ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗަކަށް ހޮލެންޑްގެ މާޓިން ކޫޕްމަން އަދި އެސިސްޓެންޓް ކޯޗަކަށް ރިނޭ ހިޑިންކް ހަމަޖައްސައިފިއެވެ.
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ހައުސްގައި އާދީއްތަ ދުވަހު ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މާޓިން އަދި ރިނޭއަށް މިއަހަރަށް ދެވިފައިވާ ޓާގެޓްއަކީ އޭޝިއަން ގޭމްސްއަށް ރާއްޖެ ކޮލިފައިކޮށްދިނުމާއި މިއަހަރުގެ ސެޕްޓެމްބަރ މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ސުޒުކީ ކަޕް ކާމިޔާބުކުރުން ކަމަށެވެ.
އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރ ޖުދާން އަލީ ވިދާޅުވީ ގައުމީ ކޯޗު ކަނޑައެޅިގެންދިޔައީ ދެފުއް ފެންނަ ގޮތަށް ކަމަށާއި އެކަމަށް ކުރިމަތިލި ކޯޗުންގެ ތެރެއިން އެންމެ ރަނގަޅު ކޯޗަކަށް އެއްބަސް ވެވުނީ މާޓިން ކަމަށެވެ. މީގެ އިތުރުން ޖުދާން ވިދާޅުވީ ގައުމީ ކޯޗުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރާއްޖޭގެ ކޯޗުންނަށް ވެސް ހުޅުވައިލެވުނު ކަމަށެވެ.
ގައުމީ ކޯޗު މާޓިން ބުނީ އޭނާ އެންމެ އިސްކަމެއްދޭނެ ކަމަކީ ކުޅުންތެރިންގެ އަހުލާގަށް ކަމަށާއި ކުޅުންތެރިން ދައްކާ ޕާފޯރމެންސްއަށް ބަލާނީ އަހުލާގަށް ފަހުގައިކަމަށެވެ. މީގެ އިތުރުން މާޓިން ބުނީ ޒުވާން ކުޅުންތެރިންނަށް ފުރުސަތުދީ އެކުޅުންތެރިން ކުރިއެރުވުމަށް އޭނާ މަސައްކަތް ކުރާނެ ކަމަށާއި ނަމަވެސް ގައުމީ ޓީމުގައި ކުޅޭ ކުޅުންތެރިން ކަނޑައަޅާނީ އުމުރަށް ބަލައިފައި ނޫން ކަމަށެވެ.
އެސިސްޓެންޓް ކޯޗު ރެނޭ ބުނީ ފުޓުބޯޅައަކީ މަސައްކަތްކޮށް ނަތީޖާ ނެރެންޖެހޭ ކުޅިވަރެއް ކަމަށާއި ހެޑް ކޯޗު މާޓިން އާއިއެކު ކާމިޔާބު ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
ގައުމީ ކޯޗު ކަމުގެ މަގާމަށް މާޓިން ހަމަޖެއްސީ ސައުތް އޭޝިއަން ގޭމްސްގައި ރާއްޖޭގެ ފުޓުބޯޅަ ޓީމު ނެރުނުދަށް ނަތީޖާ ތަކުގެ ސަބަބުން އެ މަގާމުގައ ކުރިންހުރި ޕީޓާ ސެގާޓް މަގާމުން ދުރުކުރުމަށްފަހުގައެވެ.
އުމުރުން 63 އަހަރުގެ މާޓިން އެންމެ ފަހުން ކޯޗުކަން ކޮށްދިނީ އުތުރު އެމެރިކާގެ ގައުމެއް ކަމަށްވާ އަރޫބާ އަށެވެ. 1989 ވަނަ އަހަރު ކޯޗިން ކެރިޔަރ ފެށި މާޓިން ވަނީ މީގެ ކުރިން ސައުދިއަރަބިއްޔާގެ ގައުމީ ޓީމުގެ އެސިސްޓެނޓް ކޯޗުކަން ވެސް އަދާކޮށްފައެވެ.