ސްޕެނިޝް ލަލީގާގައި ރެއާލް ވަޔަޑޮލިޑް ބަލިކޮށް ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.
ރެއާލް ވަޔަޑޮލިޑް ދަނޑުގައި ކުޅުނު މި މެޗު ރެއާލް މެޑްރިޑުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
މެޗު ފަށައިގެން ރެއާލް މެޑްރިޑުން ވަޔަޑޮލިޑްގެ ގޯލަށް ނުރައްކާކުރިއިރު މެޗުގެ ވަރަށް ކުރީކޮޅު ރެއާލް މެޑްރިޑުން ވަނީ ލަނޑު ޖަހައިފައެވެ. ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ބެލުމަށްފަހު ރެފްރީ ނިންމީ އެއީ ލަނޑެއް ނޫންކަމަށެވެ. މީގެ އިތުރުން މެޗުގެ 39 ވަނަ މިނެޓުގައި ރެއާލް މެޑްރިޑްގެ ކެސެމީރޯ އަށް ވަނީ ލަނޑު ޖެހުމަށް ރަނުގެ ފުރުސަތެއްލިބި ބޭކާރުވެފައެވެ. އޭރިޔާ ބޭރުން އޭނާ ފޮނުވައިލި ބޯޅަ ގޯލާ އަމާޒުނުވެ ދިޔައީ ބޭރަށެވެ.
މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 0-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ރެއާލް މެޑްރިޑުން އެޓީމު ކުރަމުން ގެންދިޔަ އެޓޭކްތައް ވަރުގަދަކުރި އިރު މި ހާފުގައި ރެއާލުން ވަނީ ފުލުފުލުގައި ވަޔަޑޮލިޑްގެ ގޯލަށް ހަމަލާތައް ފޮނުވައިލައިފައެވެ. އެގޮތުން މެޗުގެ 78 ވަނަ މިނެޓުގައި ރެއާލް މެޑްރިޑުން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ނާޗޯ އެވެ.
މި ލަނޑަށްފަހު ވެސް ރެއާލް މެޑްރިޑުން ވަނީ ވަޔަޑޮލިޑްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވައިލައިފައެވެ. ނަމަވެސް ވަޔަޑޮލިޑްގެ ކީޕަރު ވަނީ ރެއާލް މެޑްރިޑުން ފޮނުވައިލި ގިނަ ހަމަލާތަކެއް ދިފާއު ކޮށްފައެވެ.
މި ނަތީޖާ އާއި އެކު ރެއާލް މެޑްރިޑް ލީގު ތާވަލުގެ އެއްވަނައަށް ޖެހިލީ ކުޅުނު 21 މެޗުން ލިބުނު 46 ޕޮއިންޓާއިއެކުގައެވެ. ދެވަނައިގައި އޮތް ބާސެލޯނާއަށް 21 މެޗުން 43 ޕޮއިންޓް ލިބިފައިވާއިރު ތިންވަނައިގައި އޮތް ސެވިއްޔާ އަށް 21 މެޗުން ލިބިފައިވަނީ 38 ޕޮއިންޓް އެވެ.