8-6 އިން ކާމިޔާބުކޮށް ތިއެމް ވަނީ ސެމީއަށް ދަތުރުކޮށްފައެވެ.

މިއީ އޮސްޓްރޭލިއަން އޯޕަންގެ ސެމީން ތިއެމް ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. ސެމީގައި ތިއެމް ވާދަކުރަން ޖެހޭނީ ޖަރުމަންގެ އަލެގްޒެންޑާ ޒްވެރެވް އާއެވެ. ޒްވެރެވް ސެމީން ޖާގަ ހޯދީ ކުއާޓާގައި ސްވިޓްޒަލެންޑުގެ ވަވްރިންކާ 3-1 ސެޓުން ބަލިކޮށްގެންނެވެ.

މިއަހަރުގެ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުން ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ނަޑާލް ކެޓިއިރު، ސެމީގެ ފުރަތަމަ މެޗުގައި މާދަމާ ދެވަނައަށް ރޭންކް ކޮށްފައިވާ ސާބިއާގެ ނޮވަކް ޖޮކޮވިޗް އާއި ތިންވަނައަށް ރޭންކް ކޮށްފައިވާ ސްވިޓްޒަލެންޑުގެ ރޮޖާ ފެޑެރާ ބައްދަލުކުރާނެއެވެ. މި މެޗު މާދަމާ ކުޅޭނީ ރާއްޖެ ގަޑިން 13:30 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް