ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ އަށް މަގާމުން ވަކިކޮށްފައިވާ ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފިއެވެ.
މުނާޒު ވިދާޅުވީ ރާއްޖޭގެ ޖަލުތަކުގެ ހާލަތު ބެލުމަށްފަހު އެކުލަވާލާފައިވާ "ޖަލު އޮޑިޓް ރިޕޯޓް" ގައިވާ ހުރިހާ ކަމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެފައިވާ ކަމަށެވެ. މުނާޒު ވިދާޅުވީ ޖަލު އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ބެލުމަށް އެކުލަވާލި ކޮމެޓީއާ އިމްރާން 2019 ވަނަ އަހަރު ބައްދަލުކުރީ ދެ ފަހަރު ކަމަށެވެ.
މީގެ އިތުރުން ޖަލު އޮޑިޓް ރިޕޯޓްގައިވާ ކަންކަން ހާސިލްކުރުމަށް ބަޖެޓް ވެސް ނުދޭ ކަމަށް މުނާޒް ވަނީ ތުހުމަތުކުރައްވާފައެވެ.
ދިވެހިރާއްޖޭގެ ޖަލުގެ ހާލަތު ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވައިލާފައިވާ ޖަލު އޮޑިޓް ކޮމިޝަނުން ތައްޔާރު ކޮށްފައިވާ ''ދިވެހިރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯޓް 2019'' ގައި ފާހަގަކޮށްފައިވާ ކަންތައްތައް ކުރަމުންދޭތޯ ބެލުމަށް ހޯމް މިނިސްޓްރީން ޕްރިޒަންސް ރިފޯމް މޮނިޓަރިންގ ކޮމިޓީ އެކުލަވާލީ 03 ޖޫން 2019 ގައެވެ.
28 މެއި 2019 ވަނަ ދުވަހު ނެރުނު 290 ސަފްހާގެ މައްޗަށް އެކުލެވޭ ޖަލު އޮޑިޓް ކޮމިޝަންގެ ރިޕޯޓުގައި ޖަލުތަކުގައި ހުރި މައްސަލަތަކާއި، ހޯދުނު ހޯދުންތައް ތަފްޞީލްކޮށް ވަނީ ބަޔާންކޮށްފައެވެ.
އޭގެ ތެރޭގައި ޖަލުތަކުގައި މީހުން ބޭތިއްބުމަށް ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް މީހުން ބަންދުގައި ބޭތިއްބުމާއި، އިންސާނީ އަދި އެހެނިހެން ވަސީލަތްތައް އެކަށީގެންވާ ވަރަށް ނެތުން ފަދަ މައްސަލަތައް ހިމެނެއެވެ.
މުނާޒު މިފަދަ ތުހުމަތުތަކެއް ކުރައްވާފައިވަނީ މިމަހުގެ 21 ވަނަ ދުވަހު އޭނާ މަގާމުން ދުރުކުރުމާ ގުޅިގެންނެވެ.
މުނާޒު ޝެއިހް އިމްރާނަށް ތުހުމަތުތަކެއް ކުރައްވާފައިވާއިރު މިކާމާ ގުޅިގެން ހޯމް މިނިސްޓްރީގެ ބަހެއް ވަނީ ރާއްޖެއެމްވީއަށް ލިބޭގޮތް ނުވެފައެވެ.