ކުވައިތަށް ދިމާވެފައިވާ އިޤުތިޞާދީ ޙާލަތުން އަރައިގަތުމަށް އެޤައުމަށް ކުރިޔަށް އޮތް ހަ އަހަރު ދުވަހަށް 180 ބިލިއަން ޑޮލަރު ބޭނުންވާކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައި.އެމް.އެފް) އިން ބުނެފި އެވެ.
ގަލްފު ޤައުމުތަކުގެ ތެލުގެ އަގު ދަށަށްދާނެ ކަމަށް ލަފާކުރެވޭތީ 180 ބިލިއަން ޑޮލަރު ބޭނުންވާނެކަމަށް އައިއެމްއެފުން ބުނެއެވެ. ކުވައިތުން މިމަހުގެ ކުރީކޮޅު ހާމަކޮށްފައިވަނީ އެގައުމުގެ ބަޖެޓު 9.2 ބިލިއަން ދީނާރު ނުވަތަ 30.30 ބިލިއަން ޑޮލަރުން ޑެފިސިޓް ވާނެކަމަށެވެ. މިދިޔަ އަހަރާއި އަޅާބަލާއިރު މިއީ 19 އިންސައްތައިގެ މަތިވުމެކެވެ.
ކުވައިތަކީ ގަލްފު ޤައުމުތަކުގެ ތެރެއިން އެންމެ ގިނަ ޢަދަދަކަށް ތެޔޮ އެކްސްޕޯޓް ކުރާ ޤައުމެވެ. ނަމަވެސް 2014 ން 2015 ވަނަ އަހަރާއި ދެމެދު ތެލުގެ އަގު ދަށަށް ދިޔައިރު ކުވައިތުން ވަނީ އެކަމުގެ ސަބަބުން ވާނެ ގެއްލުންތަކުން އަރައިގަނެފަ އެވެ. އެހެންނަމަވެސް ކުވައިތަށް ވަނީ 2017 ވަނަ އަހަރު އެޤައުމުގެ ދަރަނި 8 ބިލިއަނަށް އަރާފައިވުމުން އެކަމުން އަރަގަނެވޭނެ ގޮތް ނުވެފަ އެވެ.
ސަބަބަކަށްވެފައިވަނީ އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން އެޤައުމުގެ ދަރަނީގެ ކަންކަން ވަކި މިންވަރެއްގައި ހިފެހެއްޓުމާއި ދިގުމުއްދަތަކަށް މިކަމަށް ޙައްލު ގެނައުމާއި ގުޅޭގޮތުން އެކަމާ ގުޅޭ ޤާނޫނު ފާސްކުރުން ލަސްކުރަމުން ދިޔުމެވެ. މިކަމުގެ ސަބަބުން ކުވައިތުގެ ރިޒާވް ފަންޑު މެނޭޖްކުރާ ކުވައިތު އިންވެސްޓްމަންޓް އޮތޯރިޓީން ކުރިޔަށް އޮތް އަހަރުތަކުގައި އެޤައުމުގެ ޑެފިސިޓްވެފައިވާ ބައި ކަވަރު ކުރަންޖެހޭތީ އެކަމުގެ ކަންބޮޑުވުން ކަމާބެހޭ މާހިރުން ވަނީ ފާޅުކޮށްފަ އެވެ.
އައިއެމްއެފުން ލަފާކުރާ ގޮތުގައި ކުވައިތަށް ކުރިޔަށް އޮތް ހަ އަހަރު ދުވަހަށް 180 ބިލިއަން ޑޮލަރު ބޭނުންވަނީ އެޤައުމުގެ ފިސްކަލް ބެލެންސް 5.5 އިންސައްތައިގެ ބެހެއްޓުމަށެވެ. އަދި މިޢަދަދުގައި ޑެފިސިޓް ބެލެންސް 2025 ވަނަ އަހަރާ ހަމައަށް އަންނައިރު ބެހެއްޓުމަށް އެޢަދަދަށް ފައިސާ ބޭނުންވާނެކަމަށް އައިއެމްއެފުން ލަފާކުރެއެވެ.
ކުވައިތުގެ ތެލުގެ އިންޑަސްޓްރީ ފިޔަވައި ދެން ހުރި ދާއިރާތައް ވަނީ މިދިޔަ އަހަރު ކުރިއަރައިގެން ގޮސްފަ އެވެ. ނަމަވެސް ތެލުގެ އަގު ދަށަށް ދިޔުމާއި ގުޅިގެން ކުވައިތުގެ މުޅި އިޤްތިޞާދު ކުރިއެރުމަށް ވަނީ މަޑުޖެހުމެއް އައިސްފަ އެވެ. އެގޮތުން 2018 ވަނަ އަހަރު ކުވައިތުގެ އިޤްތިޞާދު ކުރިއަރާފައިވަނީ 1.2 އިންސައްތައިގަ އެވެ. ނަމަވެސް 2019 ވަނަ އަހަރު އިގްތިޞާދު ކުރިއަރާފައިވަނީ 0.7 އިންސައްތައިގަ އެވެ.