މިއަހަރުގެ ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ދިނުމަށް ހަމަޖެހިފައިވާ 1.6 ބިލިއަން ރުފިޔާގެ ބްލޮކް ގްރާންޓްގެ ތެރެއިން ފުރަތަމަ ޕޭމަންޓްގެ ގޮތުގައި 134 މިލިއަން ރުފިޔާ ކައުންސިލްތަކަށް ޖަމާކޮށްދީފި އެވެ.
އެކަމާއި ގުޅޭގޮތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ދައުލަތުން ކައުންސިލްތަކަށްދޭ އާންމު ހިލޭ އެހީގެ ގޮތުގައިދެވޭ ފުރަތަމަ ޕޭމަންޓް 134،584،205 (ސަތޭކަ ތިރީސް ހަތަރު މިލިއަން ފަސް ލައްކަ އަށްޑިހަ ހަތަރު ހާސް ދުއިސައްތަ ފަސް ) ރުފިޔާ ކައުންސިލްތަކަށް ޖަމާކޮށްފައިވާ ކަމަށެވެ.
ފުރަތަމަ ފަހަރަށް ދައުލަތުން ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި ފައިސާ ދިނުމަށް ވަނީ މިއަހަރުގެ ބަޖެޓްގައި ހިމަނާފައެވެ. އެގޮތުން މިކަމަކީ ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވާ ފުދުންތެރި ކުރުވުމަށް ކުރާ ކަމެއްކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ދައުލަތުން ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ދޫކުރުމަށް ވަނީ ނިންމާފަ އެވެ.
ފިނޭންސް މިނިސްޓްރީން ވަނީ ކައުންސިލްތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި ކައުންސިލްތަކުގެ ބަޖެޓް ތައްޔާރުކުރުމާއި، ބަޖެޓް ތަންފީޒުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލާ އާންމުކޮށްފަ އެވެ. މިއުސޫލުގައިވާ ގޮތުން ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ދޭ ހިލޭ އެހީ ބެހިގެންވަނީ ތިން ގޮތެއްގެ މަތިންނެވެ. އެގޮތްތަކަކީ:
- ދައުލަތުގެ އޮފީސްތަކަށް ލިބޭ ޖުމްލަ އާމްދަނީގެ %5
- ބިމާއި ، ރަށްރަށާއި، ފަޅާއި ، ފަރު ފަދަ ތަންތަނުން ކުލީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީގެ %40
މީގެއިތުރުން މިއުސޫލުގައި ބުނަނީ ކައުންސިލްތަކަށް ދޭ ހިލޭ އެހީގެ ފައިސާ ބަހަމުންދާނީ ފިސްކަލް ފޯމިއުލާއެއް ބޭނުން ކޮށްގެންކަމަށެވެ. ފިސްކަލް ފޯމިއުލާގެ ތެރެއިން ހިލޭ އެހީ ކަނޑައެޅުމުގައި ބަލާ މިންވަރު ބިނާކުރަނީ ރަށުގައި ދިރިއުޅޭ އާބާދީ އާއި ބިމުގެ ސަރަހައްދާއި އަތޮޅުގެ ވެރިކަންކުރާ ރަށާއި ހުރި ދުރުމިނާއި މާލެ އާ ހުރި ދުރުމިން އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ވަޒަންކޮށް ކައުންސިލްތަކުގެ ޕާފޯމަންސަށް ދޭ ސްކޯރ އަށެވެ.
ފިސްކަލް ފޯމިއުލާގެ ދަށުން ހިލޭ އެހީ ބެހުމަށް ހަމަޖެހިފައިވަނީ:
- ރަށު ކައުންސިލްތަކަށް %76
- އަތޮޅު ކައުންސިލްތަކަށް %8
- ސިޓީ ކައުންސިލްތަކަށް %16
މިއަހަރު ކައުންސިލްތަކުގެ ބަޖެޓް މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ "ވިޔަ މޮޑިޔުލް" މެދުވެރިކޮށް ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީން ވަނީ ކައުންސިލްތަކަށް އަންގާފަ އެވެ. އަދި ބަޖެޓް ނުކުރާކަމަކަށް ފައިސާ ދޫނުކުރާނެ ކަމަށް ފިނޭންސް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.