އިނގިރޭސި އެފްއޭ ކަޕްގައި ހަލް ސިޓީ އާއި ޗެލްސީ ބައްދަލުކުރި މެޗު ޗެލްސީން ކާމިޔާބުކޮށްފިއެވެ.
ހަލް ސިޓީ ދަނޑުގައި ކުޅުނު މި މެޗު ޗެލްސީން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ އިރު މި މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީއަށް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. މެޗުގެ 6 ވަނަ މިނެޓުގައި ޗެލްސީން ލަނޑު ޖަހާ ލީޑު ވަނީ ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ބަޓްސުއާއީ އެވެ. މީގެއިތުރުން މެޗުގެ 14 ވަނަ މިނެޓުގައި ޗެލްސީގެ ބަޓްސުއާއީ އަށް ވަނީ ލަނޑު ޖެހުމަށް ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. މީގެ އިތުރުން މެޗުގެ 27 ވަނަ މިނެޓުގައި ރޮސް ބާރކްލޭ ވަނީ ނުރައްކާތެރި ހަމަލާއެއް ހަލްގެ ގޯލަށް ފޮނުވާލާފައެވެ. ނަމަވެސް މި ހަމަލާ ހަލްގެ ކީޕަރު ވަނީ ހުޝިޔާރު ކަމާއެކު ދިފާއު ކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ޗެލްސީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ޗެލްސީން އެޓީމުން ކުރަމުން ގެންދިޔަ އެޓޭކްތައް ވަރުގަދަކުރަމުން ގެންދިޔައިރު މެޗުގެ 64 ވަނަ މިނެޓުގައި ޗެލްސީން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޓޮމޯރީއެވެ.
މި ލަނޑާއެކު ހަލްއިން އެޓީމުގެ ކުޅުން ރަނގަޅުކޮށް ޗެލްސީގެ ގޯލަށް ނުރައްކާ ކުރިއެވެ. އެގޮތުން މެޗުގެ 78 ވަނަ މިނެޓުގައި ހަލްއިން ވަނީ ލަނޑު ޖަހާ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ގްރޮސިކީ އެވެ.