ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އަދި ދަ ގްރާންޑޭ ބައްދަލުކުރި މެޗު މާޒިޔާއިން ކާމިޔާބުކޮށްފި އެވެ.
ގައުމީ ފުޓުބޯޅަ ސްޓޭޑިއަމްގައި ކުޅުނު މި މެޗު މާޒިޔާއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. މެޗުގެ 15 ވަނަ މިނެޓުގައި މާޒިޔާއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މި ޓްރާންސްފަރ މާކެޓްގައި މާޒިޔާއާއި އަލަށް ގުޅުނު އަފްގާނިސްތާނު ޑިފެންޑަރ މުހައްމަދު ޝާރިފް އެވެ. އޭގެ ތިން މިނެޓު ފަހުން ދަ ގްރާންޑޭއިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޔަސްފާދް ހަބީބް އެވެ. މި ލަނޑަށްފަހު ވެސް ދެޓީމަށް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއްލިބި ބޭކާރުވެފައެވެ.
މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން މާޒިޔާއިން އެޓީމުގެ އެޓޭކްތައް ވަރުގަދަ ކޮށްފައިވާއިރު އެޓީމުން ދިޔައީ ގްރާންޑޭގެ ގޯލަށް ފުލުފުލުގައި ހަމަލާތައް ފޮނުވައިލަމުންނެވެ. އެގޮތުން މެޗުގެ 74 ވަނަ މިނެޓުގައި މާޒިޔާއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލުކުޅުންތެރިޔެއްގެ ގޮތުގައި ކުޅެންއެރި ސްޓެވާޓް އެވެ. މި ލަނޑަށްފަހު ގްރާންޑޭއިން އެޓީމުގެ އެޓޭކްތައް ވަރުގަދަ ކުރިއެވެ.
ނަމަވެސް އެޓީމަށް މާޒިޔާގެ ގޯލާ އަމާޒުކޮށް ބޯޅައެއް ފޮނުވައިލެވޭ ގޮތް ވަނީ ނުވެފައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިގެންދިޔައީ މާޒިޔާގެ އިބްރާހީމް ވަހީދު ހަސަން (އިއްބެ) އެވެ.
މެޗަށްފަހު ވާހަކަދައްކަމުން ގްރާންޑޭގެ ކޯޗު އިސްމާއިލް މަހްފޫޒް (އިންމަ) ބުނީ މާޒިޔާ ކަހަލަ ވަރުގަދަ ޓީމަކާއި ދެކޮޅަށް ގްރާންޑޭ ކުޅުންދެއްކި ކުޅުމާއި މެދު ހިތްހަމަ ޖެހޭ ކަމަށާއި މި މެޗުން ގްރާންޑޭއަށް ޕޮއިންޓްއެއް ހައްގު ކަމަށެވެ.
މާޒިޔާގެ ކޯޗު މަރުޖާން ސްކޮލޮސްކީ ބުނީ މެޗުން ތިން ޕޮއިންޓް ލިބުމުން އެކަމާ ހިތްހަމަޖެހިފައި ހުރި ކަމަށާއި ނަމަވެސް ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ހިތްހަމަ ނުޖެހޭ ކަމަށެވެ.
މާޒިޔާއަކީ މިއަހަރުގެ ލީގު ޗެމްޕިއަނުންނެވެ.