ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ހަމަ އިން ނެއްޓި ފުޓްބޯޅަ ހަލާކުވެފައިވަނީ 2012 ވަނަ އަހަރަށް ފަހު މާރަނގަ ފިލާގަނޑަކަށް އެސޯސިއޭޝަން ބަދަލުވީ ހިސާބުން ފެށިގެން ކަމަށް އެފްއޭއެމްގެ ކުރީގެ ޖެނަރަލް ސެކްޓަރީ އަދި ކުރީގެ މަޝްހޫރު ފޯވާޑް ޝާހް އިސްމާއީލް (ޝާހް) ބުނުއްވައިފިއެވެ.
ރާއްޖެޓީވީގެ ކުޅިވަރު ފައިލް ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ޝާހް ބުނުއްވީ 2012 ވަނަ އަހަރުގެ ކުރިން އެފްއޭއެމްގެ ގަވައިދުތަކާއި އުސޫލްތައް އެކުލަވާލާ ރަނގަޅު ތަރުތީބަކުން ކުރިޔަށްގެންދިޔަ ކަމަށާއި އެއަށް ފަހު ވަކި ބަޔެއްގެ އަމިއްލަ މުހުތާދުތަކެއް ހާސިލު ކުރުމަށް ބަޔަކު އަޑީގައި ތިބެގެން ފުޓްބޯޅަ އެސޯސިއޭޝަން ހަލާކުގެ ތެރެއަށް ވައްޓާލީ ކަމަށް ޝާހް ބުނުވިއްވިއެވެ.
އެ ވާހަކަ މިއަދު ދައްކަނީ އެކަންކަމުގައި ފީފާ އާއި އޭއެފްސީ އަދި ހޯމް މިނިސްޓްރީތަންތަނަށް ސިޓީތައް އަޅައިގެން އެކަން ކުރި މީހެއްގެ ހައިސިއްޔަތުން ކަމަށް ޝާހް ބުނުއްވިއެވެ.
ފުޓްބޯޅަ އެސޯސިއޭޝަން އަކީ ފުޓްބޯޅައިގެ އެއްމެ ބޮޑު ބޮޑީ ކަމަށާއި އެއްވެސް ބަޔެއް، ކުލަބެއް ވެސް އެސޯސިއޭޝަނަށް ވުރެން ބޮޑު ނުވާނެ ކަމަށާއި އެކަމަކު ރާއްޖޭގައި އަބަދު ވެސް އެސޯސިއޭޝަން ހިނގަމުންދަނީ ކުލަބުގެ ދަށުގައި އޮވެގެން ކަމަށް ޝާހް ބުނުއްވިއެވެ.
މިއަދުގެ ހިންގާ ގަވައިދުގެ ދަށުން ޓައިމް ފްރޭމްލާފައި ނިންމަންޖެހޭ ކަންތައް އެބަހުރި ކަމަށާއި އެހެން ނަމަވެސް އެކަންކަން ކުރިޔަށްނުދަނީ ކީއްވެތޯ ޝާޙް ވަނީ ސުވާލުކޮށްފައެވެ.
ފުޓްބޯޅަ އަކީ އެންޓަޓައިންމެންޓް އަދި ބިޒްނަސްގެ އިތުރުން އެއްބައިވަންތަ ކުރުވުމަށްވެސް އޮތް ޕްލެޓް ފޯމެއް ކަމަށާއި މި ތިން ކަންތަކާއި އެކު މިކަން ކުރަންޖެހޭ އިރު މިއަދު ފުޓްބޯޅަ ކުރިޔަށްގެންދަން ޖެހޭނީ މިހާރުގެ އުސޫލުތަކާއި އެކު ކަމަށް ޝާހް ބުނުއްވިއެވެ.
މިކަންކަން ކުރެވޭނީ އެފްއޭއެމް އިން އެ ގަވައިދުތައް ހަދައި ކުލަބުތައް ޒިންމާދާރުކުރުވައިގެން ކަމަށާއި އެކަމުގެ އެންމެ ބޮޑު ޒިންމާއެއް އަބަދު ވެސް އޮންނާނީ އެފްއޭއެމްގެ ބޮލުގައި ކަމަށް ވެސް ތަޖްރިބާކާރު އެޑްމިނިސްޓްރޭޓަރ ބުނުއްވިއްއެވެ.