ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް، ސަރުކާރުގެ ވަޒީފާގައި ތިބި އިދިކޮޅަށް ތާއިދުކުރާ ފަރާތްތައް ވަޒީފާއިން ވަކި ކުރަމުންދާކަމުގެ ތުހުމަތުތަކެއް ޕީޕީއެމުން ކޮށްފިއެވެ.
އެ ތުހުމަތުތައް ކޮށްފައިވަނީ ޕީޕީއެމްގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު (ޝުޖާ) އެވެ.
ބުރާސްފަތި ދުވަހު ކެމްޕޭނު ހަރަކާތަކަށް ރަށަކަށް ފުރަވަޑައިގަތުމުގެކުރިން އެއާޕޯޓުގައި ހުންނަވާ ރާއްޖޭގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއްގައި ޝުޖާ ވިދާޅުވީ، ރައީސް ޔާމީން ޖަލުގައި ހުންނެވިޔަސް ޕީޕީއެމް ހިންގަނީ އެމަނިކުފާނުގެ ލަފާފުޅާއި މަޝްވަރާގެ މަތިން ކަމަށެވެ. ލޯކަލް ކައުންސިލް އިންތިހާބަށް އެ ޕާޓީންކުރާ މަސައްކަތަކީ ޔާމީން މިނިވަންކުރުމަށް ކުރެވޭ އެންމެ މުހިއްމު މަސައްކަތް ކަމަށް ޝުޖާއު ވިދާޅުވިއެވެ. އެކަމަކު އެ މަސައްކަތް ކުރުމުގައި ސަރުކާރުގެ ތެރެއިން ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުން ކަމަށް އޭނާ ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ، އިންތިހާބުތަކާ ދިމާކޮށް ސަރުކާރުގެ ވަޒީފާގައި ތިބޭ ޕީޕީއެމަށް ސަޕޯޓްކުރާ މީހުން ސަސްޕެންޑްކޮށް ވަޒީފާއިން ވަކިކުރުމުންދާ ކަމަށެވެ.
އަޅުގަނޑުމެންގެ ކެނޑިޑޭޓުން ހާއްސަކޮށް މާލެއާ އަތޮޅު ތެރޭގެ ބައެއް ރަށްރަށުގައި އަޅުގަނޑުމެންގެ ކެނޑިޑޭޓުންނަށް ތާއިދުކުރާ މީހަކު ސަރުކާރުގެ ކުންފުންޏެއްގައި ހުއްޓަސް އޮފީހެއްގައި ހުއްޓަސް މިއަދު ތާއިދު ކޮށްފިއްޔާ މާދަމާ އިންނަނީ އޭނާގެ ސަސްޕެންޝަން އައިސްފައި.އިބްރާހިމް ޝުޖާއު ~ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު
މި ސަރުކާރަކީ ''ސަސްޕެންޑް'' ސަރުކާރުގެ ގޮތުގައި ސިފަކުރައްވަމުން ޝުޖާ ވިދާޅުވީ، އިދިކޮޅުން ސަރުކާރާއި ކުރިމަތިލަނީ ކެރިގެން ކަމަށެވެ. އެމްޑީޕީއަށާއި އެ ޕާޓީގެ ''އެޖެންޑާ 19'' އަށް ފާޑުވިދާޅުވަމުން އޭނާ ވިދާޅުވީ، ރައްޔިތުން އެމްޑީޕީއަށް މަޖިލީހުގެ މެޖޯރީޓީ ދިނުމުން ރައްޔިތުންގެ ލާބަޔާ މަންފާއަށް އެއްވެސް ކަމެއް ނުކުރާ ކަމަށެވެ.
މުވައްޒަފުން ސަސްޕެންޑްކުރާ ކަމަށް ޝުޖާ ކުރެއްވި ތުހުމަތުތަކާއި ގުޅިގެން ރާއްޖެ.އެމްވީން ގުޅާލުމުން އޭނާ ވިދާޅުވީ، މަޖިލީސް އިންތިހާބުގައިވެސް ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން ވަކި އެއްޗެއް ނާންގައި ގޭގައި މަޑުކުރަން އަންގަމުންދާ ކަމަށެވެ. އެ މުވައްޒަފުން ވަޒީފާ އަށްް ނެރެނީ އިންތިހާބު ނިމުމުން ކަމަށް ޝުޖާއު ވިދާޅުވިއެވެ.
އަންނަ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕުގެ އިސްބޭފުޅުން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޒިޔާރަތް ކުރަމުންނެވެ.