މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ތަންފީޒުކުރަމުންދާ އިންކްލޫސިވް އެޑިއުކެޝަންގެ ސިޔާސަތާއި ގުޅިގެން، ސްކޫލްތަކުގައި ކުރިން ހިންގަމުންދިޔަ "ދަސްވާރު ޕްރޮގްރާމު" ސްޓްރީމެއްގެ ގޮތުގައި އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ މިނިސްޓްރީން އަމަލުކުރަމުންދާ އިންކްލޫސިވް އެޑިއުކޭޝަން ސިޔާސަތުގެ މައިގަނޑު އެއް ތަރަހައަކީ، ހުރިހާ ކުދިންނަށްވެސް ބައިވެރިވެވޭ މަންހަޖެއް ސްކޫލްތަކުގައި ތަންފީޒްކުރުން ކަމަށާއި، ތައުލީމީގޮތުން އިތުރު އެހީ ބޭނުންވާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދީގެން ސްކޫލް ހަޔާތުގެ ހުރިހާ ހަރަކާތެއްގައި ބައިވެރިކުރުވުން ކަމަށެވެ. އަދި ސްކޫލްތަކުގައި ހިންގަމުންދިޔަ، ދަސްވާރު ޕްރޮގްރާމު އަމާޒުކުރެވިގެން ދިޔައީ ތައުލީމީގޮތުން ދަށްކަމަށް ބަޔަކު ފާހަގަކުރާ ދަރިވަރުންނަށް ކަމުގައިވުމުން އޭގެ ނޭދެވޭ އަސަރު ގިނަ ދަރިވަރުންތަކަކަށް ކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
ދަސްވާރު ނިންމާ ބައެއް ދަރިވަރުންނަށް މަސައްކަތަށް ބޭނުންވާ ފެންވަރަށް ލިޓްރަސީއާއި، ނިއުމަރަސީ ނޭނގުމުގެ ސަބަބުން ވަޒީފާ ލިބުމުގައި ދަތިތަކެއް ދިމާވަމުންދާ ކަމަށާއި މިނިސްޓްރީގެ ސިޔާސަތަކީ ހުރިހާ ދަރިވަރުންނަށްވެސް ސްކޫލް ނިމޭއިރު އަބުރުވެރިކަމާއިއެކު ދިރިއުޅެވޭނެ މިންވަރަށް ތައުލީމް ލިބިފައިވާ ދަރިވަރުންތަކަކަށް ހެދުންކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ދަސްވާރު ސްޓްރީމަށް ބައެއް ދަރިވަރުން ލެވިފައިވަނީ އެންމެ އެދެވޭ ގޮތުގައި ނޫންކަން ފާހަގަކޮށް މިނިސްޓްރީން ބުނެފައިވަނީ ސްކޫލްގެ ނަތީޖާ މަތިކުރުމަށް ގައުމީ މަންހަޖުގައި ހިމެނޭ މުހިއްމު މާއްދާތައް ނުކިޔަވާ ދަސްވާރު ހެދުމަށް މަޖުބޫރު ކުރެވިފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ދަރިވަރުންގެ ޘާނަވީ ތައުލީމްގެ މަރުހަލާއަށް ވަރަށް ނޭދެވޭ އަސަރު ކުރާ ކަމަށް އެޑިއުކެޝަން މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ގްރޭޑް 10 ގައި ދަސްވާރު ޕްރޮގްރާމު ހެދޭކަން އެނގުމުން ދަށް ގްރޭޑްތަކުގައިވެސް ދަރިވަރުން ކިޔެވުމަށް ސަމާލުކަން ނުދީ "ލުއި" ގޮތަކަށް ޘާނަވީ މަރުހަލާ ނިންމާކަން ފާހަގަކުރެވުފައިވާ ކަމަށެވެ. ނަތީޖާއަކަށް ވެފައިވަނީ ސްކޫލަށް ދިއުމުގެ މަޤްސަދު ބައެއް ދަރިވަރުންނަށް ހާސިލްވެފައިނުވުން ކަމަށް މިނިސްޓްރީން ބުންޏެވެ.
ބައެއް ސްކޫލްތަކުގައި ފާއިތުވެދިޔަ އަހަރުތަކުގައި ދަސްވާރު ޕްރޮގްރާމު ކާމިޔާބުކަމާއިއެކު ކުރިއަށް ގެންގޮސްފައިވާކަންވަނީ ފާހަގަ ކޮށްފައެވެ. ސްޓްރީމެއްގެ ގޮތުގައި ދަސްވާރު ސްޓްރީމް ނެތުނަސް ސްކޫލްގައި ދަރިވަރުންނަށް ހުނަރު ދަސްކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދެވޭނެ ކަމަށާއި މިނިސްޓްރީގެ އަމާޒަކީ ގިނަ ފަރާތްތަކުގެ ލަފަޔާއި އިރުޝާދުގެ އަލީގައި ކޮންމެ ކުއްޖަކަށްވެސް ދިރިއުޅުމަށް ބޭނުންހިފޭ ހުނަރު ޕްރޮގްރާމެއް ކުރިއަށް ގެންދިއުން ކަމަށް މިނިސްޓްރީން ބުންޏެވެ. އެގޮތުން މިކަމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަނީ ފެށިފައިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީގެ މަގްސަދަކީ ހުނަރަކީ ހަމައެކަނި ދަށްކުދިންނަށް އޮންނަ އެއްޗެއްކަމުގައި ހެދުމުގެ ބަދަލުގައި ސްކޫލްތަކުން ނިކުންނަ ކޮންމެ ދަރިވަރަކީވެސް މަސައްކަތްތެރިކަމުގެ ހުނަރެއް ދަސްކޮށްފައިވާ ދަރިވަރަކަށް ހެދުންކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ އުއްމީދަކީ ގްރޭޑް 10 ނިންމާ ކޮންމެ ދަރިވަރަކީ ތައުލީމީގޮތުން ގާބިލް، މަސައްކަތުގެ މާހައުލުގައި ބޭނުންކުރެވޭ މިންވަރަށް ލިޓްރަސީ އާއި ނިއުމަރަސީ އެނގޭ އަދި ދިވެހިބަހާއި ދީނަށް އަހުލުވެރި ދަރިވަރަކަށް ހެދުން ކަމަށް އެމިނިސްޓްރީން މައުލޫމާތުދެއެވެ.