ޓޮޓެންހަމްއަށް ކުޅެމުން އަންނަ ކްރިސްޓަން އެރިކްސަން ގަތުމަށް އިންޓައިން ބިޑް ކުރުމާއި ގުޅިގެން ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯގެ ބަހުގެ ހަމަލާތަކެއް އިންޓަ މިލާންއަށް އަމާޒުކޮށްލައިފިއެވެ.
މި ސީޒަނަށްފަހު އެރިކްސަންގެ ކޮންޓްރެކްޓް ހަމަވާނެއެވެ. އެހެންކަމުން ޓޮޓެންހަމުން ވަނީ އެރިކްސަންއަށް އެހެން ކްލަބަކާއި އެކު މަޝްވަރާ ކުރުމުގެ ފުރުސަތު ހުޅުވައިލައިފައެވެ. ޔޫރަޕްގެ ގިނަ ކްލަބްތަކަކުން އެރިކްސަންއަށް އަންނަނީ ފާރަލަމުންނެވެ. އެގޮތުން ސްޕެއިންގެ ގަދަ ދެބާރު ކަމަށްވާ ބާސެލޯނާ އަދި ރެއާލް މެޑްރިޑް އާއި އިޓަލީގެ ޔުވެންޓަސްއިން ވެސް އަންނަނީ އެރިކްސަން އަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެރިކްސަން އާއި މިލާންއާއި ދެމެދު މިހާރު ވަނީ އެއްބަސްވުމަކަށް އާދެވިފައެވެ. އަދި މި ހަފްތާ ހޯމަ ދުވަހު އެރިކްސަން އިންޓަ އަށް ސޮއި ކުރާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
މޮރީނިއޯ ބުނީ އެރިކްސަން އަކީ ޕްރޮފެޝަނަލް ކުޅުންތެރިޔެއް ކަމަށާއި، ޓޮޓެންހަމްއާއި އޭނާ ގުޅުނު ފަހުން އެންމެ ޕްރޮފެޝަނަލްކޮށް މަސައްކަތްކުރި އެއް ކުޅުންތެރިޔަކީ އެރިކްސަން ކަމަށް ވެސް މޮރީނިއޯ ބުންޏެވެ.
މީގެއިތުރުން މޮރީނިއޯ ބުނީ އޭނާގެ ޓްރާންސްފަރ އަށް ގޮތެއް ނުނިމި ގިނަ ދުވަސްވާތީ އެކަމާ ހިތާމަ ކުރާކަމަށާއި އޭނާގެ ޓްރާންސްފަރ އަވަސް ކުރަން ޖެހޭ ކަމަށް ވެސް މޮރީނިއޯ ބުންޏެވެ.
އަޔެކްސް އިން 2009 ވަނަ އަހަރު ކެރިޔަރު ފެށި އެރިކްސަން ޓޮޓެންހަމް އަށް ބަދަލުވީ 2013 ވަނަ އަހަރެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 291 މެޗުގައި 68 ލަނޑު ކާމިޔާބު ކޮށްފައެވެ.
ޓޮޓެންހަމްއާ އެކު ލީގް ކަޕްގެ ދެވަނަ 2014 ވަނަ އަހަރުގެ ސީޒަނުގައި ހޯދި އެރިކްސަން ވަނީ ޓޮޓެންހަމްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރެއްގެ މަތިން ހޯދާފައެވެ.
މީގެ އިތުރުން ހަތަރު ފަހަރު ޑެންމާރކުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ އެރިކްސަން ވަނީ ގައުމީ ޓީމަށް ކުޅުނު 95 މެޗުގައި 31 ލަނޑު ކާމިޔާބު ކޮށްފައެވެ.