ދެކުނުގެ ރަށެއްގައި އާއިލާ މީހުންތަކެއް ވެގެން ދެ އަހަރުގެ ކުޑަކުއްޖަކު ރޭޕްކުރި މައްސަލާގައި 2 މީހަކު ހައްޔަރުކޮށްފި އެވެ.
ތުއްތު ކުއްޖަކަށް އާއިލާގެ މީހުންތަކެއް ޖިންސީ ގޯނާކުރި މައްސަލަ އެއް ފުލުހަށް ހުށައެޅިފައިވާކަން ފުލުހުން ހާމަކޮށްފައިވަނީ ބުރާސްފަތި ދުވަހުއެވެ.
އެ މައްސަލައިގައި މީހަކު ހައްޔަރު ކުރިތޯ ބަލާލަން ފުލުހުންނަށް ގުޅާލުމުން މީޑިއާ އޮފިޝަލް ވިދާޅުވީ، އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ. އޭގެ ގާތްގަނޑަކަށް 5 މިނެޓްފަހުން ފުލުހުންގެ މީޑިއާ ގުރޫޕްގައި ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ މީހަކު ހައްޔަރުކޮށްފައިވާކަމަށް ބުނެފަ އެވެ.
އެ މައްސަލާގައި މީހަކު ހައްޔަރުކޮށްފައިވާކަމަށް ބުނެ، ފުލުހުންގެ މީޑިއާ ގުރޫޕަށް ހިއްސާކުރި މެސެޖުގައި ބުނެފައިވަނީ ފުލުހުން މިހާތަށް ބެލިބެލުމުން މި މައްސަލާގައި އެ ކުއްޖާއާއިމެދު ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ 2 ފިރިހެނަކު ހިމެނޭކަމަށެވެ. އޭގެތެރެއިން 62 އަހަރުގެ ދިވެހި ފިރިހެނަކު ހުކުރު ދުވަހުގެ 15:05 ގައި ހައްޔަރުކޮށްފައިވާކަމަށް އޮފިޝަލް ވިދާޅުވި އެވެ. އަދި 15:25 ގައި 81 އަހަރުގެ ދިވެހި ފިރިހެނަކު މައްސަލާގައި ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވަނީ އެކުއްޖާގެ ބައްޕައާއި، ކާފަ އަދި މުނިކާފައެވެ. އަދި އެކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވަނީ އެކުއްޖާގެ މަންމަ ޑްރަގް ރިހިބިލެޓޭޝަންގެ ކަމެއްގައި މާލެ އައިސް ހުއްޓާއެވެ. އެ ކުއްޖާގެ މަންމަ އާއި ބައްޕައަކީ، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ދެ މީހުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ސޯޝަލް މީޑިއާގައި މި މައްސަލައާއި ގުޅިގެން ދައުރުވަމުންދާ ޕޯސްޓެއްގައި ބުނެފައިވަނީ، އެ ކުއްޖާގެ މަންމަ ރިހިބިލެޓޭޝަންގެ ކަމެއްގައި މާލެ އައިސް އުޅެނިކޮށް އެކުއްޖާގެ ބޮޑުދައިތައެއް އެ ކުއްޖާ ބަލަން ގެންދަން އުޅުމުން އެކުއްޖާގެ ބައްޕަ އެކަމަށް އިންކާރު ކުރި ކަމަށެވެ. އަދި އެ ކުއްޖާގެ ބޮޑުދައިތަ އޭނަ ރީތިކުރަން އުޅުމުގެ ތެރޭގައި ޖިންސީ ގުނަވަނަށް ތަދުވާކަމަށް ބުނުމުން، އަނިޔާ ލިބިފައިހުރި ކަމުގެ ނިޝާންތައް ފެނިގެން ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކި ކަމަށާއި، އެ ކުއްޖާއަށް ބޮޑެތި ހާނިކަ ވެފައިވާ ކަމަށް މި ޕޯސްޓުގައި ވަނީ ބުނެފައެވެ.