އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑަރޭޝަނުގެ ރައީސް ތޯމަސް ވެއިކާރޓް އާއި ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހުލޫފް މިއަދު ބައްދަލުކުރައްވައިފިއެވެ.
ޔޫތް މިނިސްޓްރީއިން ބުނީ މިއަދު ހެނދުނު އައިޓީޓީއެފްގެ ރައީސްއާއިއެކު ބޭއްވުނު ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ ރާއްޖޭގެ ޓީޓީ ކުރިއެރުވުމަށް ކުރެވެން ހުރި ކަންކަމާއި މެދުގައި ކަމަށާއި މީގެއިތުރުން ބީޗް ޓީޓީ ރާއްޖެއަށް ތައާރަފް ކުރުމަށްވެސް މަޝްވަރާކުރެވުނު ކަމަށެވެ.
ކުޅިވަރާއި ބެހޭ ވަޒީރުގެ އިތުރުން ތޯމަސް ވަނީ މިއަދު ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދާއި، މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރްޒޫގް އާއި ވެސް ބައްދަލުކުރައްވައިފައެވެ. ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ބުނީ މި ބައްދަލުވުންތަކުގައި އެއެސޯސިއޭޝަނުގެ ވެރިން ވަނީ ބައިވެރިވެފައި ކަމަށާއި އައިޓީޓީއެފްގެ ރައީސް ތޯމަސް ވަނީ ސޯޝަލް ސެންޓަރުގެ އިތުރުން ޓީޓީ ހޯލު ބައްލަވައިލައްވައިފައި ކަމަށެވެ.
އެމްއޯސީގެ ޖެނެރަލް ސެކްރެޓަރީ މަރްޒޫގް ވިދާޅުވީ އައިޓީޓީއެފްގެ ރައީސް އަކީ ބައިނަލްއަގްވާމީ ކުޅިވަރު ޖަމިއްޔާއެއްގެ ރައީސް އެމްއޯސީ އަށް ޒިޔާރަތްކުރެއްވި ފުރަތަމަ ފަހަރު ކަމަށެވެ.
ތޯމަސް ވިދާޅުވީ އޭނާ ރާއްޖެއަށް އައީ ޗުއްޓީ ހޭދަކޮށްލުމަށް ކަމަށާއި ނަމަވެސް ރާއްޖޭގެ ޓީޓީ ކުޅުންތެރިން ހޯދަމުންދާ ކާމިޔާބީއާއި އެކު ޓީޓީގެ ކަންތައްތައް ކުރިޔަށްދާގޮތް ބަލައިލަން ބޭނުންވީ ކަމަށެވެ. އެގޮތުން ރާއްޖޭގެ ޒުވާން ކުޅުންތެރިޔާ ފާތިމަތު ދީމާ ހޯދަމުންދާ ކާމިޔާބީ އަކީ ރާއްޖޭގައި ޓީޓީ ކުރިއެރުވޭނެ ކަމުގެ ހެއްކެއް ކަމަށާއި ޓީޓީ ކުރިއެރުވުމަށް ސަރުކާރުން ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަން އުފަލާއެކު ފާހަގަ ކުރާ ކަމަށެވެ.