ކ. މާލެ
|
22 ޖެނުއަރީ 2020 | ބުދަ 12:18
އިޓަލީގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ތެރެއިން
އިޓަލީގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ތެރެއިން
އެމްއެމްޕީއާރްސީ
ޓޫރިޒަމް
އިޓަލީގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ކެމްޕޭނެއް ފަށައިފި
އިޓަލީގެ 14 އެއަރޕޯޓެއްގެ 350 ސްކްރީނެއްގައި ރާއްޖޭގެ ރީތި މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތައް ދައްކަމުންދާނެ
އިޓަލީގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ ކަންކަން މިއަހަރު ކުރިޔަށްދާނެ ކަމަށް އެމްއެމްޕީއާރުސީން ބުނޭ
2019 ވަނަ އަހަރު ނިމުނުއިރު އިޓަލީން 136،343 ފަތުރުވެރިން ރާއްޖެ އައިސްފައިވޭ

އިޓަލީގައި ރާއްޖެ އިޝްތިހާރުކުރުމުގެ ކެމްޕޭނެއް މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ފަށައިފި އެވެ.

އެމްއެމްޕީއާރުސީން ބުނީ މިކެމްޕެއިން ތެރޭގައި ރާއްޖެ އިޝްތިހާރު ކުރުމަށް އިޓަލީގެ 14 އެއަރޕޯޓެއްގެ 350 ސްކްރީނެއްގައި ރާއްޖޭގެ ރީތި މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތައް ދައްކަމުންދާނެ ކަމަށެވެ. މީގެއިތުރުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ގެންނަ ޓްރެވަލް އެޖެންސީ ކަމުގައިވާ އަލްޕިޓުއަރ ގެ ދަށުން ހިންގާ އެޖެންސީގެ 2000 އޮފީހުގެ ޢާންމުންނަށް ފެންނަގޮތަށް އިޝްތިހާރު ކުރަމުންދާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. މިއޮފީސްތަކަކީ އިޓަލީގެ އެކި ހިސާބުތަކުގައި ހުންނަ އޮފީސްތަކެކެވެ.

މީގެއިތުރުން އިޓަލީގެ ދެވަނަ އަށް އެންމެ ބޮޑު ސިޓީކަމުގައިވާ މިލާންގެ ދަތުރު ފަތުރުކުރުމަށް ބޭނުންކުރާ ބަސްފަދަ ތަކެތީގައިވެސް ރާއްޖޭގެ ރީތިކަން ދައްކުވައިދޭ އަދި ފަތުރުވެރިން އެންމެ ގަޔާވާ ތަންތަން ދައްކުވައިދޭ ފޮޓޯތައް ހިތްޕާފައި ހުންނާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. މިލާންގެ ފަތުރުވެރިކަމުގެ މަންޒިލްތަކަށް ދަތުރުކުރާ މި ޓްރޭމްގައި ރާއްޖެ އިޝްތިހާރުކުރުން ތިން މަސްދުވަހުގެ މުއްދަތަށް ކުރިޔަށްދާނެއެވެ.

އިޓަލީގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ ކަންކަން މިއަހަރު ކުރިޔަށްދާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. އެގޮތުން އެމްއެމްޕީއާރުސީން މިއަހަރު އިޓަލީގައި ބާއްވާ ދެ ފެއަރ އަކާއި ޕްރެސްތަކާއި އަދި ސެލެބްރިޓީންނާއި އެހެން ނުފޫޒުގަދަ މީހުން ބައިވެރިވާ ދަތުރުތަކުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ކަންކަން ކުރިޔަށް ގެންދާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. މީގެއިތުރުން ޓްރެވަލް އެޖެންސީތަކާއި ގުޅިގެން އޮންލައިން ކެމްޕެއިންތައްވެސް ކުރިޔަށް ގެންދާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

2019 ވަނަ އަހަރު ނިމުނުއިރު އިޓަލީން 136،343( އެއްލައްކަ ތިރީސް ހަހާސް ތިން ސަތޭކަ ސާޅީސް ތިން) ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. އަދި އިޓަލީއަކީ ރާއްޖެއަށް ތިން ވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމެވެ. 2018 ވަނަ އަހަރާއި އަޅާބަލާއިރު 2019 ވަނަ އަހަރު ރާއްޖެ އައި ފަތުރުވެރިންގެ އިންސައްތަ ވަނީ 29.5 އިންސައްތަ އިތުރުވެފަ އެވެ.

- ކޮމެންޓް