މިހާރު ޢަމަލު ކުރަމުންދާ މާލިއްޔަތު ޤަވާއިދަށް ބޮޑު ތިން ބަދަލެއް ގެންނާނެ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފި އެވެ.
އެމްޑީޕީން އިންތިޒާމުކޮށްގެން ހދ ކުޅުދުއްފުށި ސިޓީގައި ކުރިޔަށްގެންދިޔަ "އިރުވައި ކޮންފަރެންސް" ގައި ކޮންފެރެންސްގެ ބައިވެރިންނަށް ޓެންޑަރިންނާ ގުޅޭ މަޢުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންސް އެގްޒެކެޓިވް ޕްރޮކިޔުމަންޓް އަޙްމަދު މުޖުތަބާ ވިދާޅުވީ މާލިއްޔަތު ޤަވާއިދަށް ބޮޑު ތިން ބަދަލެއް ގެންނަނީ ލާމަރުކަޒީ ޤާނޫނުން މަޝްރޫޢުތައް ހިންގުމާއި އެކިއެކި މަސައްކަތްކުރުމަށް ކައުންސިލްތަކަށް ބާރުދީ އެމަސައްކަތްތައް ކުރުމަށް ފަސޭހަކުރުމަށް ކަމަށެވެ.
ލާމަރުކަޒީ ޤާނޫނުގައި މަޝްރޫޢުތައް ހިންގުމަށް ފަސް މިލިއަން ރުފިޔާއަށްވުރެ ދަށް ޕްރޮޖެކްޓްތައް ހިންގުމުގެ ބާރު ރަށު ކައުންސިލްތަކަށް ލިބިދޭކަމަށް މުޖުތަބާ ވިދާޅުވި އެވެ. މިހާރު ޓެންޑަރިން ޕްރޮސެސް 2.5 މިލިއަނަށް ލިމިޓް ކޮށްފައި އޮތްއޮތުން މަތިކޮށް 5 މިލިއަނާ ހަމައަށް މަތިކޮށްފައިވާ ކަމަށް މުޖުތަބާ ވިދާޅުވި އެވެ. އަދި މިހާރު އެލްޖީއޭ މެދުވެރިކޮށް ޓެންޑަރިންއަށް ފޮނުވަން ނުޖެހޭ ކަމަށް މުޖުތަބާ ވިދާޅުވި އެވެ.
ޓެންޑަރިން ޕްރޮސެސް ލަސްވާ ވާހަކަ ދެން އަންނަ ޝަކުވާއަކީ.. ފަސް މިލިއަނަށް ޓެންޑަރިން އިތުރު ކުރީމާ އެކައުންސިލުން ފުދޭވަރަކަށް އަވަހަށް އެ ޕްރޮޖެކްޓްތައް ގެންދާނެ. މިހާރު މިދިމާވާ ގޮތަކީ ނޭޝަނަލް ޓެންޑާރގައި ވަރަށް ލިމިޓެޑް ކެޕޭސިޓީ އަކާއެކު ކުރިޔަށް މިގެންދަނީ ހުރިހާ ޕްރެކެޖްޓެއް. އެހެންވީމާ ކުރޔަށް އޮތް ތާންގައި ޓެންޑަރިންނަށް ލުއި ވާނެ. ކައުންސިތަކުން އެކަން ކުރާނީ.ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންސް އެގްޒެކެޓިވް ޕްރޮކިޔުމަންޓް އަހުމަދު މުޖުތަބާ
މީގެއިތުރުން މުޖުތަބާ ވިދާޅުވީ އިކޮނޮމިކް ކައުންސިލުން ނިންމާފައިވަނީ ޚާއްޞަކޮށް ދިވެހި ވިޔަފާރިވެރިންނަށް ތަނަވަސް ފުރުޞަތުތަކެއް މީގެ ތެރެއިން ދިނުމަށް ކަމަށެވެ. އެހެންކަމުން މާލިއްޔަތު ޤަވާއިދުގެ ތެރެއިން މިދިޔަ އަހަރު 2.5 މިލިއަނުން ދަށުގެ ހުރިހާ މަޝްރޫޢެއްގެ މަސައްކަތެއްގެ ކޮންސަލްޓެންސީ ފިޔަވައި ދޭންވާނީ އެސްއެމްއީ ތަކަށް ކަމަށް ނިންމާފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރާނެ ކަމަށް މުޖުތަބާ ވިދާޅުވި އެވެ.
މީގެއިތުރުން ޚާއްސަކޮށް އިންފްރާ ސްޓަރަކްޗަރގެ ޕްރޮޖެޖްޓްތައް ދޭނީ ޚައްސަކޮށް ދިވެހިންނަށް އެކަނި ކަމަށް ބަދަލުކުރާނަން އަންނަ ހަފްތާގައި (މިހަފްތާ) މާލިއްޔަތު ގަވާއިދުގެ ތެރެއަށް. އޭރަށް ބޭރު ކުންފުނިތަކާ ވާދަކުރަން ނުޖެހޭނެ.ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންސް އެގްޒެކެޓިވް ޕްރޮކިޔުމަންޓް އަހުމަދު މުޖުތަބާ
މީގެއިތުރުން މިހާރު 3 ފަހަރަށް އިޢުލާން ކުރާގޮތަށް އޮންނަ އޮތުމަށްވެސް ބަދަލު ގެންނަވާނެ ކަމަށް މުޖުތަބާ ވިދާޅުވި އެވެ. މިހާރު މިގެންނަ ބަދަލަކީ ކޮންމެހެން 3 ފަހަރު އިޢުލާންނުކޮށް ގެޒެޓް ގައި ޖަހާގޮތަށް ކަމަށް މުޖުތަބާ ވިދާޅުވި އެވެ. އެގޮތުން އިޢުލާން ކުރާ މުއްދަތު އިތުރުކޮށް ޓެންޑަރިންނަށް އެކަކު އަޔަސް އެއީ ޝަރުތު ހަމަވާ ފަރާތެއް ނަމަ އެކަށީގެންވާ އަގެއް ކަމަށްވާނަމަ އެފަރާތަކާއެކު ކުރިޔަށް ދެވޭނެ ގޮތަށް ބަދަލު ގެންނާނެ ކަމަށް މުޖުތަބާ ވިދާޅުވި އެވެ.
މާލިއްޔަތު ޤަވާއިދަށް މިގެންނަ ބަދަލުތަކަކީ ކައުންސިލްތަކުން ގެންދާ މަޝްރޫޢުތައް ހިންގުމަށް ފަސޭހަ ކުރުމަށް ކަމަށް މުޖުތަބާ ވިދާޅުވި އެވެ.