އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓްހަމް އަދި ލެސްޓާއިން ބައްދަލުކުރި މެޗު ލެސްޓާ ސިޓީ އިން ކާމިޔާބުކުރި ނަމަވެސް އެޓީމުގެ ހުނަރުވެރި ފޯވާޑް ޖެމީ ވާޑީއަށް އަނިޔާވެއްޖެ އެވެ.
ލެސްޓާ ސިޓީ ދަނޑުގައި ކުޅުނު މި މެޗު ލެސްޓާއިން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ.
މެޗު ފަށައިގެން ލެސްޓާއިން މޮޅު އެޓޭކިންގ ގޭމެއް ކުޅުނުއިރު ލެސްޓާއިން ވަނީ ފުލުފުލުގައި ވެސްޓްހަމް ގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މެޗުގެ 24 ވަނަ މިނެޓުގައި ލެސްޓާއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހާރވޭ ބާރނޭސް އެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ރިކާޑޯ ޕެރޭރާގެ އެހީތެރިކަމާއިއެކުގައެވެ. މި ލަނޑަށްފަހު ވެސް ލެސްޓާއަށް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއްލިބި ބޭކާރުވެފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލެސްޓާއިން ވަނީ އިތުރު ލަނޑެއްޖަހާ ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރިކާޑޯ ޕެރޭރާ އެވެ.
މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ލެސްޓާ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ވެސްޓްހަމްއިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން މެޗުގެ ދެވަނަ ހާފު ފަށައިގެން ގިނައިރުތަކެއް ނުވެ، ވެސްޓްހަމްއިން ވަނީ ލަނޑު ޖަހައި ފަރަގު ކުޑަ ކޮށްފައެވެ. މި ލަނޑު އެޓީމަށް
ކާމިޔާބުކޮށްދިނީ މާކް ނޯބަލް އެވެ. މި ލަނޑާއެކު ލެސްޓާއިން ވަނީ އެޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށްފައެވެ. އެގޮތުން މެޗުގެ 81 ވަނަ މިނެޓުގައި ލެސްޓާއިން ވަނީ ލަނޑު ޖަހާ ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަޔޯޒޭ ޕެރޭޒް އެވެ. މެޗުގައި ލެސްޓާއިން ކާމިޔާބުކުރި ފަހު ލަނޑު މެޗުގެ 88 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ވެސް އަޔޯޒީ ޕެރޭޒް އެވެ.
މި ނަތީޖާއާއި އެކު ލެސްޓާއިން އޮތީ އިނގިރޭސި ޕްރިމިއާ ލީގުގެ ލީގު ތާވަލުގެ ތިންވަނައިގައި ކުޅުނު 24 މެޗުން ލިބުނު 48 ޕޮއިންޓާއެކުގައެވެ. ލީގު ތާވަލުގެ ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް 24 މެޗުން 51 ޕޮއިންޓްވަނީ ލިބިފައެވެ.